08 މާޗް 2025 - 09:07
އެއީ މީގެ 11 އަހަރު ކުރި އެވެ. އޭޕްރީލް 10، 2014 ވަނަ ދުވަހުގެ ރޭ ދަންވަރާ ހަމައަށް އެއީ ވަރަށް ހަރަކާތްތެރި ޒުވާނެކެވެ. އުމުރުން އެންމެ 26 އަހަރެވެ. އެ ކަމަކު އެ ރޭ މާލޭގައި ހިނގި ސައިކަލް އެކްސިޑެންޓަކާ އެކު، އަހުމަދު އަފްރާހުގެ ދިރިއުޅުން އެއްކޮށް ބަދަލުވި އެވެ. އެނދުމަތީގައި އޮންނައިރު ފަރާތަކަށް ގުޑިލެވެނީ ވެސް މީހެއްގެ އެހީތެރިކަމާ އެކުގަ އެވެ. ކޮއްޅަކަށް ނުހުރެވެ އެވެ. ވަރަށް އާދައިގެ އެކްސިޑެންޓެއް ކަމަށް ފުރަތަމަ ނިންމައިގެން ހުއްޓަސް ކުޑަހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުވި އެވެ.
ކުރިން ސިފައިންގޭގައި އެކަމަކު އެކްސިޑެންޓު ހިނގިއިރު ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، ގދ. ތިނަދު އަށް އުފަން އަފްރާހު އެރޭ ދިޔައީ ވެސްޓްޕާކް ސަރަހައްދަށް ރައްޓެއްސަކާ އެކު ކޮފީއެއް ބޯށެވެ. ކޮފީ ނިންމާފައި ބޮޑުތަކުރުފާނު މަގުން ބީއެމްއެލް ކައިރިން ޔޫޓާންއެއް ނެގީ ޗާންދަނީ މަގުން ލާފައި އެތެރަށް ވަންނާށެވެ. އަފްރާހު އިނީ ރައްޓެއްސެއްގެ ސައިކަލްގެ ފަހަތުގަ އެވެ. އެކަމަކު، އެމްއެމްއޭ ކައިރިން ބާރަށް އައި ސައިކަލެއް، އަފްރާހު އިން ސައިކަލްގައި ޖެހިފައި އޭނާ ވަރަށް ދުރަށް ވިއްސައިގެން ދިޔަ އެވެ. އަފްރާހު ގޮސް ޖެހުނީ އެމްއެމްއޭ ކައިރީގައި އެމްޓީސީސީ ސައިޓުގައި ހުރި ކޮންކްރީޓް ތަނބެއްގަ އެވެ.
އެ ތަނބުގައި އަފްރާހުގެ ބުރަކަށި ޖެހުމާ އެކު، ވަގުތުން ހޭނެތުނެވެ. ބޭރުފުށުން ފެންނަން ހުރީ ކުޑަކުޑަ އަނިޔާއެކެވެ. އެކަމަކު، ހުރިހާ ކަމެއް ބަދަލުވިކަން އެނގުނީ އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާ ހޯދުމަށް ފަހު، އަތުގެ އެ ކުޑަޑަކުޑަ ފާރުގައި ބޭސް އަޅައި، ޑިސްޗާޖު ކުރުމަށް އެރޭ ޑޮކްޓަރު ނިންމި ހިސާބުންނެވެ. ގެއަށް ދާން އެނދުން ފައިބަން ދެތިން ބުރަށް އުޅެގެން ވެސް ކަނާތު ފައި މަސައްކަތެއް ނުކުރި އެވެ. އެއްވެސް ހަރަކާތެއް ނެތެވެ.
އަފްރާހު، ސާޖަރީ އަށް ވެއްދެމުގެ ކުރިން.
"ދަށްފައިގައި ތަޅުދަނޑި ޖައްސާލީމާ ވެސް އެނގުމެއް ނުވި. އޭރު ޝިފްޓް ޑިއުޓީ ޑޮކްޓަރުން ވެސް އައިސް ބުނެފި އެއްވެސް މައްސަލައެއް ނެތޭ،" އަފްރާހު ކިޔައިދިނެވެ.
އެ ހިސާބުން ޑޮކްޓަރުން އެލާޓްވި އެވެ. ކަށީގެ ޑޮކްޓަރު ޝާން ވެސް ވަޑައިގެން އަފްރާހު ވަގުތުން ސާޖަރީއަކަށް ވެއްދި އެވެ. ސާޖަރީ ނިންމައި، ތިން ދުވަސް ފަހުން ވޯޑަށް ބަދަލުކުރުމާ ހިސާބަށް އަފްރާހަށް ވާނުވާއެއް ނޭނގެ އެވެ. މީހުން ވަކިކޮށް، ރަނގަޅަށް ވާހަކައެއް ނުދެއްކެ އެވެ. ނަމަވެސް ވޯޑަށް ބަދަލުކުރަށް ފަހު ޑރ. ޝާން ވިދާޅުވި އެންމެ ޖުމުލައަކުން އަފްރާހަކީ ދެން "ނެތް މީހެއް ކަމަށް" އެ ވަގުތު އޭނާ އަށް ނިންމުނެވެ.
އަފްރާހު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާ އެކު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ޑރ. ޝާން ރައުންޑަކަށް އައި ދުވަހެއްގައި އަޅުގަނޑުގެ ކުރިމަތީގައި ބުނަނީ ތިއީ އަފްރާހު އޮންނާނެ ގޮތޭ. މުޅި އުމުރަށް ވެސް އަފްރާހު އޮންނާނީ އެނދުގައޭ. އެއްވެސް ކަހަލަ ހަރަކާތެއް ނުހުންނާނެއޭ. އަބަދުވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެއޭ،" އެ ވަގުތުގެ މާޔޫސްކަން ކިޔައިދެމުން އަފްރާހު ބުންޏެވެ.
"މާނައަކީ 7*24 އެއްވެސް ކަހަލަ ކަމެއް ނުކުރެވޭނެއޭ އެކަންޏެއް. އަބަދުވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެއޭ. އަފްރާހުގެ މައިނާރު ހުރީ އެއްކޮށް ބުރިވެފައޭ. މައިބަދަ ވެސް އެއްކޮށް ހިފަހައްޓާލެވޭނެ ކަމުގެ އެއްވެސް ކަހަލަ ޔަގީންކަމެއް ނެތޭ. އެތެރެއަށް ހުރީ ވަރަށް ބޮޑަށް އަނިޔާވެފައޭ. ހިނގޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތޭ."
އަފްރާހުގެ މައިބަދަދައިގެ ސާޖަރީއަށް ފަހު ފަހާފައި
އެކަމަކު އަފްރާހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް ޑޮކްޓަރު ނިންމެވިޔަސް އުންމީދު ގެއްލުނީ ކުޑަ ދުވަސްކޮޅަކަށް ކަމެވެ. އެއީ ނާޒުކް ދުވަސްކޮޅެކެވެ. އައިޖީއެމްއެޗުގައި އޮތް ދެ ހަފުތާގައި މީހާ ޑިޕްރެޝަނާ ހިސާބަށް ނުގޮސް ސަލާމަތްވީ ނަސީބަކުންނެވެ. އަފްރާހަކީ އަމިއްލަ އަށް ހުރިހާ ކަމެއް ކުރަމުން އައި މީހަކަށް ވާއިރު، ކޮއްޅަށް 10 ސިކުންތައް ވެސް އެކްސިޑެންޓަށް ފަހު ނުހުރެވުމަކީ މާޔޫސް ކުރުވި ކަމެކެވެ.
އެކަމަކު، އޭނާ އެއްކަމެއް ހިތުގެ އަޑިން ގަބޫލުކުރި އެވެ. ޑރ. ޝާން އެހެން ވިދާޅުވިޔަސް އަމިއްލަ މަސައްކަތުން "މާ މައްޗަށް" ދެވޭނެ ކަމަށް ނިންމައި ކުރިމަގަށް ރޭވި އެވެ. ޑރ. ޝާން ވިދާޅުވި އެއްޗެއް ބަދަލުކުރެވޭނެ ކަމަށް އަފްރާހު އަމިއްލަ އަށް ނިންމި އެވެ.
އަފްރާހު "މިހާރު" ގެ ނޫސްވެރިންނާ ތިނަދޫ ސިޓީ ކައުންސިލް އިދާރާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެހެންވެ، ދެ ހަފުތާ އަށް ފަހު އައިޖީއެމްއެޗުން ޑިސްޗާޖު ކުރުމާ އެކު، އަފްރާހު ދިޔައީ އިތުރު ފަރުވާ އަށް އިންޑިއާއަށެވެ. އިންޑިއާ އަށް ދަތުރުކުރަން ޖެހުނީ ވެސް ސްޓްރެޗާގައި ބާއްވައިގެންނެވެ. ވީލް ޗެއާގައި ވެސް ނީނދެވޭތީ އެވެ. ގާތްގަނޑަކަށް ނުވަ މަސް ވަންދެން އިންޑިއާގައި މަޑުކުރަން ޖެހުނެވެ. ކުރިހާ ވެސް ކަމަކީ ފިޒިއޮތެރަޕީ ނެގުމެވެ.
"ފިޒިއޮތެރަޕީ ނެގުމުގެ ތެރޭގައި އިށީންނަން މަސައްކަތް ކުރާއިރު ބައެއް ފަހަރު ވެއްޓި އެކި ކަހަލަ އަނިޔާތައް ވެ، އެހެން މިހެން އައިސް މަޑުމަޑުން އަމިއްލަ އަށް އިށީންނަން ފެއްޓުނީ. މާނައަކީ އަމިއްލަ ހިތްވަރު. އޭރު ވެސް އަމިއްލަ އަށް ކަންކަން ނުކުރެވޭ، އެކަމަކު ވެސް ބަލަނީ އަމިއްލަ އަށް ކަންކަން ކުރެވޭތޯ،" މިހާރު އުމުރުން 37 އަހަރުގެ އަފްރާހު ކިޔައިދިނެވެ.
ނުވަ މަހެއްހާ ދުވަހުގެ ފިޒިއޮތެރަޕީ އަށް ފަހު، އަފްރާހު މާލެ އަށް ފޭބީ ވީލްޗެއާގަ އެވެ. އަމިއްލަ އަށް ކަންކަން ކުރެވެ އެވެ. މާލެ އަށް އާދެވުމާ އެކު، އެންމެ ފުރަތަމަ ބައްދަލުކުރި އެއްބޭފުޅަކީ ޑރ. ޝާން އެވެ. ބޭނުމަކަށް ވީ، އަފްރާހަކީ މިހާރު އަމިއްލަ އަށް ކަންތައްތައް ކުރެވޭ މީހެއްކަން އަންގައި ދިނުމެވެ.
އަފްރާހު ފުރޮޅުލީ ގޮނޑީގައި ދުއްވާފައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"[ޑރ. ޝާން] ވަރަށް އުފާ ވެސް ވެފައި ހުރީ. ބުނަން ވެސް ބުނި ތިމަންނަ އެ ގަޑީގައި އެ ހާލަތަށް ބަލާފައި ބުނި އެއްޗެކޭ އެއީ. އެއްވެސް ގޮތަކަށް ހިތްބަރުކަމެއް ނުބާއްވައްޗޭ،" އަފްރާހު ބުންޏެވެ.
އަފްރާހު މިހާރު ދިރިއުޅެނީ އަމިއްލަ ރަށް ތިނަދޫގައި އާއިލާއާ އެކުގަ އެވެ. ތިނަދޫ މޭޔަރު ސައުދުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު، ތިނަދޫ ސިޓީ ކައުންސިލުން ވަޒީފާ ލިބިއްޖެ އެވެ. ދެހާސް ތޭވީސް ވަނަ އަހަރުން ފެށިގެން ވަޒީފާ އަށް ނުކުންނަން ފަށާފައިވާއިރު، މިހާތަނަށް ދުވަހަކު ގަޑިއެއް ނުޖެހެ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިނުން ފިޔަވައި މާ ބޮޑު ތަފާތެއް ވަޒީފާގައި ނުދައްކަ އެވެ. އޭނާ މަސައްކަތް ކުރަން ޖެހެނީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ރިސެޕްޝަންގައި ކަމަށް ވުމުން އާންމުންނަށް ހިދުމަތް ދިނުުގައި އެހެން މުވައްޒަފުންނެކޭ އެއްފަދަ އެވެ.
އަފްރާހު، ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ރިސެޕްޝަންގައި މަސައްކަތް ކުރާއިރު އެ ތަނުގެ މުވައްޒަފަކާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ އެންޓްރީތައް ބެލެހެއްޓުމާއި ތިނަދޫގައި އައިޑީ ކާޑު ހެއްދުމާ ގުޅޭ ކަންތައްތަކުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރީ އަފްރާހު އެވެ.
"ބަލަމާ ގޭގައި އުޅެނީ ދައްތަ އާއި ކޮއްކޮއާ އެކު، ޖުމުލަ ތިން މީހުން އުޅެނީ. ކެއްކުމާއި ކުނިކެހުމާއި އެއްޗެހި ދޮވުން މިއީ މިހާރު އަމިއްލަ އަށް ކުރެވޭ ކަންކަން. މި ހުރިހާ ކަމެއް މިހާރު އަމިއްލަ އަށް ކޮށްގެން މި އުޅެނީ. އޮފީހަށް އަންނަން މި ހޭލަނީ ހެނދުނު ހައެއް ޖަހާއިރު. ހޭލައިގެން އިސްތިރި ކޮށްގެން އޮފީހަށް."
އަފްރާހުގެ އެންމެ ބޮޑު އުފަލަކީ އޭނާއަކީ ނުހިނގޭ މީހަކަށް ވިޔަސް ވަޒީފާގެ މާހައުލުގެ ހިތްހަމަޖެހުމެވެ. މުޅި އޮފީހުގެ އެންމެންގެ އެހީތެރިކަން ލިބެ އެވެ.
"ހާއްސަކޮށް އިދާރީ މުވައްޒަފުން."
އެކްސިޑެންޓަށް ފަހު އަފްރާހުގެ ދިރިއުޅުމުގައި ވެސް ހިތްދަތި ކަންތަކާ ދިމާވި އެވެ. އަންހެނުންނާ ވަކިވާން ޖެހުނެވެ. އޭގެ ފަހުން ވެސް ކައިވެންޏެއްކޮށް ހަމަ ވަކިވީ އެވެ. އެއާ އެކު، 2021 ގައި މަންމަ ނިޔާވުމުން އިތުރު ހިތާމަތަކެއް ލިބުނެވެ. އެކަމަކު، އާއިލާގެ މީހުންގެ އެހީތެރިކަން އަބަދުވެސް އޮންނާތީ އެ ހިތާމަތަށް ފޮރުވަ އެވެ. ނަމަވެސް މަންމަ ނެތުމުގެ ފަޅުކަމާ އަދިވެސް އަފްރާހާ ދުރަކަށް ނުދެ އެވެ.
"މަންމަ ވީމާ ވަރަށް ގިނަ ކަންކަން ފަސޭހަ،" އޭނާ ބުންޏެވެ.
އަފްރާހު ދަރިފުޅާ އެކު.
އަފްރާހުގެ ދަތުރުގައި އެންމެ ބޮޑަށް ޝުކުރު އަދާކުރާ އެއް ތަނަކީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވެރިންނެވެ. އެކްސިޑެންޓަށް ފަހު، 2018 ގައި ވެރިކަން ބަދަލުވުމާ ހަމައަށް ވެސް އޭނާ އަށް ބަރާބަރަށް މުސާރަ ލިބުނެވެ.
ރައްޔިތުންގެ މަޖިލިހުގެ އޭރުގެ އަމީން އާންމު އަހުމަދު މުހައްމަދު، އަފްރާހު އަށް ސެޓްފިކެޓެއް ދެއްވަނީ.
"އެހެންވެ، މަޖިލިހުގައި އޭރު ތިއްބެވި ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،"
ޑރ. ޝާން އެންމެ ފުރަތަމަ ދެއްކެވި އުނދަގޫ ވާހަކަތާ އެކު ވެސް އަފްރާހު ދެއްކި ހިތްވަރު އަދިވެސް ދޫކޮށްނުލަ އެވެ. އެ ދުވަހު ވެސް ވިސްނީ އަމިއްލަ އަށް އުޅެވޭނެ ގޮތެއް ހޯދުމަށެވެ. އެކްސިޑެންޓަށް 11 އަހަރު ފަހުން މިހާރު ވިސްނަނީ އެ އަށް ވުރެ މައްޗަށެވެ.
އަދިވެސް 10 ސިކުންތަށް ވުރެ އިތުރަށް އެކަނިމާއެކަނި ކޮޅަށް ނުހުރެވުނަސް ހަރަކާތެއް ނެތި ހުރި ބައެއް ނާރުތައް މިހާރު ހަރަކާތް ކުރާކަން ފާހަގަ ކުރެވޭތީ އެކި ގައުމުތަކުގެ ޑޮކްޓަރުންނާ ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އައިޖީއެމްއެޗާއި އިންޑިއާގެ ޑޮކްޓަރުންގެ ލިޔުންތައް އެކި ޑޮކްޓަރުންނާ ހިއްސާކޮށް ރާއްޖެ އިން ބޭރުން އިތުރަށް ޑޮކްޓަރުންނަށް ދައްކައި، ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އޭނާ ވަރަށް ބޮޑަށް ބޭނުމެވެ.
އަފްރާހު ބައެއް ރައްޓެހިންނާ އެކު.
"ބެންކޮކްގެ ބައެއް ޑޮކްޓަރުންނާ ވެސް އެބަ ކޮންސަލްޓް ކުރަން. އަދިވެސް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތެއް އޮތްތޯ މި ބަލަނީ. ނާރުތަކަށް މިހާރު މޫވްމަންޓްސް އަންނަ ކަމަށް ފާހަގަކުރެވޭތީ އުންމީދު ގެއްލުވައެއް ނުލަން އަދިވެސް،" އުމުރުން 14 އަހަރުގެ ފިރިހެންކުއްޖަކު ވެސް ހުންނަ އަފްރާހު ބުންޏެވެ.
އެހެންވެ، އަފްރާހު އަދިވެސް ބޭނުންވަނީ ހެޔޮއެދޭ މީހުންގެ އެހީތެރިކަމާ އެކު އެ ދަތުރު ކުރާށެވެ. އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަން އެކްސިޑެންޓަށް ފަހު އޭނާ ނުދެކެ އެވެ. ޑރ. ޝާން އަށް ވެސް ދިނީ އެ މެސެޖެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާށޭ
08 March 2025
އޮން ލައިން ކޮށް އޮޓޯ ޑެސްކް ސޮފްޓްވެއަރސް ތައް ދަސްކޮށްގެން ރަނގަޅު ޑްރާފްޓްސް މަނަކަށް ވެވިދާނެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާ ކުރެވޭނަމަ އޮޓޯ ޑެސްކްގެ ވަރަށް ގިނަ އެޕްލިކޭޝަންސް ތަކަކީ ޔޫޓިއުބް އިން ވަރަށް ރަނގަޅަށް ލެސެންސް ތައް ނަގާދީފައިވާ ލެސެންސް ތައް ކަމަށްވާއިރު ޓީޗަރަކާއި ނުލައި މިކަން އަމިއްލަ އަށް ކުރެވޭނެއޭ މިސާލަކަށް ފިއުޝަން 360 ރަނގަޅަށް ދަސްކޮށްގެން ތްރީޑީ ޕްރިންޓަރެއް ގޭގައި ބަހައްޓައިގެން ވެސް ވަރުގަދަ އާމްދަނީ އެއް ހޯދިދާނެއޭ
ދިއްދޫމީހާ
08 March 2025
އެކްސިޑެންޓަށް ފަހު، 2018 ގައި ވެރިކަން ބަދަލުވުމާ ހަމައަށް ވެސް އޭނާ އަށް ބަރާބަރަށް މުސާރަ ލިބުނެވެ.މިވަރުން ފުއްދިޖެެއް..
މާފުން
09 March 2025
މިހާވަރުންވެސް ބަޔަކަށް އެނގެންވެއްޖެނު، އެމްޑީޕީ އަކީ ޙަޤީޤީ މާނައިގައި މީހަކަށް އެހީވާނެ ބައެއް ނޫންކަން. އެ މީހުން ބޭނުންވަނީ އެމީހުންނަށް ފައިދާވާނެ ގޮތްގޮތް. ރައްޔިތުންނަކީ ބޭނުން ބައެއް ކަމަށް ނުދެކެ.
ާއަލިމޯޑު
08 March 2025
މިހާރު ނޫހުގެ ބޭފުޅުންނަށް ދަންނަވާލަން ފުޓްބޯޅަ ކޯޗް ހީނާގެ ފިރިހެން ދަރިފުޅު 'އޮއްތޮ' ގެ ހާލަތު ގެނެސްދިނުމަށް.ކުރީ ދުވަހަކު ސޯސަންމަގުން ފެނުނު އޮއްތޮ ވީލްޗެއާގަ ދަނިކޮށް މީހަކާއެކު.ވަރަށް ދެރަވި. އެންމެ ޒުވާން އުމުރުގަ ވިޔަފާރިއަކާ އާއިލާއެއް ފެށިތަނުން އެކްސިޑެންޓެއްވެ ގޮނޑީގަ އިންނަން ޖެހުނީމަ އެހެން މީހެއްގެ އިހުމާލުން. 8 އަހަރު ވެދާނެ މިހާރު. އޮއްތޮގެ ވައިފް ވެސް އެހާ ހިތްވަރު ގަދަ.
ސަމޭދާން
08 March 2025
ކުރިންވެސް އަފްރާހާބެހޭ އާޓިކަލެއް މިނޫހުން ކިން. މިއަދުވެސް މި ކީ. އެދުވަހު ކުރަމުންދާ ހިތްވަރަށް ސާބަސްދިނިން. މިއަދުވެސް ތިޔަކުރާ ހިތްވަރަށް ސާބަސްދެން.
ޙަސަން މޭޓް
08 March 2025
އަފްރާހް އަކީ އަހަރެންގެ ކްލާސް މޭޓެއް، މިކަން ހިގާ އެހާލުގަ އޮތްކަން އެގުނު ދުވަހު އަހަރެންނަށް ގަބޫލް ކުރަން ދަތިވިއެވެ. ޢަދި ހަމަލޮލުން އަފްރާހް ފެނުނު ދުވަހު ހިތްފަޅައިގެން ދިޔައެވެ. ޢެކަމަކު ހިތްވަރުކޮށްފައި އަފްރާހްގެ ކުރިމަތީ ނުރޮއެ އޭނާއަށް ހިތްވަރުދީ ވާހަކަ ދެއްކުމަށްފަހު އަހަރެން ނުކިތީ އަމިއްލަ ނަފްސަށް އެކަމުން އިބްރަތް ހާސިލް ކުރަމުންނެވެ. ޢިންސާނާގެ ނިކަމެތިކަމާއި ހާލަތުބަދަލުވާނެ އިރެއް ވަގުތެއް ނޭގޭނެކަމުގެ އިންޒާރު ހިތައްވައްދަމު
ގުރޭޓްސްޓަފް
08 March 2025
ވަރަށް މުހިންމު އަދި އިބުރަތްތެރި އެކިކަހަލަ ސްޓްރަގަލް ގައި އުޅޭ މީހުންނަށް ހިތްވަރު ލިބޭފަދަ ވާހަކައެއް އަފްރާހުއަށް އިތުރު ކުރި އެރުމާ ކާމިޔާބީއަށް އެދެން ތިއީ މޭންއެއް
ޢަހްމަދު އ
08 March 2025
ޑރ. ޝާން މީ ވ ފޮނި ގަދަބަސް ބުނާ ޑރ.އެއް.
ދަލީލު
08 March 2025
މޮޅުވެސް ޑރ. އެއް.
ސިކުނޑި
08 March 2025
ޝިފާ ދެއްވަނީ ﷲ. ޑޮކްޓަރުންނަށް ދެވޭނީ ފަރުވާ.
ހާއްޗަ
08 March 2025
ޝާން މީ ހާދަ ވަރެއްގެ ޑޮކްޓަރެކޭ ދޯ
ކިއްލާ2222
09 March 2025
ޑޮކްޓަރު ތެދަށް ނުފޮރުވާ ކިޔާ ދިނީ! އޭގަ ނެތް ގޯހެއް! އެކަމަކު މީހާގެ ހިތްވަރުން ގޮޑީގަ އިދެވުނު ކަން ރަގަޅު!
ޝާނޫ
08 March 2025
ބަލިވެ ނިކަމެތި ހާލުގައި އޮތް ބަލި މީހަކަށް ޝާނު ކަހަލަ ޑޮކްޓަރަކު އެހެން ބުނަން ހެޔޮ ނުވާނެއްނު. ބަލި މީހާ އިތުރަށް މާޔޫސްކޮށްލާ ކަހަލަ ވާހަކަ ޑޮކްޓަރު އެ ބުނީ. ޑޮކްޓަރުންނަށްް އެބަ ޖެހޭ ބަލި މީހުންނަށް ރީތި ގޮތުގައި ވާހަކަ ދައްކަން ވެސް ދަސްކޮށްދޭން. ކޯހުގެ ބައެއްގެ ގޮތުގައި ނަމަވެސް.