ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހަތް ގޯލު ޖަހައިފަ.-- ފޮޓޯ: އައް ނަސްރު
11 މާޗް 2025 - 10:40
ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާ އެކު 3-0 އިން އީރާނުގެ އިސްތިގުލާލް އެފްސީ ބަލިކޮށް ސައޫދީ އަރަބިއްޔާގެ އައް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ނުވަވަނަ މިނިޓުގައި ލީޑު ނަގައިދިން ގޯލު ޖަހައިދިނީ، ޖެނުއަރީ މަހު އެސްޓަން ވިލާ އިން 77 މިލިއަން ޔޫރޯ އަށް ގެނައި ކޮލަމްބިއާގެ ފޯވާޑް ޖޯން ޑުރާން އެވެ. ލީޑު ފުޅާ ކުރި ގޯލު 29 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރޮނާލްޑޯ އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓު ތެރޭ އިސްތިގުލާލްގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެކަކު މަދުކޮށް ފަހު ހާފު ކުޅުނު ޓީމު ކޮޅަށް ނަސްރުގެ ފަހު ލަނޑު، 84 ވަނަ މިނިޓުގައި ޖަހައިދިނީ ޑުރާން އެވެ.
މިދިޔަ ހަފްތާ އީރާނުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެ މެޗަށް ނަސްރުގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ނަސްރުން އީރާނުގައި މެޗެއް ކުޅެން ދިޔަ ފަހަރު، ރޮނާލްޑޯއާ ބައްދަލުކުރުމަށް ނަސްރު ޓީމު ތިބި ހޮޓެލް ތެރެއަށް ސަޕޯޓަރުން ވަނީ ވަދެފަ އެވެ. މިއާ ގުޅިގެން އިސްތިގުލާލާ ދެކޮޅަށް ފުރަތަމަ ލެގު ނިއުޓްރަލް ދަނޑެއްގައި ކުޅޭގޮތަށް ހަމަޖައްސަން ނަސްރުން އޭއެފްސީގައި އެދުނު ކަމަށް މީޑީއާތަކުން ރިޕޯޓް ކުރި އެވެ. ނަމަވެސް ނަސްރުގެ ކޯޗު ސްޓެފާނޯ ޕިއޯލީ މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ރޮނާލްޑޯ ނުހިމެނީ އޭނާ އަށް ރެސްޓު ދިނުމަށް ކަމަށެވެ.
ރޭގެ ލަނޑާ އެކު ރޮނާލްޑޯ ވަނީ މިހާތަނަށް މުބާރާތުގައި ހަތް ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި ރޮނާލްޑޯ އާއެކު އިތުރު ތިން ކުޅުންތެރިއަކު ހިމެނެ އެވެ. ދެ ވަނައިގައި އޮތީ ސައުދީގެ އަލް އަހްލީއަށް ކުޅޭ އަލްޖީރިއާގެ ރިޔާދު މާރޭޒް އެވެ. އޭނާ ވަނީ މިހާތަނަށް ހަ ގޯލު ޖަހައިފަ އެވެ.
ގަދަ 16 ގައި ދެ ލެގު ކުޅުނު ނަމަވެސް ކުއާޓާ ފައިނަލުން ފެށިގެން ކޮންމެ ބުރަކު ވެސް ކުޅޭނީ އެއް ލެގެވެ. ކުއާޓާ އަދި ސެމީ ފައިނަލް މެޗުތައް ވެސް އަންނަ މަހު ކުޅުމަށް ހަމަޖެހިފައި ވާއިރު ފައިނަލް ކުޅޭނީ މެއި ހަތަރެއްގަ އެވެ. ކުއާޓާ އިން ފެށިގެން ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ސައުދީގެ ޖިއްދާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy