ލަނޑު ޖެހުމަށް ފަހު މުޓީނިއޯ (ކ) އާއި ސިޑިބޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
12 މާޗް 2017 - 10:43
ޕެރިސް، ފްރާންސް (މާޗް 12) - ބޯޑޯގެ މައްޗަށް 2-1 އިން ކުރިހޯދައި މޮނާކޯ ފްރެންޗް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ ދެ ވަނައިގަައި އޮތް ނީސް ވަނީ ހުކުރު ދުވަހު ކާއެންއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފަ އެވެ. އޭގެ ފައިދާ ނަގާ މޮނާކޯ ވަނީ ރޭގެ މޮޅާ އެކު 29 މެޗުން 68 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި ނީސް އޮތީ 29 މެޗުން 63 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ޕީއެސްޖީ އޮތީ 28 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ.
ޕީއެސްޖީ މިރޭ ލޮރިއެންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ. އަދި މޮނާކޯގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.
ރޭގެ މެޗަށް މޮނާކޯ އިން ނުކުތީ ރަޑަމެލް ފަލްކާއޯ ބެންޗުގައި ހިމަނައިގެންނެވެ. އެހެން ނަމަވެސް މެޗުގެ އޮއެވަރު ދިޔަގޮތުން ފަލްކާއޯ ދެ ވަނަ ހާފްގައި ކުޅެން އެރުވި އެވެ. އަދި އޭނާ ވަނީ މެޗުގެ 68 ވަނަ މިނިޓްގައި މޮނާކޯގެ ފުރަތަމަ ލަނޑު ޖަހަން ކިލިއަން އެމްބާޕޭ އަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މޮނާކޯގެ ދެ ވަނަ ލަނޑު މެޗުގެ 74 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕޯޗުގަލްގެ މިޑްފީލްޑަރު ޔާއޯ މުޓީނިއޯ އެވެ.
ބޯޑޯގެ ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބުކުރީ އުރުގުއޭގެ ފޯވާޑް ޑިއޭގޯ ރޮލާން އެވެ. އޭނާ މި ލަނޑު ޖެހީ މޮނާކޯ ކީޕަރު ޑެނިއަލް ސުބަސިޗް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ލިއޮނާޑޯ ޖާޑިމްގެ ކޯޗުކަމުގައި މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ މޮނާކޯ މި ފަހަރު ލީގު ކާމިޔާބުކޮށްފިނަމަ އެ ވެގެންދާނީ 2000 ވަަނަ އަހަރަށް ފަހު އެ ޓީމުން ލީގު އުފުލާލާ ފުރަތަމަ ފަހަރަށެވެ.
މޮނާކޯ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންނަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީ ދަނޑުގައި ކުޅުނު ފުރަަތަމަ ލެގުން މޮނާކޯ ބަލިވީ 5-3 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy