11 މާޗް 2025 - 09:01
ގޭގައި ހުރެގެން އާމިނަތު ޒިދުނާ އަބަދު ވެސް މީރު، ތަފާތު އެއްޗެހި ހަދައި ކެއްކުމުގެ އާ ކަންކަން ތަޖުރިބާކުރެ އެވެ. މާލޭގައި އަހަރުތަކެއް ވަންދެން އުޅުމަށްފަހު އުފަން ރަށް، ދ. ރިނބުދު އަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ އެ ހުނަރު ބަދަލުކޮށްލީ އާމްދަނީ ލިބޭނެ މަގަކަށެވެ.
ޕޭސްޓްރީ ހަދައިގެން ވިއްކަން ފެށި އެވެ. އަމިއްލަ ބްރޭންޑެއް އުފައްދައި އަދި ރިނބުދު އަށް ވެސް މުޅިން އަލަށް ޕިއްޒާ ތައާރަފްކޮށް ވިޔަފާރީގެ ކުރިތައް ފަޅުވަން ފެށި އެވެ. ހަތް މެމްބަރުން ތިބި އާއިލާގެ ވިޔަފާރިތައް ހިންގަން އިސްކޮށް މިހާރު ހުރީ ޒިދުނާ، 40، އެވެ.
ރަށުގެ ލެގަސީ ދަމަހައްޓަން "ތިލޭރު" ނަމުގައި ފުރަތަމަ ހުޅުވީ ސެންޓާއި ސުވެނިއާ ވިއްކާ ފިހާރައެކެވެ. އެއީ ބޭބެއެއްގެ އަމިއްލަ ފިހާރައަކަށް ވިއަސް އެ ތަން ހިންގުމުގައި އިސްކޮށް ހުރީ އާއިލާގައި ދެ ވަނައަށް ދޮއްޓަށް ހުރި ޒިދުނާ އެވެ.
ޒިދުނާ އޭނާގެ ފިހާރާގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ތަން ހުޅުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އާއިލާގެ އެންމެންގެ ހިއްސާއާ އެކު ފިހާރައާ ޖެހިގެން ކަހަލަ ގޮތަކަށް ހުޅުވީ، މި ރަށުގައި މި ވަގުތު ހިންގާ ހަމައެކަނި ކެފޭ އެވެ. ކެފޭގެ އެއް ހިއްސާދާރަކީ ވެސް އަދި ބޮޑު ކައްކާއަކީ ވެސް އެއީ އެވެ.
އެ މަސައްކަތުގައި އުޅޭތާ މިހާރު ހައެއްކަ މަސްވެއްޖެ އެވެ.
ޒިދުނާ ބުނި ގޮތުގައި ގޭގައި ފުރަތަމަ މަސައްކަތް ފެށީ "ބެއްލާ" ކިޔާ އަމިއްލަ ބްރޭންޑުގެ ޕިއްޒާ ވިއްކައިގެންނެވެ. އެ ޕިއްޒާގެ ފުށްގަނޑުން ފެށިގެން ހުރިހާ އެއްޗެއް ހަދަނީ އަމިއްލައަށެވެ. އާބާދީ ކުޑަވުމުން ވިޔަފާރިއަށް މާ ބޮޑު ފައިދާއެއް ނުލިބުނަސް، މި ރަށުގައި ހުރެގެން ވެސް މީރު ކާ އެއްޗެހި ފޯރުކޮށްދިނުމަކީ އަޒުމަކަށް ވި އެވެ.
އޭނާ ބުނީ ޕިއްޒާ ވިއްކަން ފުރަތަމަ ފެށިއިރު ފޮށި އަދި އެ ފިހާ ޓްރޭ ވެސް ނުގެންގުޅޭ ކަމަށެވެ. ވިޔަފާރިން ލިބުނު ފައިދާއިން އެ ހުރިހާ އެއްޗެއް ފަހުން ހޯދީ އެވެ.
"ކުރިން ޑެލިވަރީ ކުރަނީ މަތިޖެހި އެއްޗަކަށް އަޅައިގެން. ފަހުން އެކަން ރަނގަޅުކުރަމުން ބޮކްސްއަށް ލާފައި ދެނީ، ޕިއްޒާ ފޮށީގައި ހުންނާނީ ހަމަ،" ޒިދުނާ ބުންޏެވެ.
ޕިއްޒާގެ އިތުރުން އޭނާގެ ގޭގައި އެންމެ ވަސް ގަދަކޮށްލާފައި ހެދީ ޑޯނަޓާއި ކޮރޮސެންޓު ކަހަލަ ޕޭސްޓްރީ ސާމާނެވެ.
އެކަމަކު، މިހާރު އެ ހުރިހާ ރަހައެއް ބޭނުންވަންޏާ ޖެހޭނީ ބަނދަރުން ފައިބައިގެން ފުރަތަމަ ގޮސް މޫނު ޖެހޭ ކެފޭއަށް ވަދެ އޯޑަރު ދޭށެވެ.
ޒިދުނާމެން ކެފޭ ހިންގާ އިމާރާތުގައި އެ ވިޔަފާރިކުރަން ދެ ތިން ފަހަރަކު އެހެން ބަޔަކު އުޅުނެވެ. އެކަމަކު، ދަރަންޏަށް ހިދުމަތް ދީގެން އެ ފައިސާ އަނބުރާ ނުލިބި، ވަކި ހިސާބަކުން ވިޔަފާރި ބަނގުރޫޓުވެ ހުއްޓާލަން ޖެހުނީ އެވެ.
އެކަމުގެ ތަޖުރިބާގައި، ޒިދުނާމެން ކެފޭ ހުޅުވީ އެ ވަގުތަކު ފައިސާ ދައްކާފައި ހިދުމަތް ދޭ ގޮތަށެވެ.
"ވިޔަފާރި ވަރަށް ރަނގަޅު، އަލްހަމްދުލިﷲ. މި ރަށުގައި ދާއިމީކޮށް އެގޮތަށް ނުކުރާތީ... ކުރިން ވެސް ހިންގާ ބަޔަކު މި ތަން. އެކަމަކު ވަކި ދުވަހެއް ވީމަ ހުއްޓާލަނީ، ކުރިއަކަށް ދެން ނުގެންދެވޭ. އެންމެ ބޮޑު މައްސަލައަކަށް ވަނީ ކްރެޑިޓަށް މީހުންނަށް އެއްޗެހި ދޫކުރާތީ. ކްރެޑިޓަށް ދޫކުރުމަކީ ވިޔަފާރި ހަލާކުވާ ކަމެއް،" ޒިދުނާ ބުންޏެވެ.
އޭނާ ބުނީ ގޭގައި ޕޭސްޓްރީ އެއްޗެހި ހަދައިގެން ކްރެޑިޓަށް އެކަކު ވެސް ގަންނާކަށް ނޫޅެ އެވެ. އެކަމަކު، ކެފޭ ހުޅުވާ ހިސާބުން އެކަން ބަދަލުވަނީ އެވެ.
"މި ރަށުގައި ކެފޭ ހިންގާތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އަބަދު ވެސް އޮންނަނީ ދަރަނި،" ޒިދުނާ ބުންޏެވެ.
މި ރަށުގައި ހިންގާ ހަމައެކަނި ކެފޭ. މިއީ ޒިދުނާގެ އާއިލީ ވިޔަފާރި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދަރަންޏާ ނުލައި ވިޔަފާރިކުރަން ދަސްކުރަންޖެހޭ ކަމަށާއި ދަރަންޏަށް ދޫކުރާ ނަމަ އެ ތަނަށް ބޭނުންވާ އެއްޗެހި ނުހޯދޭނެ ކަމަށާއި ކިތަންމެ ކުޑަ އަދި ބޮޑު ވިޔަފާރިއަކަށް ވިއަސް ދަރަންޏަށް ދޫކުރުން ހުއްޓާލަން ޖެހޭ ކަމަށް އޭނަ ގަބޫލުކުރެ އެވެ.
"..ކޮންމެ މީހަކު ވެސް މި ބުނަނީ ވަކި ވަރަކަށް ދަރަނި ދޭންވީއޭ. މިސާލަކަށް ބޮލަކަށް ވަކި ވަރެއް. އަޅުގަނޑު ބުނާ އެއްޗަކީ ބޮލަކަށް 500. ނުވަތަ 1،000ރ. އެންމެ މީހެއް ނޫނޭ، މަހަކު 25-30 ވަރަކަށް މީހުންނަށް އެ ހުރިހާ ލާރިއެއް ދަރަންޏަށް ޖަހާފައި ކިހިނެއް ހެއްޔޭ އަޅުގަނޑުމެން ސަޕްލައި ގެންނާނީ. އެ އެއްޗެއް ނުހިނގާނޭ، އެގޮތަށް އަޅުގަނޑުމެންނަށް ނުހިންގޭނެ. ދަރަންޏަށް ހަމަ ޒީރޯއޭ. އެގޮތަށް ނުދޭނަމޭ. ނާންނަ ބަޔަކު، ހިތްހަމަނުޖެހިގެން ނާނަންވީއޭ. އަޅުގަނޑުމެންނަށް ދަރަންޏަކަށް ދުލެއް ނުކުރާނަމޭ،" ޒިދުނާ ބުންޏެވެ.
ދަރަނި ނުޖަހާ ގޮތަށް ހިދުމަތް ދޭން ފެށިފަހުން އެކަން ވީ މީހުން ބަލައިގަންނަ ކަމަށެވެ. ކުޑަ އާބާދީއަކަށް ވުމުން އެންމެން އެންމެންނަށް އެނގޭތީ އިތުބާރުކޮށްލާފައި ނަމަވެސް ފަހުން ރުފިޔާ ދޭ ގޮތަށް ހިދުމަތް ދެވެނީ އެވެ.
ޒިދުނާ ބުނި ގޮތުގައި ކެފޭއަށް ބޭނުންވާ ތަކެތި ގެންނަނީ މާލެއިން ގަނޑުކޮށެވެ. އޭރުން ހުސްނުކޮށް، މެނޫގައި ހުންނަ ހުރިހާ އެއްޗެއް ގަވައިދުން ހެދެ އެވެ. އެ ވަގުތަކު އެ މީހުންގެ ސްޓޮކުން އެއްޗެއް ހުސްވިއަސް ރަށުން ގަނެގެން ނަމަވެސް ޒިދުނާގެ މީރު ކެއްކުމުގެ ރަހަ ދައްކައިދެ އެވެ.
މި ކެފޭގައި ހެނދުނު ސައިން ފެށިގެން ރޭގަނޑު ކެއުންތައް ވެސް ލިބެ އެވެ. އެކަމަކު، ހަވީރުގެ ވަގުތު ފިޔަވަ އެވެ.
ކެފޭ މެދުވެރިކޮށް ރަށުގެ އެހެން މީހުންނަށް ވެސް އާމްދަނީ ހޯދޭނެ ފުރުސަތު ފަހިކޮށްދިނުމަށް ހަވީރު ހެދިކާ ގެންނަން ހަވާލުކޮށްފައި އޮންނަނީ ގޭގެއަށެވެ.
ޒިދުނާ، ފިހާރައިގެ ކައުންޓަރުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރަށުގައި، ގޭގައި އުޅޭ މީހުންނަށް ވެސް ފުރުސަތު ދެން ހެދިކާ ހަދަން. މިގޮތަށް އޮންނާނީ އެއްބަސްވެފައި، މިހާރު ތިން ގެއަކުން ހެދިކާ ގެންނާނެ. އެ މީހުންނަށް ނުހެދެންޏާ އަންގާލާނެ ކުރީބައިގައި. އޭރުން ކޮންމެ ވެސް ގޮތެއް ހަދާނީ އަޅުގަނޑުމެން،" އަމިއްލަ ކެފޭއެއް ހަދައިގެން ހިންގުމުގެ އުއްމީދުގައި ހުރި ޒިދުނާ ބުންޏެވެ.
އެ ކެފޭގައި މި ވަގުތު ފަސް މީހުން މަސައްކަތްކުރެ އެވެ. ދަރަންޏަށް ހިދުމަތް ނުދޭތީ ބަރާބަރަށް މުސާރަ ދޭކަށް ވެސް ދައްޗެއް ނޫނެވެ.
އެ ވާހަކަތައް ކުރިއަށް ގެންގޮސް ދެން ޖެހުނީ ފިހާރަ ހުޅުވާށެވެ.
މި ރަށުން ކޮސްމެޓިކްސް އަދި ސުވެނިއާ އެއްޗެހި ލިބެން ހުރީ ވެސް މި ވަގުތު މި ފިހާރައިންނެވެ. މި ތަން ޑިޒައިންކޮށްފައި ހުރީ، ޗުއްޓީއަށް މި ރަށަށް އަންނަ މީހުންނަށް ވެސް އަމިއްލައަށް ތިލޭރުކަން ކޮށް އަދި އެ މަސައްކަތް ޓޫރިސްޓުންނަށް ވެސް ދައްކާލެވޭ ގޮތަށެވެ. ދިވެހިންގެ މެދުގައި މަގުބޫލު އަދި ކައިރި ރިސޯޓުތަކުން ވެސް ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާތީ ކެފޭ އަދި ފިހާރަ ވެސް ހިނގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދުލީބެއްޔާގެ ތެދުބަސް
11 March 2025
ރަށްރަށް ތަރައްގީވާނީ މިހެންއުޅެގެން. ކޮންމެހެން އެންމެން ނުޖެހޭ ޒިދުނާ ކޮޕީކުރާކަށް. އެރަށަކާގުޅޭގޮތުން ވިޔަފާރިއެއް ފައްޓަންވީ. އޭރުން އަވައްޓެރި ރަށްތަކަށްވެސް މާކެޓު ފުޅާވުމުގެ ފުރުސަތު އެބައޮތް. މީ ދަތުރުފަތުވެސް ފަސޭހަ ޒަމާން. ބޭނުންވަނީ ރަނގަޅު ޚިޔާލަކާ މުރާލިކަން. އެހިސާބުން އެނިމުނީ.
ވައިކުޑަ
11 March 2025
އައްޑޫ އޭއީއެޗްގެ އެޗްއާރް ހިންގަންތިބި ވެރިން ވެސް ބަދަލުކުރަންއެބަޖެހޭ! ސިވިލްސާވިސްގެ ގަވާއިދާ ޚިލާފަށް ރެކްރޫޓްމަންޓް ގެންދާކަށް ނޭގޭ ބޭނުންކަމެއް ބޭނުންއިރަކު ހިތަށްއެރިގޮތަކަށް ގެންދާ ބައެއް. ބޮޑާކަމާ ކިބުރުވެރި ކަމުން ފުރިގެންވާ އަންހެން ސީނިއަރެއް މަތީގައި ހުންނަނީ. މިމީހުން ހަމައަކަށް އަޅުވާނެ ވެރިއަކު ނެތް.
ސިކްބެ
11 March 2025
ވާނުވާގަ ހުރެ ވާހަކަ ނުދެެެއްކުން ރަނގަޅީ... ތީ ކާކު ކަންވެސް ކޮންތާކު އުޅޭ މީޙެއްކަންވެސް އިނގޭ!
އާޕު
11 March 2025
ވިޔަފާރި ކޮއްލަން ސަޅި ރަށެއް. މަގޭ އަންހެނުންވެސް މިހާރު ކަނޑޫދޫން އިން މިރުސް ގެނެސް ވިއްކައިގެން އޭގެން ނަފާ ހޯދަނީ. ނުވިތާކަށް ރޭގަނޑު ޖެޓީ މަތިން ފަރުމަސް ބާނައިގެން ވިއްކައިގެން ލާރި ހޯދާ ގަދަޔަށް. ހިތްވަރުގަދަ ނަމޫނާ އަންހެނެއް އެވެސް. ދަރި ބަލަމުން ވަޒީފަާއަށް ދަމުން މިރުސް ވިއްކަމުން ޖެޓީމަތިމް ފަރުމަސް ބާނާ ވިއްކަމުން
މުނާ ރޮނާލްޑޯ
11 March 2025
އަދި އިތުރު ކޮއްލާ. ރަަަށުގަ ހުރި އެންމެ އޯގާތެރި އެންމެ ދުވަސްވީ ޓީޗަރު. ހުރިހާ ދަރިވަރުން އެންމެ ލޯބިވާ މުދައްރިސް. މުސްކުޅި މައިމިހާ އާއި ބަލި ބައްޕަ ބަލަނީ ނުލާހިކު އޯގާތެރިމަމާއި އެކު. މިކަހަލަ ކަނބަލުންގެ ވާހަކަ ގެނައިސްދިނުން އެދެން
ކަނޑޫދޫ ވަހީދު
11 March 2025
އާޕު ތިބުނީ ވަރަށް ސާފުކޮށް. އެއީ ފިސާރި ކަނބަލެއް. މައިންބަފައިންގެ ހިދުމަތަގައި ޖާނާ މާލުން ގުރުބާންވާ ކަނބަލެއް. ދަރިއެއް ވަރަށް ރަނގަޅަށް ބަލަމުންދާ މައެއް. އެންމެ މުރާލި ޓީޗަރު. މިޒަމާނު މަދުވާނެ މިކަހަލަ އަންހެނެއް. އަދި ރޭގަނޑު ޖެޓީ މަތިން ފަރުމަސް ބާނައިގެން އާމްދަނީ އިތުރު ކުރާތަން ފެންނާތީ ވަރަށް އުފާވޭ. ސްކޫލުގައި ކާމިޔާބު ވުމުގެ އަސްލަކީވެސް އެއީ
ރަށުމީހެކޭ
11 March 2025
އާޕޫ. ތިޔަކަންކަން ދަންނަން. މައިމޫނާ އަކީ ޖަވާހިރެއް. ރޭގަނޑު ޖެޓީ މަތިން ފަރުމަސް ބާނާއިގެން ކިރާތަން އަހަރެމެންވެސް ދެކެން. އެކަމަކު މިތާންގަ ކޮމެންޓް ކުރަންވީ ޒިދުނާގެ ހީވާގި ކަމަށް. ހަބަރުގަ އެއޮތީ ޒިދޫގެ ވާހަކަ. މައިމޫނާގެ ރަނގަޅު ކަމާ އޯގާތެރިކަމާ ކަނޑޫދޫ މިރުސް ވިއްކާކަން ރަށު އެންމެން ދަނޭ. މިރަށު އަންހެނަކު އެފަދަ ފަރުމަސްވެރިކަމެއް ކުރާތީ ފަހުރުވެރިވަން. އަދި އެ މަސްވެރިކަމަށް އާޕު ދޭ ހިތްވަރަށްވެސް ސާބަސް ދެން.
އަލަސް
11 March 2025
އަހަރެން މާލޭގަ ހުޅުވި ފިހާރަ ބަންދު ކުރަންޖެހުނީ ކައިރީގަ ބޮޑު މަނީ ލޯންޑަރިން އޮޕަރޭޝަނެއް ޖެއްސީމަ. ކިހިނެއް މި ގޭންގުތަކާ އެއްވަރަށް މަގޭ މުދަލުގެ އަގު ހިފަހައްޓާނީ. މިހާރު މި ގައުމުގަ ނެތް ވިޔަފާރިއެއްވެސް ކުރެވޭކަށް.
ރަމީޒް 68
11 March 2025
ޒިދްނާ ތީ އަހަރެންގެ ކުރީގެ ރައްޓެއްސެއް. ޒިދްނާގެއްލިގެން އުޅެނިކޮށް މިލިބުނީ މާ އުފާވެރި އަދި ހިތްހަމަޖެހޭ ވާހަކައެއްގެ އަޑު. ޒިދްނާގެ ނަންބަރަު ބޭނުންވޭ. އޭރުންތާ ގުޅާލެވޭނީވެސް. ވަރަށޤ ވަރަށް އުފާވެއްޖެ ދިރިއުޅުން ތިހާ ސަޅިވީމަ. އިރާދަކުރެއްވިއްޔާ ދެންވެސް ޒިދްނާގެ ތިޔަ މަސައްކަތުގާ ކުރިޔަށް ދެވޭނެ. ހިތްވަރާއެކު މަސައްކަތްކުރާ މީހަކަށް ދެރައެއް ނުވާނެ. ކުރީގެ އެ ސަޅި ހިނިތުންވުން މިހާރުވެސް އެބަ ފާޅުވޭ. ގުޑްވޯކް.
ރަދީފްއޮފިޝަލް / މިއަދު 11 ވަނަ ރޯދަ
11 March 2025
ސާބަހޭ ޒިދުނާ.ހިތްވަރާއެކީގަ ކުރިއަށް.ކާމިޔާބް ވާނެ.އިންޝާﷲ.
ޖައްސާށޭ
11 March 2025
ރިނބިދޫ އާބާދީގައި 300 މީހުން ނޫޅޭ ރަށުގައި ދިރިއުޅެނީ 50 މީހުން އެއިން މަސައްކަތް ކުރަނީ 25 މީހުން ދެން ވާނެ ގޮތް ވިސްނާ ސަރުކާރުން ކިހާ ބޮޑު ބޭކާރު އިސްރާފު ފައިސާ މިރަށަށް ޚަރަދު ކުރަން ޖެހޭނެ ނޫންތޭ މިފަދަ 100 ރަށަށް ވުރެން ގިނަ ރަށްތައް ރާއްޖޭގައި އެބަހުއްޓޭ މިކަން ކަން ހުއްޓާލާ މިހުރިހާ ރަށްރަށު މީހުންނަށް ފްލެޓްސް ދޭން ހުޅުމާލޭގައި 1 ލައްކަ ފްލެޓްސް އަޅާ އެންމެން ހުޅުމާލެ އަށް ބަދަލު ކޮށްލާށޭ އެއިރުން ދެން ބަޖެޓް އަރަނިވާނީ މިކަން
ސަލާން
11 March 2025
ދެން ނުގުޅޭ ވާހަކަ ނުދައްކަބަލަ. ރޯދަމަހު އެހާ ވާހަކަ ގިނަކުރާކަށް ނުވާނެ