އދ.ގެ ސަލާމަތީ މަޖިލީހުގައި ބޮޑު ފަސް ގައުމަކަށް ދީފައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލައި، ކުދި ގައުމުތަކަށް ހާއްސަ ގޮނޑިއެއް ކަނޑައަޅަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ. 

އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ދުނިޔެ ބަދަލުވަމުން ދާއިރު އދ. ވެސް ބަދަލުވާންޖެހޭ ކަމަށާއި އަދި އިސްލާހީ ބަދަލުތަކުން، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް އދ. އިން ހާއްސަ ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އިސްލާހީ މަރުހަލާ ކުރިއަށްދާން ޖެހޭނީ މެންބަރު ދައުލަތްތަކުގެ އިސްނެގުމުގެ މައްޗަށް. އެއީ އެންމެންގެ ބައިވެރިވުން އޮތް، ދެފުށް ފެންނަ މަރުހަލާއަކަށް ވާންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ. 

"އިސްލާހީ ބަދަލުތަކުން އިތުބާރު އިއާދަކުރެވޭނީ މިގޮތަށް. އދ. ގައުމުތަކުގެ ރައްޔިތުންނާއި ގައުމުތަކާ ގާތަށް ގެނެސްގެން." 

ނައިބު ރައީސް ވިދާޅުވި ގޮތުގައި އިސްލާހީ މަސައްކަތުގައި އެންމެ އިސްކަމެއް ދޭން ޖެހެނީ އދ.ގެ ދުވަސްވީ ގޮންޖެހުން ކަމަށްވާ ތަފާތުކުރުން ނައްތާލުމަށެވެ. އެގޮތުން ސަލާމަތީ މަޖިލީހުގައި އޮތް ބޭއިންސާފު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ސަލާމަތީ މަޖިލީހުން މިއަދުގެ ދުނިޔެއަށް ގޮތް ނިންމާއިރު، 1945 ގެ ދުނިޔެ ރަމްޒެއް ނުކުރެވޭނެ. ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތަކަށް ވެސް އެ މަޖިލިސް ފުޅާކުރަންޖެހޭ. ކުދި ޖަޒީރާ ގައުމުތަކަށް ދައުރުވާ ގޮނޑިއެއް ލިބެންޖެހޭ. އެފްރިކާއިން މާޒީގައި ނިގުޅައިގަނެވިފައިވާ ތަމްސީލު ކުރުމުގެ ހައްގު ލިބެންޖެހޭ،" ހުސެއިން މުހައްމަދު ލަތީފް ވިދާޅުވި އެވެ. 

"އަދި ވީޓޯގެ ބާރު އުވާލަންޖެހޭ." 

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ: އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ އުވާލަން ގޮވާލެއްވި
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ: އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ އުވާލަން ގޮވާލެއްވި

ވީޓޯ ކުރުމުގެ ބާރާ އެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ.

ނައިބު ރައީސް ވިދާޅުވީ މޫސުމާއި މާލީ ކަންކަމާއި ވިޔަފާރި ސަޕްލައި ޗޭންތައް ސަލާމަތީ ކަންކަން ގުޅިފައިވާ މިންވަރު ކުދި ގައުމުތަކަށް ވިސްނޭ ކަމަށެވެ. އަދި ނަހަމަ ބާރުތަކާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ ރައްކާތެރިކަމަކީ ބައިނަލްއަގްވާމީ ގާނޫނުކަން ވެސް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ 1989 ގައި، ދިވެހިރާއްޖެއިން އާންމު މަޖިލީހުގައި އެދުނީ ބޭރުގެ ނުރައްކާތަކުން ކުދި ގައުމުތައް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ. އެކަމަކު މިއަދު، ރާއްޖޭން އެދެނީ އެއަށްވުރެ ވެސް އަސާސީ ކަމެއް ރައްކާތެރިކޮށްދިނުމަށް ކަމަށާއި އެއީ ކޮންމެ ދައުލަތަކަށް ވެސް އެ ދައުލަތެއްގެ މުސްތަގުބަލު އަމިއްލައަށް އިހްތިޔާރު ކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ގައުމެއްގެ ރައްޔިތުން އިހްތިޔާރުކުރާ މުސްތަގުބަލެއް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް. ކޮންމެ ދައުލަތަކަށް ވެސް ސިޔާދަތީ މުސްތަގުބަލެއް،" ނައިބު ރައީސް ތަގުރީރު ނިންމާލައްވަމުން ވިދާޅުވި އެވެ.