ރިޕޯޓް / ރަމަޟާން 2025 މީހުން

ވަޒީފާ ގެއްލުނަސް ހާހެއް ނެތް، މިހާރު މިއީ ވިޔަފާރީގައި އެންމެ އުފާވެރި ދެމަފިރިން

18 މާޗް 2025 - 09:58

6 comments

އުފަން ރަށް ދ. މާއެނބޫދު އަށް މީގެ 32 އަހަރު ކުރިން އާދަމް ފަހުމީ ބަދަލުވީ ނޮވެލްޓީ ޕްރިންޓާސްގައި އޭނާ އުޅުނު ވަޒީފާ ދޫކޮށްލުމަށް ފަހު އެވެ. އޭނާގެ ބަހުން ނަމަ ކޮމްޕިއުޓަރު އީޖާދުވެ، އަތުން ލިޔާ މީހުންގެ ވަޒީފާ ގެއްލުނީ އެވެ.

އެ ހިސާބުން ރަަށަށް ބަދަލުވެ، "މުހާދު ޓްރޭޑާސް" ގެ ނަމުގައި ކުޑަކުޑަ ކަންމަތީ ފިހާރައެއް ހުޅުވީ ބައްޕަގެ ގޭގަ އެވެ. އެއީ 1992 ވަނަ އަހަރެވެ.

އޭރު ފިހާރައަށް ވަރަށް ޑިމާންޑް ބޮޑުވި އެވެ. ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި މި ރަށަށް ބޭނުންވާ އެކި ކަހަލަ ޒަރޫރީ ތަކެތި ވިއްކުން އުނދަގޫވާ މިންވަރަށް މީހުން އޭރު ވިޔަފާރި ކުރި އެވެ. ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދަން ފަހުމީ އަށް ޖެހުނީ އެތަން ބޮޑުކުރާށެވެ.

"އެހާ ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ވިޔަފާރި ކުރަން އުނދަގޫވީ. އެހެންވެ 2004 ވަނަ އަހަރު ސުނާމީ އަށް ފަހު މިތަނަށް ވިޔަފާރި ބަދަލުކުރި ގޮތަށް ހަމަ މިތަނުގައި މި ވިޔަފާރި ހިންގަނީ،" އުމުރުން މިހާރު 64 އަހަރުގެ ފަހުމީ ބުންޏެވެ.

މިހާރު ވިޔަފާރި ކުރަމުން އަންނަނީ އޭނާގެ ބައްޕަގެ ގޭގައި ކުރިން ސިނަމާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގަ އެވެ. ކުރިން ފިލްމު ގަނެގެން، ރަށުގެ ރައްޔިތުންނަށް އެކި ކަހަލަ ފިލްމުތައް ދެއްކީ އެ ތަނުގަ އެވެ.

ފަހުމީގެ ފިހާރަ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ރަނގަޅަށް ފިހާރަ ހިނގަމުންދާތީ ތަންކޮޅެއް ބޮޑު ތަނަކަށް ބަދަލުވާން ވެގެން އަސްލު މިތަނަށް [ސިނަމާގެ ގޮތުގައި ހިންގި ތަނަށް] ބަދަލުވީ. ތަނެއް ހެދުމުގެ ބަދަލުގައި ކުޑަ ހަރަދަކުން މިތަން ހެދޭނެތީ މިތަނުގައި ހެދީ،" އޭނާ ބުންޏެވެ.

އޭރުއްސުރެ ހުއްޓާނުލައި ވިޔަފާރި ހިންގަމުން އަންނަނީ އޭނާ އެވެ. ފަހުމީ އަށް އެ ތަނުގައި ނުހުރެވޭ ދުވަހެއް ވެއްޖިއްޔާ ކަންކަން ފޫބައްދަނީ އޭނާގެ އަންހެނުން ހާޖަރާ އަބްދުލްއަޒީޒެވެ.

މާލެ އާއި ބެންކޮކުން ވެސް މުދާ ގެނެސްގެން އެ މީހުންގެ ވިޔަފާރި ހިންގި އެވެ. އެކަމަކު ވައިބާ އޯޑަރުތައް ނަގައިގެން މާލޭގެ ވިޔަފާރިތަކުން ސީދާ ބޯޓަށް ބައެއް ކަހަލަ މުދާ ޑެލިވަރީ ކުރާތީ މާބޮޑު ތަކުލީފެއް އޭނާ އަށް އުފުލާކަށް މިހާރު ނުޖެހެވެ.

ފަހުމީ، އޭނާގެ ފިހާރާގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފަހުމީގެ ދެ ކުދިން ވެސް މާލޭގައި ދިރިއުޅެމުންދާތީ މުދާ ބޯޓަށް އަރުވައިދިނުމުގައި އެ ކުދިންގެ އެހީތެރިކަން ވެސް މިދެމަފިރިންނަށް ލިބެ އެވެ.

ފަހުމީގެ ގެއާ ގާތްގަނޑަކަށް އިންވެގެން ކަހަލަ ގޮތަކަށް އަންހެނުންގެ ބައްޕަގެ ގެ ހުންނައިރު އެތަނުން ހާޖަރާ އަށް ލިބުނު ބައިގައި ހުންނަނީ ތިން ބުރީގެ ބޮޑު އިމާރާތެއް އަޅައިފަ އެެވެ. އެ ތަނުގެ އެންމެ ތިރީގައި ރެސްޓޯރަންޓެއް ހަދާފައި ހުންނައިރު މަތީ ދެ ފްލޯއަކީ ވެސް ކޮވިޑްގެ ތެރޭގައި ގެސްޓް ހައުސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަނެކެވެ.

"އަސްލު މިތަނުގައި [ރެސްޓޯރަންޓުގައި] ފިހާރައެއް ހަދަން އުޅުނީ. އެކަމަކު ގެސްޓް ހައުސްއެއް އިންނަންޏާ ރެސްޓޯރަންޓެއް ބޭނުންވާނެތީ އެގޮތަށް އައި ވިސްނުމެއް މިއީ،" އުމުރުން މިހާރު 50 އަހަރުގެ ހާޖަރާ ބުންޏެވެ.

ހާޖަރާ، ރެސްޓޯރަންޓުގައި އޯޑަރަކަށް ކާއެއްޗެހި ތައްޔާރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހާޖަރާގެ ކެއްކުމަށް އޮތް ލޯބީގައި ހުޅުވި މި ރެސްޓޯރަންޓުގައި ހުންނަނީ ހުސް އޭނާގެ ރެސިޕީތަކެވެ. މިހާރު ބަންގްލަދޭޝް ޒުވާނަކު ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުން އަޔަސް މި ހުރިހާ ކާނާއެއްގެ ރަހަ ހިފެހެއްޓުމަށް ހާޖަރާ ތައްޔާރުކޮށްފައިވާ ރެސިޕީ ފޮތެއް އޮވެ އެވެ.

"ގެނައި އިރު [މަސައްކަތު މީހާ] އެކައްޗެއް ވެސް ނޭނގޭ. އަޅުގަނޑު ހުރިހާ ކަމެއް ޓްރެއިން ކޮށްދިނީ ފުރަތަމަ ހަތަރު މަހު. މިހާރު ހަމަ އަޅުގަނޑު ނެތް ގަޑިއެއް ވިއްޔާ، ނޫނީ އަޅުގަނޑު ކަމެއްގައި އުޅެންޏާ އޭނާ ހަދާނީ ރެސިޕީ ބަލައިގެން."

ހާޖަރާގެ ރެސްޓޯރަންޓުގައި ހާއްސަކަމަކީ ކެއްކުމުގައި އަޅަން ޖެހޭ ހުރިހާ އެއްޗެއް ވެސް އޭނާގެ އަތުން ތައްޔާރުކޮށްފައިވާ ކަމެކެވެ. މިސާލަކަށް ރިހާކުރު ކަހަލަ އެއްޗެއް ބޭނުންކުރާ ނަމަ އެ ވެސް ހަދަނީ އޭނާ އެވެ. އެކަމުގައި އާއިލާގެ މެމްބަރުންގެ އެހީތެރިކަން ލިބެ އެވެ.

ހާޖަރާގެ ރެސްޓޯރަންޓު.- ފޮޓޯ: ނިޝާން އަލީ | މިހާރު

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ މި ރަށުގައި މި ރެސްޓޯރަންޓު ހިންގިޔަސް ރެސްޓޯރަންޓުގެ މެނޫގައި ރަނގަޅު އެއްޗެހި ހުރެ އެވެ. ޗިކަން އާއި ބީފް އާއި މިކްސްޑް ރައިސްތަކުން ފެށިގެން ގޮސް ގާތްގަނޑަކަށް ހުރިހާ އެއްޗެއް ލިބޭ ރެސްޓޯރަންޓުން ޑެލިވަރީގެ ހިދުމަތް ވެސް އެ މީހުން ދެ އެވެ.

ދުވަހުގެ މުޅި ވަގުތު ހާޖަރާ ރެސްޓޯރަންޓުގައި ހޭދަކުރަމުން ގެސްޓް ހައުސްގެ ކަންކަން ވެސް ބަލަހައްޓެވެ. ކޮންމެ ފްލޯއެއްގައި ތިން ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ މި ތަނުގައި ކައްކައި، ކައިބޮއެ ހެދޭ ގޮތަށާއި އެއްޗެހި ދޮވެވޭ ގޮތަށް ހަދާފައިވާއިރު އެ ތަނުގެ ސާފުތާހިރުކަން ވެސް އެ މީހުން ހިފަހައްޓަ އެވެ.

ހާޖަރާގެ ގޭގައި ހަދާފައިވާ ގެސްޓްހައުސް އާއި ރެސްޓޯރަންޓް.- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު ގެސްޓް ހައުސް ވިޔަފާރިން މާބޮޑު އާމްދަނީއެއް އަދި ނުލިބެ އެވެ. އެއީ މާލެއާ މާބޮޑަށް ދުރުވުމުގެ ސަބަބުން ނުވަތަ އެހާ ބޮޑު ހަރަދެއް ކޮށްގެން އެ ހިސާބަށް ދާނެ މީހަކު ނުވާތީ ކަމަށް އެ މީހުން ދެކެ އެވެ.

"މިހާރު މާލޭ ކައިރީގައި ވެސް މާފުއްޓާއި ދިއްފުށި ކަހަލަ ތަންތަން އެބައޮތް. އެކަމަކު މިކޮޅަށް [މާއެނބޫދޫ] އާ ހިސާބަށް އަންނަންޏާ އެބަ ޖެހޭ ބޮޑު ދަތުރެއް ކުރަން. ކުޑަހުވަދު އަށް ގޮސްފައި ދެން މި އާދެވެނީ މި ހިސާބަށް. އެހެންވީމާ ކަމަށް ބެލެވެނީ ގެސްޓް ހައުސަށް މާބޮޑު ތަރުހީބެއް ނުލިބެނީ މި." ފަހުމީ ބުންޏެެވެ.

އޭނާ ބުނި ގޮތުގައި މި އިމާރާތުގެ މަސައްކަތާއި އެ ތަނުގައި ހިމެނޭ ފަރުނީޗަރުތަކާ އެކު، ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ އެ ތަނަށް ހޭދަކުރި އެވެ. ލޯނެއް ނުނަގައި މިތަން އެ މީހުން ހެދީ ފިހާރައިން ލިބުނު ފައިސާ އެއްކޮށްގެން ކުރި ބުރަ މަސައްކަތުންނެވެ.

ފަހުމީ އާއި ހަދީޖާ، މިހާރު ދެ ވިޔަފާރި ވަކިވަކި ބަލަހައްޓަމުން އަޔަސް ހަވީރެއް ހާއިރު ދެ މީހުން އެކުގައި ވަގުތު ހޭދަކުރެ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފަހުމީ އަށް ޖެހުނު ހާޓްއެޓޭކުގެ ސަބަބުން ކަސްރަތު ކުރުމަށް ޑޮކްޓަރުން ލަފާދޭތީ ފިރިމީހާއާ އެކު މޫދު ކަސްރަތަށް ހާޖަރާ ވެސް ދެ އެވެ.

ވިޔަފާރި މާބޮޑަށް ދަށްވެ، ރަށުގައި ވިޔަފާރި ފުޅާކުރުމުގެ ވިސްނުމެއް އެ މީހުންގެ މިހާރު ނެތެވެ. އެކަމަކު ރަށުގައި ހުރެެގެން ކޮންމެވެސް ކަމެއް ކުރަންޖެހޭތީ، ވިޔަފާރި ވެސް ހިންގޭތޯ މަސައްކަތްކުރަނީ އެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދިލާ އަލީ

18 March 2025

ފަހުމީގެ ލިޔުންކޮޅެއް ގެނައިނަމަ... އޭނާ ބޮލުގައި އެހާ އިސްތަށި ގިނައީ ކޮން ބާވަތެއްގެ ފަތެއް އުނގުޅީމާތޯ ވެސް އަހާލަން ބޭނުން.

The name is already taken The name is available. Register?

ހަރުހަނޑު2025

18 March 2025

ރަށްރަށުގެ ދިރިއުޅުން މާ ސަޅިއޭ.. "ކުނިގޮނޑު" މާލެ ދޫކޮށް ރަށަށް ދާން ހުރިހާ ރައްޔިތުން ޢަޒުމު ކަނޑައަޅަންވީ.. މާލޭ ރައްޔިތުން މުއްސަނދިކޮށް ނުދީ ރަށު މީހަ ޖީބަށް ފައިސާ ވަންނަ ގޮތަކަށް އުޅެންވީ..

The name is already taken The name is available. Register?

ވިންދު

18 March 2025

މާލޭގަ ނޫނީ މިހާރު ކުދިންނަށް ލައިފްއެއް ފެންނަކަމަކަށް ނުވޭ. ކުނިގޮނޑޭ ކިޔަކިޔާފަވެސް ރަށުގެ ކަންކަން ރަގަޅުކުރަން އާބާދުކުރަން ހިތްވަރެއް ލާން ކެރޭ އެކަކުވެސް ނޫޅޭ!!

The name is already taken The name is available. Register?

މަބުނީ.

20 March 2025

ހަރުހަނޑު2025 އަށް، ކުނިގޮނޑު މާލެއިން ގޯތި ފުލެޓު ބަހަންޏާ (ރަށުގައި ބޮޑެތި ގެވަޅުތަކާއި، ފުލެޓުހުއްޓަސް) އޯކޭދޯ؟ އެކަމު މާލެ މީހާއަށް ކޮންރަށަކުން ގޯތި ނޫނީ ފެލެޓު ހައްގުވީ؟ އެކަމު ތިޔަބުނާ ރަށްރަށުގެ މިލިޔިނަރުން ކުނިގޮޑު މާލެއިން ހޯދި ފިލެޓު ކުއްޔަށް ދީފަ ލިބޭ ލާރި އޯކޭ ދޯ؟

The name is already taken The name is available. Register?

އަސަރު68

18 March 2025

ކުރީގެ މީހުން ހާދަހާ މަސައްކަތެއް ކޮށްގެނޭ އެއްޗެއް މިލިބެނީ. ވިހިތިރީސް އަހަރު ހުއްޓާނުލާ މަސައްކަތްކޮށްގެން ހައެއްކަ މިލިއަން. މިހާރުގެ މީސްމީހުން ވިޔަފާރިއެއްފަށާ އަހަރުނުވަނީސް ބިލިއަނަށްއަރުވާލާ. މީއަޅެ އަޖައިބެއް ކަހަލަ ކަމެކޭދޯ. އަސްލަކީ ވިޔަފާރީގާ މަކަރާހީލަތް ބޮޑުވުމާ ލިބޭއެއްޗަކުން ފުއްދައިގެން މަސައްކަތްކުރާ ބަޔަކު މަދުން ނަމަވެސް ތިބުން.

The name is already taken The name is available. Register?

ރަމްޒ8

18 March 2025

20 30 އަހަރު މަސައްކަަތް ކުރިޔަސް މުއްސަނދި ނުވެދާނެ ތަނަވަސް ކަމަކީ މާތްﷲ ދެއްވާ އެއްޗެއް އަވަހަށްވެސް ލަހުންވެސް ބައެއްފަހަރު ނުދެއްވާވެސް ހުޜޭ ވީމާ އޮތީ މަސަކަތް ކޮށްގެން ދުޢާ ކުރުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454