އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލްއާންމު ހުއްޓުވަން ގައުމުތަކުންނާއި އދ. އިން ކުރީ ކޮން ކަމެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.
މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ނައިބު ރައީސް ތަގުރީރު ކުރައްވަމުން ވިދާޅުވީ ސިޔާދަތީ މިނިވަންކަމުގެ ހައްގަކީ އެންމެންނަށް ވެސް ލިބެންޖެހޭ ހައްގެއް ކަމަށާއި އަދި ފަލަސްޠީނަށްވުރެ ބޮޑަށް އެ ހައްގު ނިގުޅައިގަނެވިފައިވާ ގައުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަދި އެ އަމަލުތައް އޮތީ ހަމައެކަނި ޣައްޒާއަކަށް ނޫން. އިޒްރޭލުގެ އަސްކަރީ ހަމަލާތަކުން އެހެން ދައުލަތްތަކުގެ ސިޔާދަތަށް ވެސް ވަނީ އަރައިގަނެފައި،" ނައިބު ރައީސް ހުސެއިން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެހެން ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުން، އަމިއްލަ ސިޔާދަތަށް ވަކާލާތު ކުރުމުގެ އެއްވެސް ހައްގެއް ނެތް ކަމަށެވެ. އަދި އެއްވެސް ދައުލަތަކަށް އަސްކަރީ ބާރާއި ސިޔާސީ މަދަދުވެރިންގެ ސަބަބުން ޒިންމާދާރުވުމުން ރެކެވޭނެ ހިމާޔަތެއް ލިބިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްގެން އެކަނި މިއަދު ފަރުޖެހެން ނެތް ކަމަށެވެ.
"ކޮންމެ މެންބަރު ގައުމަކުން ވެސް ސުވާލުކުރަންޖެހޭ، މި އަނިޔާވެރިކަން ހުއްޓުވުމަށް އަޅުގަނޑުމެން ކުރީ ކޮންކަމެއްތޯ،" ނައިބު ރައީސް ވިދާޅުވި އެވެ.
"އދ. އިން ވެސް އަމިއްލައަށް މި ސުވާލު ކުރަންޖެހޭ."
މައްސަލައަކީ ގާނޫނު ނެތުމެއް ނޫން ކަމަށާއި އަދި ބައިނަލްއަގްވާމީ ގާނޫނު ވަރަށް ސާފު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މަދުވަނީ ހަމަހަމަކަމާ އެކު ތަންފީޒުކުރުން ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ބައިނަލްއަގްވާމީ ގާނޫނަކީ ނިކަމެތިން ބަނދެލާފައި ބާރުގަދަ މީހުންނަށް ލެނބޭ އެއްޗަކަށް ވެގެންނުވާނެ. އޮންނަން ޖެހޭނީ އެއް ގަވާއިދުތަކެއް. އެއް މިންގަނޑެއް. އިސްތިސްނާއެއް ނެތް،" ނައިބު ރައީސް ވިދާޅުވި އެވެ.
ޣައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓާލަންޖެހޭ ކަމަށް ތަކުރާރުކޮށް ހަރު އަޑުން ނައިބު ރައީސް ގޮވާލެއްވި އެވެ.
މީގެ އިތުރުން ފަލަސްޠީނާއި އަރަބި އެހެން ބިންތަކަށް އިޒްރޭލުން ވެރިވެގަނެގެން ތިބި ތިބުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޣައިރު ގާނޫނީ ވަޒަންވެރިވުންތައް ހުއްޓާލަންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އިންސާނީ އެހީތެރިކަން ރައްކާތެރިކަމާ އެކު، އަވަހަށް އަދި ފުޅާ ދާއިރާއެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި އަދި ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކަށާއި އދ.ގެ ގަރާރުތަކަށް އިހްތިރާމްކޮށް، ތަންފީޒުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މުސްތަގުބަލެއްގެ މާނައަކީ މިނިވަންކަމާއި އަބުރުވެރިކަން. އަމިއްލަ ނިންމުން ނިންމުމުގެ ހައްގު އަދި އަމިއްލަ ދައުލަތެއްގައި ރައްކާތެރިކަމާ އެކު ދިރިއުޅުމުގެ ހައްގު،" ރައީސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު، އެމީހުންގެ މުސްތަގުބަލުގެ ހައްގުގެ ދިފާއުގަ އެވެ.
އެހެންކަމުން، 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ރާއްޖޭން ކުރާ އިލްތިމާސް ނައިބު ރައީސް މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
"މި ޖަމްއިއްޔާއިން އިތުބާރު އިއާދަކޮށް އެންމެންނަށް ނަތީޖާ ހާސިލުކޮށްދޭން އެދޭނަމަ، ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ދައުލަތަކަށް ހަދަންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.