މޯލްޑިވިއަން އިން ބޭނުން ކުރާ އޭޓީއާރް މަތިންދާ ބޯޓު. އެ އެއާލައިންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ވަނީ ހައްލުކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
01 ފެބުރުއަރީ 2025 - 14:56
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި އެއާލައިނުން ޑޮމެސްޓިކް ދަތުރުތަކުގެ އެއްވެސް ޓިކެޓެއްގެ އަގަށް ބަދަލެއް ނުގެންނަ ކަމަށެވެ.
ދިމާވި ޓެކްނިކަލް މައްސަލައާ ހެދި ބުކިން ސިސްޓަމުން ޓިކެޓްގެ އަގުތައް ފެންނަން ހުރީ ބޮޑުކޮށެވެ.
އެ މައްސަލަ ހައްލުކޮށްފައިވާ އިރު އެ މައްސަލަ ހައްލު ވަންދެން އެ އެއާލައިންގެ ހޮޓްލައިން 1671 އަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ޓިކެޓް ބުކިން ހެދުމުގެ އިންތިޒާމުތައް މޯލްޑިވިއަން އިން ކަސްޓަމަރުންނަށް ހަމަޖައްސާދީފައިވެ އެވެ.
މިދިޔަ ހެނދުނު ދިމާވި ޓެކްނިކަލް މައްސަލަ ވަނީ ދެ ގަޑިއެއްހާ އިރު ތެރޭގައި ހައްލުކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑޮމެސްޓިކް ދަތުރުތައް ކުރާ މޯލްޑިވިއަން އިން މިވަގުތު ރާއްޖޭގެ 17 ރަށަކަށް ދަތުރު ކުރެ އެވެ. އަދި ބޭރުގެ ތިން ގައުމެއްގެ ހަތް މަންޒިލަކަށް އަންނަނީ ދަތުރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy