ކަސްޓަމްސް އިން ހިފެހެއްޓި މިޔަރު މަސްތަކެއް: ވަގަށް ބޭރުކުރަން އުޅުނު 500 އަށް ވުރެ ގިނަ ކިލޯގެ މިޔަރު މަހާއި މަޑިމަސް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައި --- ފޮޓޯ/ކަސްޓަމްސް
30 ޖެނުއަރީ 2025 - 15:07
ރާއްޖެއިން ވަގަށް ބައި ޓަނުގެ މިޔަރު މަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ކަސްޓަމްސް އިން ސިއްރުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް ކަސްޓަމްސްއިން މިއަދު ދިން ޖަވާބުގައި ބުނީ ރާއްޖެއިން 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ސިއްރުކުރީ އެއީ މިވަގުތު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.
ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖެއިން ބޭރުކުރުން މަނާތަކެތި ބޭރުކުރަން އުޅުނުކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހު ކަސްޓަމްސުން ޝިޕްމަންޓެއް ފާސްކުރުމުގެ ތެރޭގަ އެވެ.
ކަސްޓަމްސުން އޭރު ބުނެފައިވަނީ އެ ތަކެތި ބޭރުކުރަން އުޅުނީ ލޮނު މަހުގެ ގޮތުގައި ކަމަށެވެ. އެކަމަކު، މެރިން ރިސާޗް ސެންޓަރުން އިތުރަށް ޓެސްޓު ހެދުމަށްފަހު، އެއީ މިޔަރު މަހާއި މަޑި މަސް ކަމަށް ކަށަވަރުކޮށް ދީފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ.
އޭގެފަހުން މިދިޔަ މަހު ކަސްޓަމްސް އިން ވަނީ އެ ތަކެތި ނައްތާލައިފަ އެވެ.
ކަސްޓަމްސުން ބުނީ މިޔަރު މަސް ބޭރުކުރަން އުޅުނު ކުންފުނީގެ މައްސަލަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އިތުރު ތަފްސީލެއް ނުދެ އެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން ހިފުމާއި ބޭނުން ކުރުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުން ވެސް މަނާ ބާވަތްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
31 January 2025
ނަހުލާއަކީ ފިލްމީ ތަރިއެއްތަ?
އާފް
31 January 2025
ކަނޑުފަޅުގަ ވަކިއުމުރަކައް ތަކެތި ލެއްވީ ވަގުތުޖެހުނީމަ ގެންދަވާނެ ހިމާޔަތް ކުރިޔަސް ނުކުރިޔަސް ތީވެސް ބަޔަކައް ލާރިތަކެއް ދޭންވގެން ގަންނަގަނޑެއް
އެންޒީ
31 January 2025
މަށޭ ކިޔާތަ
ހަޖާމްބެ
30 January 2025
މި ސަރުކާރުން ހުރިހާކަމެއްވެސް ސިއްރުކުރާނެ. މިކަހަލަ ކަންތައް ސިއްރުކުރަނީ ވައްކަމަކަށް ފުރުސަތުދޭން.
މިވަރެއްނެތް
30 January 2025
ކަލޯގެޔާ ތިދެވެނީ ކުށްވެރިންނަށް ހިތްވަރު. ތިކަން ސިއްރުކުރީމަ މަމެންކަހަލަ ދުރުގަ ތިބޭ މީހުންނަށް ސިފަވާނީ ވަގުންނާއި ކަސްޓަމްގެ ވެރިންގެ ޕާޓްނަރޝިޕްގެ މަންޒަރު. އަވަހަށް ތިކުންފުނީގެ ނަން ހާމަކޮށް މަމެންގެ ހިތުގައި އުފެދެމުންދާ ޝައްްކުތައް ދުރުކުރުވާ - ތިޔައީ ރައީސް މުއީޒުގެ ޒީރޯ ޓޮލަރެންސް ޕޮލިސީއާ މުޅިން ފުށުއަރާވެސް ކަމެއް ނޫންތޯ!
ރޯނުއަދުރޭ
30 January 2025
މިޔަރު މަހާ މަޑިމަސް ހަރާމް ހެއްޔެވެ؟ ބައި ޓަނު މަސް ނައްތާލުމަކީ ހާދަ ބޮޑު އިސްރާފެކެވެ. 100% މުސްލިމް މިގައުމަށް އެތެރެކޮށްފައިވާ އޫރުމަސް ނައްތާލުން މާރަނގަޅުނޫންތޯއެވެ؟
އަދުރޭ2
30 January 2025
ތިވާނީ ސަރުކާރުގެ ބޮޑެއްގެ ކުންފުންޏަކަށް، އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުން ކުރާ ގަވާއިދާއިހިލާފް ކަންކަން އާންމުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑުނުރައްކަލަކަށްވާނީ. އެހެން ނޫންނަމަ ރައްޔިތުންގެ ފަޅިގައިހުރި ރައީސް ތިކަހަލަކަމެއް ނުކުރާނެ.
ކުޑަކަކޫސަރުކާރު
30 January 2025
ނާސިރުގެ ފަހުން މިގައުކުގައި މުޅިން ހިގަމުން މިދަނީ ކުއްވެރިންގެ ކުރިމަތީގައި ކުޑަކަކޫ ޖެހިފައިފައި ވާ ސަރުކާރުތަކެވެ. ހަމަ އެކަނި ކަމެއްކުރަން ކެރެނީ އަވައްޓެރި ގައުމެއްގެވެސް ދެރަވަރު ރައްޔިތަކަށެވެ. މިރާއްޖޭގަުއި އެންމެ މުއްސަދީ އެންމެ ކުއްކުރާ ކުންފުނި ތަކެވެ.
ކަހެރުވައް
30 January 2025
ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީއެއް ނޫން. ވަކި ބަޔަކު ކުރިކަމެއް ވީމަ ނަން ހާމަނުކުރަނީ. އެހެންޏާ ފަހެ ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެން ނޫންވިއްޔަ މިއުޅެނީ. ވަގަށް މިޔަރު ބޭރުކުރުމާ ޓަނުން ޓަނުން ވަގަށް ޑްރަގް އެތެރެކުރުމާ މިލިއަނުން ބިލިއަނުން ރައްޔިތުންގެ ފައިސާ ވަގަށް ހައްޕަޅާލުމާ ކޮބާ ތަފާތަކީ.
މުލޭ
30 January 2025
މިއީ ހަމައެކަނި މިސަރުކާރުގެ ކަމެއްނޫން. ހުރިހާ ސަރުކާރެއްގައި ވެސް މިކަހަލަ ކަންކަން ހިނގަނީ މިހެން. މިކަންކަން ބަދަލުވެގެން ނޫންގޮތަކަށް ކޮރަޕްޝަން ނައްތައެއްނުލެވޭނެ. މޫނަކަށް ކަނދުރާއަކަށް ނުބަލައި އެންމެންނަށް އެއްއުސޫލަކުން ޢަމަލުކުރެވެންޖެހޭ. ކަންކުރިމީހާއަށް ބަލައިގެން ގޮތްނިންމާހާ ހިނދަކު އިންސާފުވެރިނުވެވޭނެ. ކުރިކަމަށް ބަލައިގެން ގޮތްނިންމީމަ އެއްހަމައަކުން ޢަމަލުކުރެވޭނީ. އިޚްލާސްތެރިކަމުގެ ސިފަ އަހަރެމެންގެ ގައިގައި ހަރުލާންޖެހޭ.