އެންސްޕާ. ސަބްސިޑީއަށް 200 މިލިއަން ރުފިޔާ ހޭދަކޮށްފި -- ފޮޓޯ: މިހާރު
05 ފެބުރުއަރީ 2025 - 12:22
ސަބްސިޑީގެ ހަރަދުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ މަސް ދުވަހު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސަބްސިޑީ އަށް ކުރި ހޭދަވަނީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 300 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީ އަށް ހޭދަކުރީ 50 މިލިއަން ރުފިޔާ އެވެ.
ސަބްސިޑީ އާއި ހިލޭ އެހީ އާއި އާސަންދަ އަށް ކުރި ހޭދަވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. އެ ކަންކަމަށް ޖުމްލަ 473 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 19 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 397 މިލިއަން ރުފިޔާ އެވެ.
ސަބްސިޑީ އާއި ހިލޭ އެހީތަކަށް ކުރި ހޭދަ އިތުރުވި ނަމަވެސް، އާސަންދަ އަށް މި އަހަރުގެ މިހާތަނަށް ކުރި ހޭދަ ވަނީ ކުޑަވެފަ އެވެ. އާސަންދަ އަށް 63 މިލިއަން ރުފިޔާ ހޭދަކުރި އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދަ އަށް 110 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.
ސަބްސިޑީ އާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ބަޖެޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، އޭގެ ތެރެއިން ބައެއް ކަންކަމަށް އަމަލު ނުކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ވަނީ ނިންމަވާފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވިދާޅުވީ، ރައްޔިތުންނަށް ލިބޭ ސަބްސިޑީ އާއި އާސަންދަ އަދި ޕެންޝަންގެ ފައިސާ ކަނޑައެއް ނުލާނެ ކަމަށެވެ.
ދައުލަތުގެ ފިސްކަލް ހާލަތު ރަނގަޅުކޮށް، ހަރަދުތައް ބޮއްސުންލައިގެން ދިއުން ކުޑަ ކުރުމުގެ ގޮތުން، އާސަންދަ އަށް މުއްސަނދިންގެ އަތުން ވަކި އަދަދެއް އެ ނިޒާމަށް ދައްކަންޖެހޭ ޖެހޭ ގޮތަށް ބަދަލު ގެންނަން ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެ އެވެ. ހޮސްޕިޓަލްތަކުން އާސަންދަ އިން ކަނޑާ އަދަދުތައް އެއްހަމަ ކުރުމުގެ އިތުރުން އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ މެޑިކަލް ވެލްފެއާ ނިޒާމަށް ވެސް ބަދަލުތަކެއް ގެންނަން އޭރު ނިންމި އެވެ. އެންސްޕާ މެދުވެރިކޮށް އެންމެ މުއްސަނދިންނަށް ހިދުމަތް ދޭ ނަމަ އެކަން ކުރާނީ އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ދިނުމުގެ އުސޫލު ބަދަލުކޮށް، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެ އިނާޔަތް ދޭ ގޮތަށް އެ ސްކީމަށް ބަދަލު ގެންނަން ވެސް ބަޖެޓުގައި ލަފާދީފައި ވެ އެވެ.
ނަމަވެސް، އެ ނިންމުންތައް އެގޮތަށް ކުރިއަށް ނުގެންދަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެހެންވެ، އިސްލާހީ އެއްވެސް ފިޔަވަޅެއް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ނުގެން ގޮސްފި ނަމަ މި އަހަރުގެ ބަޖެޓުގައިވާ 57 ބިލިއަން ރުފިޔާ، 60 ބިލިއަން ރުފިޔާއަށް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
05 February 2025
މިނިވަން އޮޑިޓަރަކު ލައްވާ ދައުލަތް އޮޑިޓްކޮށްގެން މެނުވީ ތިޔަކަން ދަައިތަ ގަބޫލެއް ނުކުރާނަމެވެ. ސަބުސިޑީ ދޭ ކަރަންޓް ފެން ވީ ބޮޑެވެ. އާސަންދަވީ ހުއްޔެވެ. އެންސުޕާއަކުން ކުރިން ދޭ ގޮތަށް އެއްޗެއް ނުދެއެވެ. ވީމާ ސަބުސިޑީ ފައިސާ ވަތް ތަނެއް ބުނެދޭންޖެހެއެވެ. މެންބަރުން ރަމަތަ ކުރަން ކުރާ ޚަރަދު ސަބްސިޑީގެ ކޯޑުން ކުރަނީ ނޫންކަމެއް އެގެނީ ކާކަށް ހެއްޔެވެ؟
މިއައު
05 February 2025
އެއްމަހުން ސިޔާސީ މީހުންނަށް ކިހާވަރެއް؟
ބަޑިތަކުރު
05 February 2025
ކުރީގެ އަހަރެއްގައި ތިލަފަތް ހަމަ ބަޖެޓް ފާސްކުރަން އިހަވަންދިއްޕޮޅުގެ މަޝްރޫޢަކަށް 2 ބިލިޔަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށްގެން ބަޖެޓް ފާސްކޮށް އަހަރު ނިމުނުއިރުވެސް އެބުނި 2 ބިލިޔަން ޑޮލަރެއް ނުލިބެއެވެ. އެކަމަކު ބޮޑު ބަޖެޓެއް ފާސްކޮށްގެން ކުރަން ބޭނުންވިކަންކަން ގައުމު ދަރާވިކުނަސް ކުރިއެވެ. އާމްދަނީއަށް އެތައް މިލިޔަނެއް ލިބޭނެކަމަށް ނުވަތަ ޚަރަދު ކުޑަވާނެކަމަށް ބުނެފައި ބަޖެޓް ފާސްވީމާ އެކަންކަން ނުކުރުމާ މިއާ ހުރީ ކޮންތަފާތެއް ބާވައެވެ.
އެދުރުމާފަތްތަކުރު
05 February 2025
ދިވެހިރައްޔިތުންގެ ކިބައިގައި ހުރި ނުބައިކަމާއި ނުލަފާކަށް ބޮޑުކަމުން ގައުމު މިހާލަތަށް މިދަނީ. އަތުންފައިން ކަމެއް ނުކޮށް އަބަދާއަބަދު ސިޔާސީ ވާހަކަ ދެއްކުމާއި ލިބޭހައި އެއްޗެއް ޚަރަދުކޮށްފައި އަޗާތެޅުމާއި ހެއްދެވިހައި ވިޔާނުދާހައި ކަމެއް ކުރުމަށް ފައިސާ ޚަރަދުކުރުމަކީ ދިވެހިންގެ މިހާރުގެ އާދަ. މަސާޖުޕާލާތަކުގެ ހިސާބުކިތާބު އާންމުކުރާނަމަ އެތަންތަނަށް ގޮސް ހޭދަކުރާ ވަރު އެނގޭނަމަ މީގެ ކުޑަ މިންވަރެއް ނަމަވެސް ސާފުވާނެ.