ރިޕޯޓް

ޖަމިއްޔާތަކުގެ ކަންކަން ހުރީ ތުހުމަތުގެ އިނގިލި ދިއްކުރެވޭ ގޮތަށް

އަމިއްލަ ޖަމިއްޔާތަކާ އެކު ޔޫއެސް އެއިޑުން ކުރިން ބޭއްވި ބައްދަލުވުމެއް.

އެތައް ބައެއްގެ ފައިސާގެ އެހީ އެވެ. ކުރާ މަސައްކަތް ވެސް ސޯޝަލް މީޑިއާއިން ފެނެ އެވެ. އެކަމަކު، ބައެއް ޖަމިއްޔާތަކާ މެދު އާއްމުންގެ ޝައްކުތައް ބޮޑުވާން ފެށީ މާލީ ކަންކަމުގައި ފަހަތު ފަޔަށް ބުރަވާން ފެށި ހިސާބުންނެވެ. ރަސްމީ އިދާރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތުތައް ހިއްސާނުކޮށް ދިގުލައިގެން ދިއުމަކީ، ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަގޮތުގައި އެ މަސައްކަތުން ލިބޭ ފައިސާގެ ނާޖާއިޒު ފައިދާ ނެގުމެވެ.

އޭގެ އެއް ޖަމިއްޔާއަކީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން މީގެ ނުވަ އަހަރު ކުރިން 2016 ވަނަ އަހަރު އުފެއްދި ޖަމިއްޔާގެ މަސައްކަތާ މެދު ސުވާލު އުފައްދާ އެއްވެސް ބައެއް ނެތެވެ. ނަމަވެސް އޮތީ އެންމެ ސުވާލެކެވެ. ބަރާބަރަށް މަސައްކަތް ކުރިޔަސް، ކަމާގުޅުން ހުރި ފަރާތްތަކަށް މާލީ ރިޕޯޓުތައް ހުށަނޭޅި ދިގުލައިގެން ދަނީ ކީއްވެގެން ހެއްޔެވެ؟

އައިއޭސީގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު ވެސް ގަބޫލު ކުރައްވަނީ އެ ޖަމިއްޔާ އަށް ލިބޭ ފައިސާތައް ހޭދަކުރާ ގޮތުގެ މާލީ ރިޕޯޓުތައް ހުށަނޭޅުން ނުވަތަ އާއްމު ނުކުރުމަކީ، އެ ޖަމިއްޔާގައި އިސްކޮށް ތިބި މީހުން އޭގެ ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

އެކަމަކު، ބަޔަކު އެހީއެއް ދިނުމަށް ފަހު، އެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލު ދޭން އެދެފި ނަމަ ނުވަތަ އެގޮތަށް ނޭދުނަސް ހަރަދުކުރި ގޮތް ކިޔައިދޭ ކަމަށް އަޒްހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2022 ވަނަ އަހަރާ ހަމައަށް އޮޑިޓުތައް ނިންމައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަންނަ އޭޕްރީލް މަހުގެ ތެރޭގައި 2023 ވަނަ އަހަރުގެ ރިޕޯޓުތައް ވެސް ނިންމައި ނެރޭނެ ކަމަށް އަޒްހާދު ވިދާޅުވި އެވެ.

އަޒްހަދު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ އަށް ދިމާވާ ހަމައެކަނި ގޮންޖެހުމަކީ އެ ތަނަށް ލިބިފައި ހުރި ފައިސާގެ ކަންކަން ކަށަވަރު ކުރަން ވަރަށް ގިނަ ވަގުތު ހޭދަވުމެވެ. އެހެންވެ، ރާއްޖޭގެ ޖަމިއްޔާތަކުން ނުކުރާ ފެންވަރެއްގައި، އޮޑިޓު ކުރަން އައިއޭސީން ހަވާލުކޮށްފައިވަނީ ބައިނަލްއަގުވާމީ އޮޑިޓް ފާމް، އާންސްޓް އެންޑް ޔަންގް (އީވައި) އަށެވެ.

"އަޅުގަނޑުމެންނަށް މި ފަހަރު ޑިލޭވުމުގައި އެންމެ ބޮޑު އުނދަގޫ ގޮތަކީ އެއީ. ސަރުކާރު ސައިޑް ނުވަތަ އާއްމުންގެ ޓްރަސްޓް ގެއްލި، އަލްހަމްދުﷲ ލިއްލާހި، އެ ކަހަލަ އެއްވެސް ކަމެއް ދިމައެއްނުވޭ." އަޒްހަދު ވިދާޅުވި އެވެ.

އައިއޭސީގެ ގާޒާ ފަންޑުގެ އެހީގައި ފަލަސްތީނަށް ފޯރުކޮށްދިން ދެ އެމްބިއުލެންސް.-- ފޮޓޯ: އޭއައިސީ

އޮޑިޓު ރިޕޯޓުތައް ލަސްވިއަސް ބަރާބަރަށް އަހަރީ ރިޕޯޓުތައް ހުށަހަޅާ ކަމަށް އައިއޭސީން ބުންޏެވެ

"ޕަބްލިކަށް އަޅުގަނޑުމެން ކިޔައިދެމުން ދިޔައީ ހަރަދުކުރެވޭ ކަންތައްތައް. އެންމެ ބޮޑަށް އަޅުގަނޑުމެންގެ ވާހަކަ މި އައީ ގާޒާގެ ކަންތަކުގައި. މީގެ ކުރިން، ގާޒާގެ ކަންތަކަށް ވުރެ މާ ބޮޑެތި މަސައްކަތްތައް ކުރެވިފައި ހުރީ. ހުރިހާ ކަމެއް ސޯޝަލް މީޑީއާގައި ހާމަކޮށްފައި ހުންނާނެ،" އަޒްހަދު ވިދާޅުވި އެވެ.

"ފައިނޭންޝަލް ރިޕޯޓު އަޅުގަނޑުމެން ސޯޝަލް މީޑިއާއަކަށް ނުލަން. އެކަމަކު އަޅުގަނޑުމެންގެ ޑޯނާސް، ކައުންސިލްތަކުން ވެސް އަޅުގަނޑުމެންނަށް 50،000ރ. ދިނީމޭ، މިއިން ހަރަދުކުރަނީ ކޮން ކަމަކަށް ހެއްޔޭ. ވަގުތުން އެ ހަރަދުކުރި ގޮތުގެ ތަފްސީލު ހިއްސާކޮށްދޭން."

އަޒްހަދު ވިދާޅުވީ، ހަރަދުތަކުގެ ތަފުސީލް ވެބްސައިޓަށް ލާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި ގާޒާއަށް އެހީވާން މީހަކު ހަދިޔާކުރާ ފައިސާއެއް އެ ނޫން އެހެން ކަމަކަށް ހޭދައެއް ނުކުރެ އެވެ. ސަދަގާތް ނުވަތަ އިމަޖެންސީ ކަމަކަށް މީހަކު ހަދިޔާކޮށްފިނަމަ އެ ފައިސާ ދާނީ ސީދާ އެ މަސައްކަތަށް ވެސް އައިއޭސީން ބުނެ އެވެ.

"އެއްވެސް ރުފިޔާއެއް، އެ ބޭފުޅަކު ފޮނުވާ ރުފިޔާ ބޭނުންވާ ދިމާ ނޫން އެހެން އެއްވެސް ދިމާއަކަށް މޫވެއް ނުވާނެ. މިސާލަކަށް 50،000ރ. ޓްރާންސްފާ ކޮށްފައި ބުނަނީ އަޅުގަނޑުމެން ބޭނުންވަނީ ގާޒާ ރައްޔިތުންނަށް ހޮޓްމީލް ޕެކް ބަހައިދޭށޭ. އެހެން ވީމަ، ހަމަ ސީދާ އެގޮތަށް ކަންތައް ކުރެވޭނީ،"

ޖަމިއްޔާއަކަށް ދިން ވެހިކަލް އަމިއްލަ ބޭނުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސިބިލިޓީ (އެމްއޭޕީޑީ) ވުޖޫދުވީ އޭޕްރީލް 13، 2013 ގަ އެވެ. އެ ޖަމިއްޔާގައި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައި ތިއްބަސް، ވަކި ހިސާބަކުން އަހަރީ ބައްދަލުވުންތަކާއި މާލީ ހިސާބުތައް ހިއްސާކުރުން ހުއްޓާލިކަމަށް، އެ ތަނުގައި އިސްކޮށް ތިބި ބައެއް މެމްބަރުން ބުންޏެވެ.

އެ ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ކުއްޖެއްގެ ބެލެނިވެރިއަކު ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭނުންކުރުމަށް ޖަޕާނު ސަރުކާރުން 2022 ވަނަ އަހަރު އެމްއޭޕީޑީއަށް ހަދިޔާކުރި ތިން ވެހިކަލް ބޭނުންކުރުމުގައި ވެސް ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ.

ފުރޮޅުލީ ގޮނޑީގައި އިންނަ ކުއްޖަކު ފަރުވާއަށް ދިއުމަށް ދުރާލާ ބުކްކޮށްގެން ވެސް ގިނަ ފަހަރަށް ނުލިބޭ ކަމަށް، ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

"ވަރަށް ގިނަ ބައެއްގެ އެބަހުރި މި ޝަކުވާތައް. އެއް ފަހަރަކު މީހަކު ދިޔަ އެ ވެހިކަލެއް ދާ ތަނެއް ބަލަން ފަހަތުން. ގޮސް ހުއްޓުނީ ކައިވެނި ޕާޓީއަކަށް ބޮޑު ގްރޫޕެއް ގޮވައިގެން ދިޔައީ. އެކަމަކު، ސަރުކާރު މެދުވެރިވެގެން މި ވެހިކަލް ދިނީ މިފަދަ ކުދިންނަށް ފަސޭހައަކަށް. އެއްވެސް ފަސޭހައެއް ނުވޭ." އެ ބެލެނިވެރިޔާ ބުންޏެވެ.

އެ ޖަމިއްޔާގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ބުނެ "މިހާރު"އާ ވާހަކަދެއްކި ބެލެނިވެރިޔާ ހިމެނޭގޮތަށް މި ފަހުން ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާއިން ވަކިވާން އެދިފަ އެވެ. އެކަމަކު، ވަކިވާން ފޯމު ހުށަހަޅައިގެން އެއަށް ޖަވާބެއް ނުލިބި އެތައް ދުވަހެއް ވެއްޖެ އެވެ.

އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި މީހަކު، ނަން ނުޖަހަން ޝަރުތުކޮށް ބުނީ އެމްއޭޕީޑީގެ ތިން ވެހިކަލްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ދެނީ ސަރުކާރުގެ ކުންފުންޏަކުން ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ވެސް، ވެހިކަލް ބޭނުންކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަތުން ފައިސާ ނުނެގުމަށެވެ. އެކަމަކު، ވެސް ކޮންމެ ދަތުރެއް ނިންމުމަށްފަހު ފައިސާ ދޭންޖެހޭ ކަމަށާއި އެކަމަކު އެ ފައިސާތަކަށް ހަދާ ގޮތެއް ސާފުނުވާ ކަމަށް ބުންޏެވެ.

ޖަޕާނު ސަރުކާރުން އެމްއޭޕީޑީއަށް ހަދިޔާކުރި ވެހިކަލް.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު، އެމްޕަވަމެންޓް މިނިސްޓްރީން ބުނީ އެމްއޭޕީޑީން އެންމެ ފަހުން އަހަރީ ރިޕޯޓެއް ހުށަހެޅީ 2018 ވަނަ އަހަރު ކަމަށެވެ. އެ ގޮތަށް ބަލާނަމަ މި ޖަމިއްޔާ އޮންނާނީ އިންއެކްޓިވް ހާލަތުގަ އެވެ. އެކަމަކު، އެމްއޭޕީޑީ ހިންގުމުގައި ކުރިން އުޅުނު ގިނަ ބައެއްގެ ކަންބޮޑުވުމަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހިންގަމުން ނުދާއިރު ވެސް ސަރުކާރުގެ ކުންފުނިތަކުން އެ ޖަމިއްޔާއަށް އެހީވުމެވެ.

"އެ ފައިސާތަކަށް ވާނުވާއެއް ނޭނގޭ. ހަރަދުކުރާ ގޮތެއް ނޭނގޭ. އެއްވެސް ތަފްސީލެއް މި ފާއިތުވި އަހަރުތަކުގައި ހިއްސާއެއް ނުކުރޭ." ފަހުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެކަމަކު، އެ ތުހުމަތުތައް ޖަމިއްޔާގެ ފައުންޑިން މެމްބަރަކު ދޮގުކުރި އެވެ.

އޭނާ ބުނީ ވެހިކަލްގެ ކަންތައް އިތުރަށް ހަރުދަނާކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން ގްރޫޕް ޗެޓެއް ހަދާފައިވާ ކަމަށެވެ. ދަތުރުތަކުގެ ތަފްސީލުތަކާއި ބުކިންތައް އެ ގްރޫޕުގައި ހިއްސާކުރަން ފެށި ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެންނަށް ވެސް ދަތުރުތަކުގައި ކްލޭޝްތައް އާދޭ. އެ ދަތުރުތައް ކުރާ ގޮތުން ފުށުއަރާތީ އެމްޓީސީސީގެ ބަސް ވެސް ބޭނުންކުރިން،"

"ހަފްލާއާ ކްލާސްތަކަށް ދާން ލަސްވެ، ވެހިކަލް ކްލޭޝް ވެގެން އެއް ފަހަރު ކިރިޔާ އެވޯޑު ހަފުލާ ނުކެޓީ... އެއް ދުވަހު ކްލޭޝް އަކާ ހެދި ރޯދަ ވިއްލީ ރޭގަނޑު 8 ޖެހިއިރު." އޭނާ ބުންޏެވެ.

ވެހިކަލް އޮޕަރޭޝަނަށް ވެސް ބޮޑު ހަރަދެއް ކުރާކަމަށް އޭނާ ބުންޏެވެ.

ޖަމިއްޔާތައް ޓްރާންސްޕޭރެންޓް ނުވުމުގެ ކަންބޮޑުވުން

ޔޫތު މިނިސްޓްރީގެ ދަށުގައި އޮންނަ ޖަމިއްޔާތަކާ ބެހޭ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ނަސްރީނާ އިދުރީސް ވިދާޅުވީ މިހާރު ވެސް 2،700 އަށްވުރެ ގިނަ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި އެބަހުރި ކަމަށެވެ. މިހާރު ދިމާވާ ބޮޑު ގޮންޖެހުމަކީ ކޮވިޑަށް ފަހު ޖަމިއްޔާތައް އަލުން ހިނގައިގަންނަން ފެށިއިރު މައުލޫމާތުތައް ގެއްލިފައި ހުރުމެވެ.

ނަސްރީނާ ވިދާޅުވީ ޖަމިއްޔާތަކުގެ މާލީ ކަންކަމުގައި ހާމަކުރުމުގެ ސިޔާސަތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެކަމުގައި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޖަމިއްޔާއެއް އިންއެކްޓިވް ހާލަތަށް ދަނީ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވުމުންނެވެ. އެހެންވެ، އެ މުއްދަތަށް ފަހު ޖަމިއްޔާތަކުގެ ބޭންކު އެކައުންޓު ވެސް ބޭނުމެއް ނުކުރެވޭނެ އެވެ.

ޖަމިއްޔާތަކުގެ ބެހޭ ގާނޫނު ބުނާގޮތުން 500،000ރ. އަށްވުރެ ބޮޑު ހަރަދެއް ހިނގާނަމަ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހެ އެވެ. އެކަމަކު، ހިސާބުތަކުން ބައެއް ޖަމިއްޔާތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓު ރިޕޯޓުތައް ހުށަނާޅާތީ ބައެއް ޖަމިއްޔާތައް އުވާލުމުގެ މަސައްކަތް ވެސް ރަޖިސްޓްރާ ކުރަމުން އަންނަ ކަމަށެވެ.

"ބައެއް ބޭންކުތަކަށް ވެސް އަންގާފައިވާނެ މި ޖަމިއްޔާތަކަށް ފައިސާއާ ގުޅޭ މުއާމަލާތް ނުކުރަން މި ކަހަލަ ހާލަތެއްގައި ހުރި ކަމަށް."

13 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމާޓިކްޓޮކް

04 March 2025

ދިވެހިރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ ވެރިން ނާޖާއިޒުކޮށް އެ ފައިސާތަކާ، ހިލޭއެހީތަކާ ސްކޮލަޝިޕްތައް ވެސް ބޭނުންކުރަނީ އެމީހުންގެ އަމިއްލަ ބޭނުމަށް. ތިޔަ އައިއޭސީ އަކީ ލިބޭ ފައިސާ ރަނގަޅަށް ހާމަނުކުރާ ތާނގައި، ޓްރާންސްފަރކުރާ ފައިސާއިން %12 ނަގާ ބައެއް. ބޭންކު ލޯނަކަށް ވުރެ ކަންތައް ބޮޑު. އެމީހުން ވެސް މިހާރު %10 ނަގަނީ. ކޮންމެ އަހަރަކު ތިޔަ ފީއަށް 30 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން ލިބޭ. ގިނަ ދަތުރުތައް ކުރަނީ ސްޕޮންސަރއިން. ފައިސާ ފައިސާ!

The name is already taken The name is available. Register?

ސުންދުސް

04 March 2025

ލިބޭ ބޮޑެތި ޢަދަދުތަކަަށް ވާނުވާ ނޭނގޭ. މީހަކު ގުޅީމަ ދެން ހިސާބެއް ހަދާލާފަ މަތިއަޅަނީ. ހާމައެއް ނުކުރޭ. %12 ގެ ފީއެއް ވެސް ނަގާ. ދެން ކޮންހާ ވާހަކައެއް.

The name is already taken The name is available. Register?

އަންދަލޫސިޔާ

04 March 2025

ޑޮނޭޓްކުރާ ކޮންމެ 100 ރުފިޔާ އަކުން 12 ރުފިޔާ ދަނީ ޖީބަށް. ތިބޭފުޅުންނެކޭ ބޭންކެކޭ އެއްގޮތް. ޣައްޒާއަށް އެހީވުމަށް ވެސް ޢާންމުން 120 މިލިޔަން އެއްފަހަރާ އެއްކުރި. އެ ފައިސާއިން އެކަނި ވެސް 14.4 މިލިޔަން ލިބޭނެ. އަދި ފަންޑުފޮށިތައް ބަހައްޓައިގެން ލިބުނު ފައިސާގައި ތިބޭފުޅުން ބުނާ ޢަދަދެއް އޮންނަނީ. ހާމައެއް ނުކުރޭ. ބޮޑުން އުޅެނީ ޕޮޝްކޮށް މެލޭޝިޔާ އާއި ޓާރކީން ބޮޑެތި ޕެންޓް ހައުސްތައް ކުއްޔަށް ނަގައިގެން! މެލޭޝިޔާއިން ގެ ވެސް ބައްލަވައިގެން!

The name is already taken The name is available. Register?

ބޮޑުދޮންބެ

27 February 2025

އެމްއޭޕީޑީ، އަގަނުހުޅުވާތި، އިތުރަށް ބޭޒާރުވެ ފަލީހަތްވާން ނޫނީ، ނާޖާއިޒް ފައިދާ މިލިއަނުން ނަގަނީ ހަމަ އެއް ފެމިލީއެއް، ތިޔަ ޖަމުއިއްޔާ ގާނޫނާ ހިލާފުވެފަވަނީ އެތައް ކަމަކުން، ދޮގު މައުލޫމާތު ދެނީ ބެލެނިވެރިންނަށް، މުޅި ސޯސަލް މީޑިޔާ އަށް ހާމަކޮށްލާނަން ހުރިހާ އެއްޗެއް، އަބަދު އަމިއްލަ ފައިދާއަށް އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެގެން ނޫޅެވޭނެ،

The name is already taken The name is available. Register?

ބޮޑުދޮންބެ

27 February 2025

ދެން ކޮންމޮޅުވާހަކައެއް ޖަމުއިއްޔާ ތަކުގެ ބެލެނިވެރި އިދާރާ ތިޔަ ދައްކަނީ، އެމްއޭޕީޑީ ހިމާޔަތް ކުރަން ނޫޅޭ، މިހިރީ ހެއްކާ ގަރީނާ ފޮޓޯ ވީޑިއޯ، ސޯސަލްމީޑިއާއަށް ވައްޓާލީމަ ރީއްޗެއްނުވާނެ، ތިޔަ އިދާރާ ފަލީހަތް ވާނީ، ވަރަށް ރަގަޅު ތަހުގީގެއް ކުރެވެންޖެހޭ،

The name is already taken The name is available. Register?

ކިޔާނެކަމެއްނެތް

27 February 2025

މޮމްސް އެއިޑް، ވިމެން އިންޓެކް، އާކު، ޓައިނީ ހާޓްސް، ބްލޫޕީސް، އިކޯކެއަރ، ށީ، ތެލެސީމިޔާ، ޓްރާންސްޕޭރަންސީ، ބާކައުންސިލް، ހުރިހާ ސްޕޯޓްސް ކުލްބަތަކެއް...މީ ހަމަ ބަލާލަން ރަނގަޅު ތަންތަން

The name is already taken The name is available. Register?

އިޒްމީ

27 February 2025

2000 ވަނަ އަހަރުން ފެށިގެން "އީކޯކެއަރ މޯލްޑިވްސް" މި ޖަމުއިއްޔާޔަށް ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖެޔަށް ދިން ހިލޭ އެހީގެ ގޮތުގަ ލިބުނު ސްކޮލަރޝިޕް ތައް އެ ޖަމުއިއްޔާގެ އިސް ފަރާތެއްގެ ދަރިޔަކަށާ ތިމާގެ ބަޔަކަށް ދިން ކަމަށް ތުންތުން މަތިން ކިޔުނު. މިކަމުގެ ހިސާބުކިތާބު ޕްލީޒް!!!!!

The name is already taken The name is available. Register?

ހަސަނޭޭ

27 February 2025

އެންމެންވެސް ސަދަގާތްކުރަން ބޭނުންވޭ، ދުރަށް ބެހުމުގެ ބަދަލުގަ ކައިރިން ބަހަމާ، އާއިލާ، ރައްޓެހިން، އަވައްޓެރިން، ރަށުތެރޭވެސް ހާލުގަ އުޅޭމީހުން އެބައުޅޭ، ބޮޑެތި ލޯނު ނަގައި ނުދެއްކިގެން އުޅޭމީހުންވެސް އުޅޭ، އެފަދަ މީހުންނަށް ސަދަގާތްކުރަމާ.

The name is already taken The name is available. Register?

މޮމްސް

27 February 2025

ތިޔަ މޮމްސް އެންޖީއޯގެ ހާލަތަކީ ވެސް ހަމަ ތީ.

The name is already taken The name is available. Register?

ފިޒާ

27 February 2025

މަމްސް އެއިޑް ރަނގަޅަށް ބެލުން އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454