ކުޅިވަރު / ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ

ކުޅިވަރު އާބިޓްރޭޝަންގެ މައްސަލަތައް ވެސް އާބިޓްރޭޝަން ސެންޓަރުގެ ދަށަށް ބަދަލުކުރަނީ

ކުޅިވަރު ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ފޯރަމްގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

20 ފެބުރުއަރީ 2025 - 14:24

ސްޕޯޓްސް އާބިޓްރޭޝަން ވަކިން އުފެއްދުމުގެ ބަދަލުގައި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ދަށަށް ބަދަލު ކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.

އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އެ ކޮމިޓީން ވަނީ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން ކުޅިވަރު ދާއިރާގައި މަސައްކަތް ކުރާ ހިންގުންތެރިންނާ އެކު މަޖިލީހުގެ އިދާރާގައި މިއަދު ފޯރަމެއް ބާއްވައިފަ އެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ މައުލޫމާތު އެ ފޯރަމްގައި ހިއްސާ ކުރައްވަމުން މަޖިލީހުގެ ކޮމިޓީސް އެންޑް ރިސާޗްގެ ލީގަލް އެފެއާޒް ޑައިރެކްޓަރު އާއިޝަތު ޝިފާ ވިދާޅުވީ، އެޓާނީ ޖެނަރަލްގެ އޮފީހުން އެ އިސްލާހުތައް މަޖިލީހަށް ފޮނުވި އިރު ވެސް އާބިޓްރޭޝަންގެ ބައި އުނިކޮށްފައިވާ ކަމަށެވެ.

އެކަމަކު 2015 ވަނަ އަހަރު ފާސްކޮށް، މިހާރު އަމަލުކުރަމުން އަންނަ ކުޅިވަރުގެ ގާނޫނޫގައި ބުނެފައި ވަނީ ކުޅިވަރުގައި އުފެދޭ ދެބަސްވުންތައް ހައްލު ކުރުމަށް ކުޅިވަރު އާބިޓްރޭޝަން ޕެނަލެއް އުފައްދަން ޖެހޭނެ ކަމަށެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސްޕޯޓްސް މިނިސްޓްރީން މިދިޔަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި އިސްލާހުތަކުގައި ކުޅިވަރު އާބިޓްރޭޝަނަށް ވަކި ބާބެއް ހިމަނާފައި ވެއެވެ.

މިއަދުގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކައުންސިލްގެ ރައީސް އާއިޝަތު ސަމާހް ވިދާޅުވީ 2013 ގައި ފާސްކޮށް އަމަލުކުރަން ފެށި އާބިޓްރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ކުޅިވަރަށް ހާއްސަ އާބީޓްރޭޓަރުން ވެސް އެބަތިއްބެވި ކަމަށެވެ.

އެހެންވެ، ކުޅިވަރު އާބިޓްރޭޝަން ވަކިން އުފެއްދުމުގެ ބަދަލުގައި ކުޅިވަރުގެ އުފެދޭ ދެބަސްވުންތައް ހައްލު ކުރުން ވެސް އާބިޓްރޭޝަން ސެންޓަރު މެދުވެރިކޮށް، ގެންދިއުމަށް ސްޕޯޓްސް މިނިސްޓްރީން އޭޖީ އޮފީހަށް ފޮނުވި އިސްލާހުތަކުގައި ހިޔާލު ހުށަހަޅާފައިވާނެ ކަމަށް ސަމާހް ވިދާޅުވި އެވެ.

ކުޅިވަރު ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ފޯރަމްގެ ތެރެއިން އިޖުތިމާއީ ކޮމިޓީގެ މެންބަރުންނާ އެކު މަޖިލީހުގެ ކޮމިޓީސް އެންޑް ރިސާޗްގެ ލީގަލް އެފެއާޒް ޑައިރެކްޓާ އާއިޝަތު ޝިފާ (ވ) --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އޯލް ރެޑީ 2013 އިން ފެށިގެން އާބިޓްރޭޝަނާ ބެހޭ ގާނޫނަށް އަމަލުކުރަމުން އެބަދޭ. އެ ގާނޫނޫގެ ދަށުން އާބިޓްރެޝަން ސެންޓަރެއް ވެސް ގާއިމު ކުރެވިފައި މިވަނީ. އެހެންވީމާ ދައުލަތުގެ ފައިސާ ވެސް ވަކިން ދެ ތަނަކަށް [އާބިޓްރޭޝަންގެ ދެ އިދާރާއަކަށް] ހަރަދުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އޭޖީ އޮފީހަށް ރެކޮމެންޑް ކުރީ އާބިޓްރޭޝަނެއް އެބައިނޭ އެގްޒިސްޓިން. އެތަނުގައި މިވަގުތު ވެސް އެބަތިބި ސްޕޯޓްސް ސްޕެޝަލް އާބިޓްރޭޓާސް،" ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ސަމާހް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން އެދުނީ [އެ ސެންޓަރުން ސްޕޯޓްސް އާބިޓްރޭޝަނަށް ވެސް] ފެސިލިޓޭޓްކޮށް ދެއްވަން."

އާބިޓްރޭޝަން ގާނޫނު މާނަކުރުމުގައި އިސްކަން ދީފައިވަނީ ވިޔަފާރިއާ ގުޅުން ހުރި މައްސަލަތަކަށް ކަމަށް ސަމާހް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ގާނޫނު މާނަ ކުރުމުގައި އެހެން އޮތުމުން ކުޅިވަރުގެ ދެބަސްވުންތައް އެ ސެންޓަރުން ހައްލު ކުރުމުގައި ގާނޫނީ ގޮތުން މައްސަލައަކަށް ވެދާނެ ކަމަށެވެ.

ސަމާހް ވިދާޅުވި ގޮތުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އޭޖީ އޮފީހަށް ހިޔާލު ހުށަހެޅީ އާބިޓްރޭޝަން ގާނޫނު މާނަކުރާ ގޮތް ވެސް ބަދަލު ކުރުމަށެވެ.

"އަޅުގަނޑުމެން ރެކޮމެންޑް ކޮށްފައި އިންނާނީ އާބިޓްރޭޝަން ސެންޓަރު މެދުވެރިކޮށް ކުޅިވަރު އާބިޓްރޭޝަނަށް ދިއުން ރަނގަޅޭ. އެކަމަކު ކުޅިވަރު ގާނޫނާ އެކީގައި 2013 ގެ [އާބިޓްރޭޝަން] ގާނޫނު މާނަކުރުމަށް އެބަޖެހޭ ބަދަލެއް ގެންނަން ސްޕޯޓްސް އޭގެ ތެރޭގައި ހިމަނާލަން،" އެކްޓިން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ވެސް ކުރިން އަދާކުރެއްވި ސަމާހް ވިދާޅުވި އެވެ.

ބައެއް އެސޯސިއޭޝަންތަކުން ބުނީ އެ ގާނޫނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެ އެސޯސިއޭޝަންތަކަށް ލިބިފައި ނެތް ކަމަށެވެ. ކޮމިޓީގެ ނައިބު މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އިބްރާހިމް ވަނީ އެސޯސިއޭޝަންތަކުން ހިޔާލު ހުށަހެޅުމަށް ހަފުތާއެއް މުއްދަތު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454