ނައިޖީރިއާގައި އެކްސިޑެންޓެއް ހިނގި ތަނަކުން ވެހިކަލެއް ނަގަނީ: މަގުމަތީގެ އެކްސިޑެންޓް ހިނގާ ތަންތަނަށް މީހުން ގޮސް ވެހިކަލްތަކުން ތެޔޮ ނެގުން ނައިޖީރިއާގައި ވަނީ އާންމުވެފައި.
19 ޖެނުއަރީ 2025 - 05:51
ނައިޖީރިއާގައި އިއްޔެ ޕެޓްރޯލް ޓޭންކަ ޓްރަކެއް އެކްސިޑެންޓުވެ ފުށުން ޖެހިފައި އޮއްވައި މީހުން އެއިން ޕެޓްރޯލް ނަގަން އެއްވި ތިއްބައި ޓޭންކަރު ގޮވުމުގެ ސަބަބުން 70 މީހަކު މަރުވެއްޖެ އެވެ.
ނައިޖާ ސްޓޭޓްގެ ފެޑެރަލް ރޯޑް ސޭފްޓީ ކޯޕްސް (އެފްއާރުއެސްސީ)ގެ ވެރިޔާ ކުމާރު ސުކްވާމް ފޯނުން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު 70 އަށް އަރާފައި ވާއިރު މި އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.
ސުކްވާމް ވިދާޅުވީ އެކްސިޑެންޓުވީ ފެޑެރަލް ވެރިރަށް އަބޫޖާ އާއި އުތުރުގެ ސިޓީއެއް ކަމަށްވާ ކަޑޫނާ ގުޅުވައިދޭ މަގުގެ ޑިކްކޯ ޖަންކްޝަންގައި 60،000 ލީޓަރުގެ ޕެޓްރޯލް ހިފައިގެން ދަތުރުކުރި ޓްރަކެއް ކަމަށެވެ.
"ގިނަ މީހުންގެ ހަށިތައް އެއީ ކޮން ބައެއްކަން ނޭނގޭ ވަރަށް ހުރީ އަނދާފައި،" ސުކްވާމް ވިދާޅުވި އެވެ.
ނައިޖީރިއާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑު ކާރިސާގައި 18 މަސް ދުވަހުގެ ތެރޭގައި ޕެޓްރޯލްގެ އަގު ފަސް ގުނަ އަށް ވަނީ އުފުލިފަ އެވެ. އެހެންވެ، މަގުމަތީގެ އެކްސިޑެންޓްތައް ހިނގާ ތަންތަނަށް ގޮސް، ފުރާނައަށް ނުރައްކާވާ ގޮތަށް އެތައް ބަޔަކު ތެޔޮ ހޯދަން މަސައްކަތްކުރެ އެވެ.
ނައިޖާ ސްޓޭޓްގެ ގަވަރުނަރު އުމަރު ބާގޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދިމާވީ ކަންބޮޑުވާ، ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި އަދަދު ކަށަވަރުނުވާހާ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވެފައިވާ ކަމަށެވެ.
އެފްރިކާގެ އެންމެ ބޮޑު އާބާދީ އޮންނަ ނައިޖީރިއާގެ ޖިގާވާ ސްޓޭޓްގައި މިދިޔަ އޮކްޓޫބަރު މަހު ހިނގި މިފަދަ ހާދިސާއެއްގައި 170 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy