23 މާޗް 2025 - 12:05
މިއަހަރުގެ ޖެނުއަރީ މަހު ސިންގަޕޯ އެއާލައިނުން ފެށި "ނިއު އިޔާ، ނިއު އެޑްވެންޗާ" ޕްރޮމޯޝަން އަންނަ މަހު ނިމޭނެ އެވެ.
އެ ޕްރޮމޯޝަނަކީ އާ އަހަރާ ދިމާކޮށް، ތަފާތު މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި މަންޒިލްތަކަކަށް ހެޔޮ އަގުތަކެއްގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
ސިންގަޕޯ އެއާލައިންސް ރާއްޖޭގެ ޖެނެރަލް މެނޭޖަރު ހާޒިގް ސުލައިމާން ވިދާޅުވީ އާ އަހަރު ލޯންޗުކޮށް އެ އެއާލައިނުން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނަކީ ދުނިޔޭގެ އެކި މަންޒިލްތައް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.
"މި ޕްރޮމޯޝަނުގައި ޒުވާނުންނާއި ދަތުރުކުރުމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު އެކި ތަންތަން ވާނީ ހިމަނާފައި. މިއީ ތަފާތު ތަޖުރިބާތަކެއް ލިބޭނެ އެކި މަންޒިލްތައް ހިމެނޭނެ ޕްރޮމޯޝަނެއް،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮމޯޝަނުގައި އައުޓްޑޯ އެޑްވެންޗާތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް ވިއެޓްނާމް، ތައިލެންޑް، އޮސްޓްރޭލިއާ އަދި މަނީލާއަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ސިޓީތަކަށް ދަތުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ހޮންގް ކޮންގް، ސިޑްނީ އަދި ސިންގަޕޫރަށް ވެސް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
ހާއްސަ އަގުތައް ކަނޑައަޅާފައިވާ މަންޒިލްތަކުގެ ތެރޭގައި އާއިލާތައް އެކުގައި އާއްމުކޮށް ދަތުރުކުރާ މަންޒިލްތައް ކަމަށްވާ ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑު ވެސް ހިމެނޭކަން އެ އެއާލައިނުން ފާހަގަކުރެ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އެ އެއާލައިނުގެ ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy