ގާސިމް މިހާރު ދެކެވަޑައިިގަންނަވަނީ، އޭނާ ޖަލަށްލުމަކީ "ބޭބެއަކު ނަސޭހަތް ދިނުމުގެ ގޮތުން" ދެއްވި ފިލާވަޅެއްގެ ގޮތުގައި.
ކުރީގެ ރައީސް މައުމޫނާއި ގާސިމް
10 ފެބުރުއަރީ 2025 - 23:57
ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންުފުޅު ނުވި ނަމަ ރާއްޖެ މިހާރު ތަޖުރިބާކުރާ ޑިމޮކްރަސީ ނުގެނޭވެނެ ކަމަށާއި އޭގެ ހައްގުވެރިއަކީ މައުމޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަދި މައުމޫންގެ ސަރުކާރުގައި މުހިންމު އިސް މަގާމުތަކެއް ފުރުއްވި ގާސިމް އެހެން ވިދާޅުވީ، އޭނާގެ ބަޔޮގްރަފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ނޫސްވެރިޔާ މުހައްމަދު ޖަމީލް ލިޔުއްވި އެ ބަޔޮގްރަފީ ނެރެދެއްވީ ކުރީގެ މިނިސްޓަރު އަދި ގާސިމްގެ ބައްޕަ ނެތް ދުނިޔޭގައި ބައްޕައެއް ކަމަށް ބައްލަވާ އިލްޔާސް އިބްރާހީމެވެ.
"ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަޅުގަނޑު ގަބޫލުކުރާ ހިތެއް ނުވޭ މައުމޫނަކީ ޑިކްޓޭޓަރެކޭ، ބައެއް މީހުން ކިޔައި އުޅޭ [އެހެން]. ދެކޮޅު މީހުން އަބަދުވެސް ދައްކާނެ އެ ކަހަލަ ހުރިހާ ވާހަކައެއް. މައުމޫން އަތްޕުޅު ދަށުން، އެ މަނިކުފާނު ބޭނުންފުޅުވެގެން މި ޑިމޮކްރަސީ އަޅުގަނޑުމެންނާ ހަމައަށް ލިބުނީ. އަޅުގަނޑު މިއީ އެ މަސައްކަތުގައި އެންމެ އިސްކޮށް ހުރި މީހާ ފައިނޭންސް ދާއިރާ ކަމަށް ވިޔަސް ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ކަމަށް ވިޔަސް،" ގާސިމް ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް ސާބިތުކަމާ އެކު މި ދެންނެވީ މައުމޫން އެކަން ކޮށްދެއްވަން ބޭނުންފުޅު ނުވި ނަމަ ދިވެހިރާއްޖެއަކަށް މިއަދު މި އޮތް ޑިމޮކްރަސީއެއް އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. އެއީ ލާހިކު ކަމެއް ނޫން."
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ނެރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގާސިމް ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށްޓަކައި މައުމޫން 2004 ގައި އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގައި ނެތް ކަމެއް މިއަދު ނުހިނގާ ކަމަށެވެ.
"ކޮބައިތޯ ހުޅުވާނުލައި އޮތް ކަމަކީ؟ އޭގެ ދަށުން ދެއްތޯ މިނިވަންކަމާ އެކު ބަހުސް ކުރަން ފެށީ. އޭގެ ސަބަބުން ދެއްތޯ މި ހުރިހާ ކަމެއް ހިނގައި މި ދިޔައީ،" މައުމޫނަށް ތައުރީފު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހިން މިއަދު މި ދެކޭ ޑިމޮކްރަސީގެ އިތުރުން މިނިވަންކަން މައުމޫނާއި މައުމޫންގެ ސަރުކާރުން ދޭން ބޭނުންފުޅު ނުވި ނަމަ މިއަދު ވެސް ނުލިބޭނެ ކަމަށެވެ.
"ހަމަ ތިބެން ޖެހޭނީ ހަޅޭއްލަވަލަވައި މަގުމަތީގައި. އެއީ ހަމަ ކަށަވަރު ކަމެއް،" މައުމޫންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވިގޮތުގައި މައުމޫން އިސްވެ، އިސްލާހީ ބަދަލުތައް ގެންނެވީ ގައުމުގެ ހާލަތު ބަދަލުވިކަން އެނގިވަޑައިގަންނަވާތީ އެވެ. ކުރީގެ "މައިންޑްސެޓް" ބަދަލުކުރަން ޖެހިއްޖެ ކަން މައުމޫނަށް އެނގިވަައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެއީ އިންޓަނޭޝަނަލް ޕްރެޝާ އާއި ލޯކަލް ޕްރެޝާ، އަޅުގަނޑުމެންގެ ޑޮމެސްޓިކް ޕްރެޝާ އެ ހިސާބަށް ދިޔައީމާ އެ މަނިކުފާނަށް އެނގިވަޑައިގަތީ. އެ މަނިކުފާނަކީ މޮޔަ ބޭފުޅެއް ނޫނޭ. ވަރަށް ވިސްނުންތެރި، ވަރަށް ގާބިލް، ވަރަށް އިލްމީ ބޭފުޅެއް އެއީ. އެ ކަމުގެ ހަގީގަތް އަޅުގަނޑުމެންނަށް މިއަދު ވެސް މި ފެންނަނީ،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ސިޔާސީ އެކި ފިކުރުގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވިގޮތުގައި އޭނާގެ ތައުރީފު މައުމޫނަށް "އޮއްސާލައްވަނީ" ހައްގު މަސައްކަތްޕުޅުތަކެއް މައުމޫން ކުރެއްވުމުންނެވެ.
ގާސިމް މިރޭ ވިދާޅުވީ، 2008 ވަނަ އަހަރު ފިޔަވައި މައުމޫންގެ ވެރިކަމުގައި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް އޭނާ ހުންނެވީ މައުމޫނާ އެއްކޮށް ކަމަށެވެ. މައުމޫން އިންތިހާބު ކުރަން އެ އިން ކޮންމެ ފަހަރަކު "ހެސްކިޔާފައި" މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ސިޔާސީ މަސްރަހު ބަދަލުކުރަން ވަކި ހިސާބަކުން ނުކުންނެވުމުން ހިތްހަމަނުޖެހުން އުފެދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ހަމަ ތިބެން ޖެހޭނީ ހަޅޭއްލަވަލަވައި މަގުމަތީގައި. އެއީ ހަމަ ކަށަވަރު ކަމެއް،"--- ގާސިމް
އިސްލާހީ މަސައްކަތްތަކާ ގުޅިގެން މައުމޫންގެ ވެރިކަމުގައި ވެސް ޖަލަށް ލާފައިވާ ގާސިމް ވިދާޅުވީ، އެ ތަޖުރިބާތައް އޭނާ މިހާރު ބައްލަވަނީ "ބޭބެއަކު ނަސޭހަތް ދިނުމުގެ ގޮތުން" ދެއްވި ފިލާވަޅެއްގެ ގޮތުގައި ކަމަށެވެ.
"އެއީ އަޅުގަނޑުގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި އަޅުގަނޑަށް ލިބުނު ދަރުސެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އެއްގޮތަކަށް ވެސް އަޅުގަނޑަށް ދެއްވި އަނިޔާއެއް ކަމަކަށް ނުދެކެން،" ސިޔާސީ ކަންތައްތަކުގައި އުޅުއްވައިގެން ލިބިފައިވާ "އަނިޔާތަކަށް" އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމްގެ ބަޔޯގްރެފީ ފޮތް އިލްޔާސް އިބްރާހިމް ނެރެދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގާސިމް ވަރަށް ކުޑައިރު މާލެ ވަޑައިގެން އެންމެ ފުރަތަމަ ދިރިއުޅުއްވީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބައްޕާފުޅުގެ ގެކޮޅު މ. އެންދެރިމާގޭގަ އެވެ. ދިރިއުޅުމެއް ފައްޓަވަންދެން ގާސިމް އެ ގެކޮޅުގައި އުޅުއްވި އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް ނާސިރާ އެންމެ ގާތުން މަސައްކަތް ކުރެއްވި އިލްޔާސާއި ގާސިމްގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ގާސިމްގެ ބައްޕަ އަވަހާރަވުމުން ބައްޕައެއްގެ ގޮތުގައި ބައްލަވަނީ ވެސް އިލްޔާސް އެވެ.
އެހެންވެ، މިރޭގެ ޖަލްސާގައި ގާސިމް ވަނީ އޭނާގެ ކުރިއެރުމުގެ އަސްލަކީ އިލްޔާސާއި އައްބާސް އިބްރާހިމް ނުވަތަ އެންދެރިމާގެ އިން ލިބިވަޑައިގެންވި ތަރުބިއްޔަތުކަން ފާހަގަކުރައްވައި އެ އާއިލާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން މުފީދު
12 February 2025
ކަނޑައެޅިގެން ބޮޑު ދޮގެއް. މައުމޫނަށް ހަމަ އޮބިނޯވެގެން ދެންވެސް ވޯޓަކަށް ގޮސްގެން ހަމަ ވެރިކަން ލިބިދާނެކަމަށް ޑިމޮކްރެސީއަށް ޖާގަ ދޭން މަޖުބޫރުވީއެވެ. ހަނދާން އެބަހުރިތޯ ސަންދާނެއް ކިޔާ ނިސްބުލެޓިން އެއް ނެރެގެން ނަޒާކީ ޒަކީމެން ޢުމުރަށަ ޖަލަށް އުކާލާ އެތަކެއް ޢާއިލާއެއް ބިކަ ކޮށްލި ހަނދާން. ގާސިމަކީ އަބަދުވެސް ހިނހޫތަނުން ކައިގެން އެއިރަކު ވެރިޔަކަށް ހުންނަ މީހަކަށް ސަނާކިޔާ އެތިކޮޅެއް ދީނގެ އުޅެމުން އަންނަ ... ބޯހަލާކު.....
ކަނބިލި
12 February 2025
ގާސިމު ދައުވަތެއް ދެއްވައިފިއްޔާ މުޅި ދައުލަތް ލުހިގެން އާދޭ. އެއީ ގާސިމުގެ އެހީތެރިކަމާއި މަދަދު ލިބޭތީ. ގާސިމަކީ ދީލަތި ޚިދުމަތްތެރި ލާމަސީލު ދިވެހި ދަރިއެއް
ތުއްތޭ
11 February 2025
ބޭނުން ފުޅު ނުވި ނަމަ ހާދަ ރަނގަޅޭ މަހިތަށް އަރަނީ.
ފާފުއެމްވީ
11 February 2025
ވަގުތު ޖެހުމުން ހާމަވޭ،، ވީނުބައި ރަނގަޅަށް ވެދޭ ،،
އައިމިނާ
11 February 2025
ހެޔޮކޮށް.
ޞިނި
11 February 2025
ހުރިހާކަމެއްވެސް ނިންމަވަނީ ….؟؟؟؟
މީނު111
11 February 2025
ޑިކްޓޭޓަރަކަށްވަނީ މަރުވިޔަސް ދޫނުކޮށް ހިފަހައްޓައިގެން ހުރީމަކާ ނޫން. މައުމޫނަކީ ޑިކްޓޭޓަރެއް. އެކަމަކު ވިސްނުންތެރި ބުއްދިވެރި ބޭފުޅެއް. ބަދަލު ގެންނަންޖެހުނީ މަޖުބޫރީ ޙާލަތްތަކެއް މެދުވެރިވެގެން..
ލިޔާޤަތު
11 February 2025
މައުމޫނުޕާޓީގެ މީހުންތައް ޖޭޕީއަށް ކަހާލަން ޖެހި ޗައްކަރެއްނޫންބާ؟
ރަދީފު ބިން ރަފައިދާ
11 February 2025
އުޅޭނެ ހެޔޮލަފާ ޑިކްޓޭޓަރުންނާ ނުބައިނުލަފާ ޑިކްޓޭޓަރުން. މައުމޫނަކީ އޭގެ ރަނގަޅުވައްތަރު.
ކަމްސޫ
11 February 2025
އެއިރެއްގަ އެ ތިބި ބަޔަކު މޮޑޭނެ ގޮތަކަޑް މޮޑެފަ ކިޔާނަމެއް ތިކިޔަނީ. ނަތީޖާ ހަމަ އެކައްޗެއް އެކަމަކު. ކޮމިއުނިޒަމް ވިޔަސް ކެޕިޓަލިޒަމް ވިޔަސް ޑިމޮކުރަސީ ވިޔަސް.