އޭއެފްސީސީއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި ގައުމީ ކްރިކެޓް ޓީމު.-- ފޮޓޯ: ސީބީއެމް
10 އެޕްރީލް 2025 - 08:56
ގައުމީ ކްރިކެޓް ޓީމުން ސްރީ ލަންކާގެ އޭއެފްސީސީއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ފަށައިފި އެވެ.
އެގޮތުން އެކުވެނި ދަނޑުގައި ގައުމީ ޓީމް އިއްޔެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރީ 11 ލަނޑުންނެވެ.
މާލެއަށް ކުރި ވިއްސާރައާ ގުޅިގެން، 20 އޯވަރަށް ކުޅޭ މެޗު ކުރިއަށް ގެންދިޔައީ 15 އޯވަރަށް ކުރު ކޮށްގެންނެވެ.
އޭއެފްސީސީ ޓޮސް ދިމާކުރުމުން ފުރަތަމަ ކުޅެން އެރީ ރާއްޖެ އެވެ. ރާއްޖޭގެ އެއް ކުޅުންތެރިއަކު ނުބައި ވެގެން ވަނީ 138 ލަނޑު ހަދައިފަ އެވެ. އޭއެފްސީސީ އަށް ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ.
ކްރިކެޓް ޓީމު އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސީބީއެމް
މުހައްމަދު އައްޒާމް 40 ބޯޅައިން ނުބައި ނުވެ 46 ލަނޑު ހެދި އިރު މުހައްމަދު ރިޝްވާން ވަނީ 30 ބޯޅައިން 42 ލަނޑު ހަދައިފަ އެވެ. އައްޒާމް ހަތަރު ބޯޅަ ހަތަރަކަށް ޖެހި އިރު އެއް ބޯޅަ ހަޔަކަށް ވެސް ޖެހި އެވެ. ރިޝްވާން ވަނީ ދެ ބޯޅަ ހަތަރަކަށް އަދި ދެ ބޯޅަ ހަޔަކަށް ވެސް ޖަހައިފަ އެވެ.
އިސްމާއިލް އަލީ ނުބައިވީ 20 ބޯޅައިން 32 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭން ފަސް ބޯޅަ ވަނީ ހަތަރަކަށް ޖަހައިފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއެފްސީސީގެ މުހައްމަދު ނަޒީމް އެވެ. އޭނާ ވަނީ ނުބައި ނުވެ 40 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ.
މިއަދު ވެސް ރާއްޖެ އާއި އޭއެފްސީސީގެ މެޗެއް ކުޅޭނެ އެވެ. ދެ ޓީމުގެ މެޗުތައް ހަތަރު ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy