2022 ވަނަ އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސާއިދު.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 މާޗް 2025 - 14:53
މި މަހު ޗައިނާގެ ނަންޖިންގައި ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްސްގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފި އެވެ.
މި މަހުގެ 21-23 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ސާއިދު ހޯދީ، އެތުލީޓެއް ކަނޑައެޅުމަށް ބޭއްވި ޓައިމް ޓަރަޔަލްގައި، ޖެމައިކާގައި ތަމްރީނު ފުރިހަމަ ކުރަމުން އަންނަ ގައުމީ ޓީމުގެ އިބާދުﷲ އާދަމް ފަހަތަށް ޖައްސާލައިގެންނެވެ.
ޓައިމް ޓްރަޔަލްގައި ސާއިދު ވަނީ 60 މީޓަރުގެ ރޭސް 6.83 ސިކުންތުން ނިންމައިފަ އެވެ. މިދިޔަ އަހަރު ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި އިބާދުﷲގެ ޓައިމިން އަކީ 6.90 ސިކުންތެވެ.
ސާއިދު ވަނީ އެންމެ ފަހުން 2024 ގައި އިނގިރޭސި ވިލާތުގެ ގްލާސްގޯ އާއި 2022 ވަނަ އަހަރު ސާބިއާގެ ބެލްގްރޭޑްގައި ބޭއްވި މުބާރާތުގައި ވެސް 60 މީޓަރު ރޭހުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ.
ސާބިއާގެ މުބާރާތުގައި 60 މީޓަރު ހީޓުގައި ސާއިދު ރޭސް ފުރިހަމަ ކޮށްފައި ވަނީ 6.87 ސިކުންތުންނެވެ. އަދި އެންމެ ފަހުން އިނގިރޭސިވިލާތުގައި އޭނާގެ ޓައިމިންއަކީ 6.93 ސިކުންތެވެ.
މިއަހަރުގެ ޓައިމް ޓްރަޔަލްގައި އެންމެ ކުރީގައި އުޅޭ އަންހެން އެތުލީޓުންނަކީ އަހްނާ ނިޒާރާއި މަރިޔަމް ރޫޔާ އަލީ އެވެ. އަހްނާ ނިޒާރުގެ ޓައިމިންއަކީ 7.87 ސިކުންތެވެ. އަދި ދެ ވަނަ އަށް ދިޔަ ރޫޔާގެ ޓައިމިންއަކީ 7.92 ސިކުންތެވެ.
ޗައިނާގެ ޖިއާޝިންގައި މި މަހު 31 ވަނަ ދުވަހު ކުރިއަށްދާ އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާނީ ދިގު ދުވުންތަކުގައި ކުރިއެރުން ހޯދަމުން އަންނަ މުހައްމަދު އިރުފާން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމްބަލް ސޭލް
03 March 2025
ވާދަކޮށްގެން މޮޅުވެގެން ހޮވެންޏާ "އަބަދު" އެކަކުވިޔަސް އޯކޭއެއްނު؟ "ބަދަލަ"ކަށޭ ކިޔާފަ އެޔަށްވެސް ސުޓޭޓު މިނިސްޓަރަކު ފޮނުވީމާ ކަމަކު ނުދާނެ
ބޯލްޓް
02 March 2025
މީނަ ދެން މިވަރެއްގައި ދޯ އަބަދުވެސް އުޅެނީ...
ހަމްދާ
02 March 2025
މިގަރުނުގަ ދެން އާ އެތްލީޓަކު ނުފެންނާނެ.