އައްޑޫ ނޭޗާ ޕާކްގައި ކޯއްޓޭ ސަރަހައްދުގައި ބަޔަކު ކެނޯ ދުއްވަނީ.-- ފޮޓޯ: އަހުމަދު މަހްޒޫމް
06 މާޗް 2025 - 14:00
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް މިިދިޔަ އަހަރު 8 ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑުގެ ނަމުގައި ފަންޑެއް ގާއިމުކުރީ މެއި 15، 2022 ގަ އެވެ.
މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އައްޑޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ، ހިމާޔަތް ކޮށްފައިވާ އަދި ޔުނެސްކޯ "މޭން އެންޑް ބައޮސްފިއާ ރިޒާވް" ގައި ހިމެނޭ ތަންތަން ބެލެހެއްޓުމަށް ބޭނުންވާ ހަރަދުތައް ކުރުމަށް ހެދި ފަންޑެކެވެ.
އަހަރީ ރިޕޯޓުގައިވާ ގޮތުން އައްޑޫ ނޭޗާ ޕާކުގެ ހިދުމަތްތަކުން ލިބުނީ 377،648ރ. އެވެ. އަދި ގްރީން ފަންޑުން ލިބުނު ފަސް ލައްކަ ރުފިޔާއާ އެކު، އެ ތަނުން ލިބުނު އާމްދަނީ 877،648ރ. އަށް އަރަ އެވެ.
އައްޑޫ ނޭޗާ ޕާކުގެ މެއިންޓަނަންސް އާއި އެހެނިހެން ހަރަދުތަކަށް މިދިޔަ އަހަރު އަރާނެ ކަމަށް ލަފާކުރީ 980،935ރ. އެވެ. އެކަމަކު ރިޕޯޓުގައިވާ ގޮތުން އެކަމަށް ހަރަދުވީ 355،492ރ. އެވެ.
ގްރީން ފަންޑުން ވެސް 862،329ރ. ހަރަދުވާނެ ކަމަށް އަންދާޒާކުރިޔަސް މިިދިޔަ އަހަރު އެ ފަންޑުން ހަރަދުވީ 299،320ރ. އެެވެ. ފަންޑުން ލިބުނު ފައިސާ އިން ވަނީ ދެ ބަގީ އާއި ވިޒިޓާސް ސެންޓަރުގެ ފަންކާތައް ގަނެފަ އެެވެ.
މިދިޔަ އަހަރު، އައްޑޫ ނޭޗާ ޕާކުގެ މަރާމާތަށް ކުރި މަސައްކަތްތަކުގެ ތެރޭގައި އައްޑޫ ނޭޗާ ޕާކުގެ ވިޒިޓާސް ސެންޓަރުގެ ބާޑް އޮބްޒާވާ އާއި ވިޒިޓާސް ސެންޓަރުގެ ފާހާނާ ސަރަހައްދުގައި ޑެކު ޖެހުމާއި އައުޓްޑޯ ކްލާސްރޫމާއި ބެދި ސަރަހައްދުގެ ކެނޯ ޖެޓީ އާއި ކޯއްޓޭ ސަރަަހައްދުގައި ހަދާފައިވާ ބެންޗުތައް މަރާމާތްކުރުން ހިމެނެ އެވެ. ބާބަކިއު ސްޓޭޝަން ނިންމުމާއި އިންފޮމޭޝަން ބޯޑުތައް މަރާމާތު ކުރުމާއި ނޭޗާ ޕާކުގެ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުން ހިމެނޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ފަންޑުގައި 1.2 މިލިއަން ރުފިޔާ ބާކީ ހުއްޓެވެ. އަދި 2024 ގައި ލިބުނު ފައިސާއާ އެކު ޖުމްލަ ހުރީ 1.85 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާއިފު
09 March 2025
ކޮބާ ވަކި މީހަކު ކައުންސިލަށް ދައްކަންޖެހުނު އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާ؟ އެ މަޢާފުކުރުމުގެ ބާރު ކަކޭމެނަށް ދިނީ ކާކު؟ އޭސީސީ މިކަން ބަލަންޖެހޭ!
ސޯދިގު
06 March 2025
ބަޔަކު ތަނެއް ތަރައްގީކުރަން ފައިސާލޮޅެއް ދިނަސް ހަރަދު ނުކޮށް ބަހައްޓާފަ މިހުންނަނީ.. ފައިސާ ދެނީ ހަރަދުކޮށް އެތަން ތަރައްގީ ކުރަން. ދިނީމަ ފާހަނާ ސާފުކުރާ ފުޅިއަކާއި ކަރުދާސް ރީމެއް ގަނެފަ މިބުނަނީ ދެން ކުރަން ޖެހޭ އެހެން ކަމެއް ނެތޭ.. މިކަހަލަ ވިސްނުން ހުންނަ މޭޔަރުން ތިބެގެން ކިހިނެއް ތަރައްގީ ވާނީ..
މޭޔަރުގެ ވިޝަން
06 March 2025
މަގޭ ނަރުދަމައޭ ކަރަންޓޭ ފެނޭ އެކަމަކު ސިޓީ އޭ މޭޔަރޭ. ދައުރު މިނިމެނީ އަސާސީ ކިޔާލަކިޔާލާ.
ޝިނާލު
06 March 2025
ކައުންސިލުން ރައްޔިތުންނަށް ކޮށްދޭ އެއްކަމެއްވެސް ނެތޭ. އައްޑޫ ތަރައްގީނުވަނީ މިކަހަލަ މޭޔަރުން ހޮވާތީ.
ކަނބިލި
06 March 2025
ކައުންސިލަށް ލިބޭ އާމްދަނީއަށް ހަދާ ނަހަދާއެއް ނޭގޭ. ބަލާ ބަޔަކުވެސްް ނޫޅޭ. މިސަރުކާރުންވެސް އެކަމަކާ އަޅައެއް ނުލާ "ރުއްސުމުގެ ބޮޑު ސިޔާސަތު"ގެ ދަށުން.
ވޯޓު
06 March 2025
އައްޑޫގެ މޭޔަރު އެބައުޅޭ އޭނަގެ ކެމްޕެއިން ފަށަން ރައްޔިތުންކައިރީ ފެނަކައޭކިޔައި މަގުމައްޗައްނިކުންނަން ވިސްނަން ބާރުދެމުން.
ފަންސާސް ލާރި
06 March 2025
ތަފާތު ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ރާއްޖެއިން ބޭރަށް ދާން ޚަރަދު ކޮށްލެވޭނެބާ ތިޔަ ފަންޑުން.