ފާއިޒަށް ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ) ލިޔުން ހަވާލުކޮށްދެއްވަނީ.
16 މާޗް 2025 - 11:44
ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު ފާއިޒް ސަމަދު، ޖޫނިއާ ކުޅުންތެރިން ކުރިއެރުވުމުގެ ޒިންމާއާ އެކު، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ވަޒީފާއާ އަލުން ގުޅިއްޖެ އެވެ.
ފާއިޒް މިދިޔަ ވިއްސަކަށް އަހަރު ހޭދަކުރީ ތައުލީމީ ދާއިރާގައި، ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގަ އެވެ. އޭނާ މިދިޔަ މަހު ވަނީ 16 އަހަރަށް ފަހު، ވިލިމާލޭ މުހިއްޔުއްދީން ސްކޫލުން ވަކިވެފަ އެވެ. އުމުރުން 72 އަހަރުގެ ފާއިޒް ރިޓަޔާކުރުމަށް ފަހު ވެސް ބުނީ، ކުޅިވަރުން އެއްކޮށް ވަކިނުވާނެ ކަމަށާއި، ކޮންމެވެސް ދިމާލަކުން ފެންނާނެ ކަމަށެވެ.
ކްރިކެޓް ބޯޑުން އޭނާއާ ހަވާލުކުރީ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ސްކޮޑުގެ ކޯޗުގެ މަގާމާއި، މެނޭޖަރުގެ މަގާމުގެ އިތުރުން އެކަޑަމީސްތަކުގެ އިންޓަރިމް ކޯޑިނޭޓަރުކަމެވެ. އެ މަގާމުގައި އޭނާ ބަލަހައްޓާނީ ކްރިކެޓް ބޯޑުގެ ޖޫނިއާ ޕްރޮގްރާމެވެ.
"ކްރިކެޓަށް ހިތުގައި އޮތް ލޯބި ފަނޑެއް ނުވާނެ" ފާއިޒް ބުންޏެވެ.
ފާއިޒް ވަނީ ސްކޫލްތަކުގެ ވަޒީފާގެ ކުރިން އޭނާ ވަނީ މާލެ އާއި އައްޑޫގައި ކްރިކެޓް ކޯޗުކަންކޮށްފަ އެވެ. އައްޑޫގައި ރަނގަޅު ސްޕޯޓްސް ސުޕަވައިޒަރެއް ނެތުމުން، މުހިބުއްދީން ސްކޫލާ ހަވާލުވާން އެޑިއުކޭޝަން މިނިސްޓްރީން އެންގީ ވެސް އޭރު އައްޑޫގައި ހުއްޓަ އެވެ.
ފާއިޒް ވަނީ އެ ދެ ސްކޫލުގައި ކްރިކެޓާއި، ފުޓްބޯޅަ، ވޮލީބޯޅަ، އަދި އެތުލެޓިކްސް ހިމެނޭހެން ވަރަށް ގިނަ ގިނަ ކުޅިވަރުތަކުން ދަރިވަރުންނަށް ތަމްރީން ދީފަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން ވަނީ ގައުމީ ފެންވަރުގައި ކުޅެފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ 2022 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނާސިފް (އާދަޅޭ) އެވެ. އެއީ މުހިއްޔުއްދީން ސްކޫލުގެ ތެރެއިން އޭނާ ފާހަގަކުރި ކުޅުންތެރިއެކެވެ.
ސްރީ ލަންކާ އަށް އުފަން ފާއިޒް ރާއްޖޭގައި ވަޒަންވެރިވީ 1970ގެ އަހަރުތަކުގެ ފަހުކޮޅެވެ. އޭނާގެ އެކުވެރި އޭރުގެ ކްރިކެޓް ކުޅުންތެރިޔާ ކެނެރީ އަބްދުއްސައްތާރުގެ ސަފާރީ ޓުއާޒްގައި ވަޒީފާއަދާކުރަމުން، އޭނާ ގައުމީ ފެންވަރުގައި ކްރިކެޓާއި، ހޮކީ ކުޅެން ފެށި އެވެ.
އެގޮތުން އޭނާ އަކީ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކްރިކެޓުގައި ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. ހާއްސަކޮށް އެ ކްލަބުން ކްރިކެޓް ތަށި މިލްކުކުރިއިރު އޭނާ މޮޅަށް ކުޅުނެވެ. ފާއިޒް ދުވަސްކޮޅަކު ވިކްޓްރީގެ ފުޓްބޯޅަ ޓީމަށް ވެސް ކުޅުނެވެ.
ފާއިޒް ކައިވެނިކުރީ ވެސް ދިވެއްސަކާ އެވެ. އެ ކައިވެނިން އޭނާ އަށް ލިބުނު އަފްޒަލް ފާއިޒަކީ ވެސް އެހާމެ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. އަފްޒަލް ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަންކޮށް، އަދި ގައުމީ ޓީމާ އެކު ބައިނަލްއަގްވާމީ ކާމިޔާބު ވެސް ހޯދައިފަ އެވެ.
ފާއިޒް ދިވެހި ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް "ހަވީރު ސްޕޯޓްސް އެވޯޑްސް" ގައި 2015 ވަނަ އަހަރު ވަނީ ލައިފްޓައިމް އެޗީވްމަންޓް އިނާމު ދީފަ އެވެ. އަދި ސަރުކާރުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވެސް އޭނާގެ އަގުވަޒަންކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy