މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ފެބުރުއަރީ 2025 - 16:17
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ކުޑަކުދިންނަށް ހާއްސަ އެކައުންޓު ހުޅުވާފައިވާ ކަސްޓަމަރުންނަށް ހާއްސަ މާހެފުމެއް ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އާޓިފިޝަލް ބީޗުގައި ބައްވާ އެ މާހެފުމަށް "ބިންގާ" އެކައުންޓު ގެންގުޅޭ ކަސްޓަމަރުންގެ އިތުރުން ކުޑަކުދިން ގޮވައިގެން ދާ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.
މި މާހެފުމުގެ އެންމެ ހާއްސަ އެއް ކަމަކީ ދީނީ އިލްމުވެރިޔާ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާގެ ދީނީ ނަސޭހަތެވެ. "އާސްކް ޑރ. ޒެކް" ގެ ސެޝަންގައި ކުދިންނަށް ދީނީ އެކި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުޑަކުދިންނަށް މަޖާވާނެ އެކި ހަރަކާތްތައް މާހެފުމުގައި ކުރިއަށް ގެންދާނެ އެމްއައިބީ އިން ބުންޏެވެ.
އެެމްއައީބީގެ "ބިންގާ" އެކައުންޓަކީ އެ ބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. އެ އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓެއް ހުޅުވާނެ އެވެ. އެއީ "ބިންގާ ޓްރާންސެކްޝަން" އެކައުންޓަކާއި "ބިންގާ ސޭވިން އެކައުންޓް" އަދި "ބިންގާ އިންވެސްޓް" އެކައުންޓެވެ.
"ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. ކުދިންގެ އުމުރުން ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިން އަށް "ބިންގާ ޓްރާންސެކްޝަން" މެދުވެރިކޮށް އެކްސެސް ލިބޭނެ އެވެ.
"ބިންގާ ސޭވިން" އެކައުންޓަކީ ފަހަށް ފައިސާ ރައްކާ ކުރުމުގެ އާދަ އަށަގަންނުވަން ވަރަށް އެކަށޭނެ އެކައުންޓެއް ކަމަށް އެމްއައިބީ އިން ބުންޏެވެ. އެއީ ކުރުމުއްދަތަކަށް ފައިސާ ރައްކާ ކުރުމަށް ހާއްސަ އެކައުންޓެކެވެ.
އެމްއައިބީ އިން ބުނިގޮތުގައި، "ބިންގާ އިންވެސްޓްމަންޓް" އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުން ފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެ އެވެ.
މި އީޖާދީ ބަދަލާ އެކު، ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. މާހެފުން ފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ވެސް އެކަމަށް ބާރު އެޅުން ކަމަށް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދާ
17 February 2025
ހަމަ އާތިފިސަލް ބީޗްގަ ބޭއްވީމަ ނިމުނީތާ