ފިނޭންސް މިނިސްޓަރު ޒަމީރާއި ޑެޕިއުޓީ މިނިސްޓަރު ސާއިދު މަޖިލީހުގައި ބަޖެޓު ކޮމިޓީގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
13 މާޗް 2025 - 13:34
ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ހަދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ ތެރެއިން 85 ޕަސެންޓު ހުރީ ޓީބިލާއި ޓީ-ބޮންޑުގައި އިންވެސްޓް ކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީ މެދުވެރިކޮށް އެސްޑީއެފްއާ ގުޅޭ ގޮތުން ހޯދި މައުލޫމާތުގައިވާ ގޮތުން، އެ ފަންޑުގެ ސައިޒު 8.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި ދިވެހި ފައިސާ އިން ނަމަ 5.3 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި 233 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާންމުކުރި ބަޖެޓު ފޮތުގައިވާ ގޮތުން އެސްޑީއެފް ފަންޑުގައި ޑޮލަރުން ހުރީ 445 މިލިއަނެވެ. އެހެންވެ، މިދިޔަ ތިން މަހުގެ ތެރޭގައި ފަންޑުން 200 މިލިއަނެއްހާ ޑޮލަރު ވަނީ މާރުކޮށްފަ އެވެ.
ފަންޑަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ގަވަމެންޓް ސެކިއުރިޓީޒް ނުވަތަ ޓީބިލާއި ބޮންޑުގައި އިންވެސްޓްކޮށްފައި ހުރީ 7.6 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ޑޮލަރުން ގަނެފައިވާ ޓީބިލާއި ބޮންޑުގެ އަދަދު 195 މިލިއަން ޑޮލަރަށް އަރަ އެވެ. ބާކީ 4.6 ބިލިއަން އިންވެސްޓްކޮށްފައި ހުރީ ރުފިޔާއިންނެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް އެސްޑީއެފް އިން 130 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ނަގާނެ އެވެ.
ޓީބިލުގެ އިތުރުން ބޭންކުތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ވެސް ފަންޑުގެ ފައިސާ އިންވެސްޓް ކުރެ އެވެ. އެކަމަކު އޭގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު އެ ފަންޑުގެ ކޭޝް ބެލެންސްގެ ގޮތުގައި ހުރީ 300 މިލިއަން ރުފިޔާ އެކަންޏެވެ. ބާކީ ހުރިހާ އަދަދެއް ހުރީ، އެކި ގޮތްގޮތަށް އިންވެސްޓްކޮށްފަ އެވެ. އެހެންވެ، މި އަހަރު އެ ފަންޑުން ބައެއް ބޭނުން ކުރާ ނަމަ ޖެހޭނީ ޓީބިލު ނޫނީ އެހެން އިންވެސްޓްމެންޓްތަކުގައި ހުރި ފައިސާ ފަންޑަށް ރިޑީމް ކުރާށެވެ.
އަންނަ އަހަރު އެސްޑީއެފުން 310 މިލިއަން ޑޮލަރު (4.8 ބިލިއަން ރުފިޔާ) ދަރަނި އަދާކުރަން ޕްލޭން ކޮށްފައިވެ އެވެ.
އެސްޑީއެފްގެ ބޮޑުބައި ޓީބިލަށް އިންވެސްޓް ކުރަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސާއި ކޭޝްޕްލޯ ތާށިކަން ކުޑަ ކުރުމަށެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި އުފެއްދި ފަންޑެކެވެ. އެއީ އެމްއެމްއޭގެ ރިޒާވާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑު އުފެއްދީ 2017 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު.
13 March 2025
ކޮބައިތަ އަހަރުމެންގެ ޕެންޝަ.‘ފަންޑު ގައިމު ކިހާބައިވަރެއް ހުންނާނެ އޭގަމިހާރު އަހަރެންގެ އެކަނިވެސް ތި.‘ލައްކަރުފިޔާއިން މަތީގަ ހުންނާނެ ހާލެއްގަ ޖެހިގެން ބުންޏަސް އަހަރެންގެ އެއްޗެއް އަހަންނަކައްނުދޭ މީކީއްކުރާ ކަމެއް
އުދުހޭ
13 March 2025
އެހެންވީމާ ތިޔަބުނާ ސޯވަރިން ފަންޑުގެ %85 އެއީ އަތުގަނެތް ފައިސާ. ތިޔަހެން ކަރުދާހުގަ އަދަދު ޖެހިދާނެ ކޮންމެ މީހަކަށްވެސް. ދައުލަތުގެ މުޅި ބަޖެޓްވެސް މޮޅު ނަމެއްގަ ފަންޑެކޭ ކިޔާފަ ޖަމާކޮށްފަ އެތަންވަންނަތަނުން ސަރުކާރަށް ލޯނުދިނިއްޔޭކިޔާފަ ބޭރުކުރީމާ ފަންޑުގެ ނަމުގެ ބިލިޔަނުން ފައިސާ ހުންނާނެ ކަރުދާހުން ފެންނަން.