ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓީނިއަން ރެފިއުޖީސް (އަންރުވާ)ގެ އިމާރާތްތަކެއް ބިމާހަމަކުރަން އިޒްރޭލުން ހިންގާ ޖަރީމާ ރާއްޖޭން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިފާފައިވާ ޤުދުސްގެ ޝައިހު ޖައްރާހުގައިވާ އަންރުވާގެ އިމާރާތްތައް ތަޅާލުން، ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ. އެފަދަ އަމަލުތަކަކީ އޮޅުމެއް ނެތް ގޮތުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށާއި އެއީ އިންސާނީ އެހީދޭން ޔޫއެން އިން ކުރާ މަސައްކަތަށް ހުރަސް އެެޅުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އޭގެ އިތުރުން، އެއީ މިހާރު ވެސް ނިކަމެތި ހާލަތެއްގައި ތިބި ފަލަސްތީނު މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް. އަދި އެއީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ކުރާ ކަމެއް،" ރާއްޖޭގެ ބަޔާނުގައި ބުންޏެވެ.

ފަލަސްތީނު މީހުންނަށް ބޭނުންވާ އަސާސީ އެހީތެެރިކަން ފޯރުކޮށްދިނުމަށާއި އެ މީހުންގެ ރައްކާތެރިކަމަށް އަންރުވާ އިން އަދާކުރާ ދައުރަށް ރާއްޖެއިން ދެގޮތެއް ނުވެ ތާއީދުކުރާ ކަން ތަކުރާރުކުރާ ކަމަށްް ވެސް އެ ބަޔާނުގައި ބުންޏެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވާތީ އިޒްރޭލު ޖަވާބުދާރީ ކުރުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލާ ގޮވާލުން ވެސް އެބަޔާނުގައި ތަކުރާރުކުރި އެވެ. 

އިޒްރޭލުން 1967 ވަނަ އަަހަރު ހިފާފައިވާ އިރުމަތީ ގުދުސްގައި ހުރި އުންރުވާގެ ހެޑްކުއާޓަރު ބުލްޑޯޒަރުތައް ބޭނުންކޮށްގެން ބިމާހަމަކުރަން ފެށީ އިއްޔެ އެވެ. ފަލަސްތީނުކުދިންނަށް ތައުލީމުދިނުން ހުއްޓުވަން މީގެ އެތައް އަހަރެއް ކުރިއްސުރެ ހިންގަމުން އަންނަ ޖަރީމާތަކުގެ ބައެއްގެ ގޮތުގައި ފެށި އެކަންތަކާ އެކު އިުރުމަތީ ގުދުސްގައި ހުރި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރަކަށް އިއްޔެ ކަރުނަގޭސް ވެސް ޖެހި އެވެ.