ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމަށް ވަޑައިގަތުން ރައްޔިތުން މަރުހަބާ ދަންނަވަނީ.
30 ޖެނުއަރީ 2025 - 16:31
އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޔޮޓް މެރީނާގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށަކަށް، އެ އަތޮޅު އުލިގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން އުލިގަމަކީ ޔޮޓު ފަހަރުގެ މަންޒިލެއް ކަމަށާއި ޔޮޓް މެރީނާއެއް ގާއިމުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު އެމްއޯޔޫއެއްގައި ވެސް ސޮއި ކޮށްފައިވާ ކަމަށެވެ.
އެ ރަށު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި އެމްޕީއެލުން ވެސް ވަނީ އެ ޔޮޓް މެރީނާގެ މަސައްކަތް ހަ މަސް ދުވަހުން ފެށޭނެ ކަމަށް ބުނެފައި ކަމަށެވެ.
"ޔޮޓް ފަހަރުގެ މަންޒިލެއް. ޒަމާންތަކަކަށް އޮތް ހަގީގަތެއް. އެމްޕީއެލްއާ އެކު އެމްއޯޔޫއެއް އެބަ އޮވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުއްމީދަކީ ހުރިހާ މަރުހަލާއެއް ކަޑައްތުކުރެވި ފައިނޭންސިން ކަންތަކާއި އަދި އޭގައި ހުރި ހުރިހާ ޑީޓެއިލިން ވޯކްތަކެއް ނިމިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ. -- ފޮޓޯ | ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އުލިގަމަށް ހާއްސަ އިގްތިސާދީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށް ހެދުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތެވެ.
"މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ޔޮޓް މެރީނާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުން ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑްސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރު ކުރާއިރު މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި އުލިގަން އޮންނަނީ މަޝްހޫރުވެފަ އެވެ.
President Dr @MMuizzu meets with the residents of HA. Uligamu Island. The President reassured the Administration’s commitment to resuming halted projects in all islands across the nation. pic.twitter.com/oCX6LW9Q15
— The President's Office (@presidencymv) January 30, 2025
އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށްނުދެވެ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ކުރިން ވިދާޅުވި ގޮތުގައި ޔޮޓް މެރީނާއާ އެކު، އުލިގަމާއި މުޅި އަތޮޅަށް މާލީ ގިނަ މަންފާތަކެއް ލިބިގެންދާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޮޓު މެރީނާ ހެދުމަށް ތުރުކީ އަދި ޗައިނާގެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ބޭރުގެ ބަޔަކު މި މެރީނާ ތަރައްގީ ކުރިޔަސް، ތަން ހިންގާނީ އެމްޕީއެލް އިން ކަމަށް ވަޖީހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy