މަކީޓާ ޕަވާ ޓޫލްސް. މިއަދު ފެށި ޕްރޮމޯޝަނުން މަކީޓާ ޓޫލްސްތަކުން 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
31 ޖެނުއަރީ 2025 - 11:48
މަކިޓާ ބްރޭންޑުގެ ފޭކު ޕްރޮޑަކްޓުތަކެއް ބާޒާރުގައި ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެ ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު، އެސްޓީއޯ އިން އެދިއްޖެ އެވެ.
އެސްޓީއޯ އިން ބުނީ މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްތައް މާކެޓުގައި ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަކިޓާ ބްރޭންޑުގެ ފޭކު ޓޫލްތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ފޭކު ޓޫލްތަކުން ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އެ ބްރޭންޑުގެ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަކިޓާ ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ލިބެން ހުންނާނީ އެސްޓީއޯގެ އައުޓްލެޓްތަކުންނާއި އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށެވެ.
އެ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދެ އެވެ. އެ ހިދުމަތަކީ ހަމައެކަނި އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް ލިބޭނެ ހިދުމަތެކެވެ.
މަކިޓާ ބްރޭންޑުގެ އުފެއްދުމަކީ އަސްލުކަން ކަށަވަރު ކުރަން އެހީތެރިކަން ބޭނުންވާ ނަމަ، އެސްޓީއޯގެ މަކިޓާ ޝޯރޫމުން އެ ޕްރޮޑަކްޓަކީ ކޮންކަހަލަ އެއްޗެއްތޯ ބަލައިދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy