ޚަބަރު / ރާއްޖެ-ފަލަސްތީން

ޣައްޒާއިން ރައްޔިތުން ބޭލުމުގެ ވިސްނުން ރާއްޖޭން ކުށްވެރިކޮށްފި

07 ފެބުރުއަރީ 2025 - 10:10

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖޭން ގޮވާލައި ގޮވާލުން ތަކުރާރުކޮށް، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭލުމުގެ ވިސްނުން ކުށްވެރިކޮށްފި އެވެ.

ޣައްޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.

އޭގެފަހުން، ޣައްޒާއިން "އަމިއްލަ އިހުތިޔާރުގައި" ދާން ބޭނުންވާ ފަލަސްތީނުގެ ރައްޔިތުންނަށް އެކަން މަގުފަހިކޮށްދިނުމުގެ ތައްޔާރީތައްވުމަށް، އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އަންގައިފަ އެވެ.

ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށް ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

"ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އާބާދީތައް ގާއިމުކުރުމާއި ފަލަސްތީނުގެ ބިންތައް ހިފުމާއި ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ އެންމެހާ މަސައްކަތްތައް ދިވެހިރާއްޖެއިން ކުށްވެރިކުރަމެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ވަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖޭން ކުރާ ތާއީދު ތަކުރާރުކޮށް އެކަމަށް ގޮވާލައިފަ އެވެ.

އަދި އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ރާއްޖޭން ތާއީދުކުރާކަން ވެސް ތަކުރާރުކޮށް، އެ ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ އެވެ.

ޣައްޒާ އަލުން ބިނާކުރަން ޓްރަމްޕް ހުށަހެޅުއްވި ޕްލޭން، ރާއްޖޭން ކުށްވެރިކޮށްފައިމިވަނީ، ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި، އެ ތަނުން އެ މީހުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް "ދުވަހަކުވެސް" ތާއީދުނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.

"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 15 މަސް ދުވަސް ފަހުން މި ވަގުތަށް ވަނީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެތަން އެއްކޮށް ސުންނާތިވެފައި ވެފައި ވާއިރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށެވެ.

ޓްރަމްޕްގެ އެ ވިސްނުމަށް ދުނިޔޭގެ ފާޑުކިޔުންތައް އަމާޒުވުމުން، އެމެރިކާ ސަރުކާރުން މިހާރު ވަނީ ރާގު ބަދަލުކޮށްލައިފަ އެވެ. މިގޮތުން، ޣައްޒާއިން ރައްޔިތުން ބާލާނީ، ވަގުތީ ގޮތުން، އެ ތަން ބިނާކޮށް ނިމެންދެން ކަމަށް އެމެރިކާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454