އެފްއޭއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު: މިނިސްޓަރު ވިދާޅުވީ ރާއްޖެ ސަސްޕެންޑް ވިޔަ ނުދީ ސަލާމަތް ކުރުން އޮތީ ކްލަބްތަކުގެ އަތްމަތީގަ ކަމަށް --- ފޮޓޯ ފަޔާޒު މޫސާ | މިހާރު
22 އެޕްރީލް 2025 - 11:47
ރާއްޖެ ފުޓްބޯޅަ ސަސްޕެންޑް ވިޔަ ނުދީ ސަލާމަތް ކުރުން އޮތީ ކްލަބްތަކުގެ އަތްމަތީގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ދިރުވާނީތޯ ނުވަތަ ސަސްޕެންޑް ވާނީތޯ، މި ސުވާލުތަކުގެ ޖަވާބު އޮތީ އެފްއޭއެމްގެ ކޮންގްރެސްގެ މެންބަރު ކްލަބްތަކުގެ އަތްމަތީގައި ކަމަށެވެ.
"ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވާނީތޯ؟ ސަސްޕެންޝަނަކާ ހަމައަށް ދާނީތޯ، މިއޮތީ ކްލަބްތަކުގެ އަތްމަތީގައި،" ރާފިއު ވިދާޅުވި އެވެ.
"(އެފްއޭއެމްގެ) މެންބަރު ކްލަބްތަކުގެ ޒިންމާއެއް މިއީ މިހާރު. އަޅުގަނޑު ދެކޭގޮތުގައި މިކަން ކޮޅަށް ޖަހަން އެންމެ ބޮޑު އެފަޓް ލެވެން އޮތީ މެންބަރު ކްލަބްތަކަށް."
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު
މިނިސްޓަރު އެގޮތަށް ވާހަކަ ދެއްކެވީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް ބޮއިކޮޓް ކުރުމުގެ ވިސްނުންތައް ބައެއް ކްލަބްތަކުން ގެންގުޅެމުންދާ ދަނޑިވަޅެއްގަ އެވެ. ގަވާއިދަށް ބަދަލު ގެންނަ ކޮންގްރެސްގެ ކޯރަމް، ތިން ބައިކުޅަ ދެބައިގެ ނެތް ނަމަ އެ ކޮންގްރެސް ކުރިއަކަށް ނުގެންދެވޭނެ އެވެ.
އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް އެ އަދަދު ހަމައެއް ނުވެ އެވެ. އެކަމަކު ގަވާއިދަށް ބަދަލު ގެންނަން އެޖެންޑާގައި ހިމަނާފައި ނުވާތީ އެންމެ ދަށް ކޯރަމާ އެކު ކޮންގްރެސް ކުރިއަށް ގެންދެވެ އެވެ.
މިދިޔަ މަހު ބޭއްވި އެ ކޮންގްރެސްގައި އޮތީ އެފްއޭއެމް އޮޑިޓް ކުރާނެ ފާމް ކަނޑައެޅުމާއި އެތެރޭގެ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބަކުން ހޮވަން ފެށި ފަހުން، މިހާރު އޮތް ނޯމަލައިޒޭޝަނަކީ ފީފާއިން އެ ހާލަތަށް ރާއްޖެ ގެންދިޔަ ދެވަނަ ފަހަރެވެ.
މިނިސްޓަރު ވިދާޅުވީ ނޯމަލައިޒޭޝަން ހާލަތަށް ގޮސްފައި އޮތުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި ރާފިއު އާއި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީވެ ޗެއާމަން އަހްމަދު މުއިއްޒު --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ބޮޑު ހިތްދަތިކަމަކީ މި ސިޓްއޭޝަނަށް އައުން. ނޯމަލައިޒް ކުރަން ޖެހުން،" ރާފިއު ވިދާޅުވި އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަންނަ މަހު ބާއްވަން، ނޯމަލައިޒޭޝަން ކޮމިޓީން ދަނީ ތައްޔާރު ވަމުންނެވެ.
ޖުލައި 23 ގައި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން އަސާސީ ގަވާއިފު ފާސްކޮށް އާ އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އެ މުއްދަތުގައި އެކަން ނުވެއްޖެނަމަ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރުން ކައިރި އެވެ.
އެންމެ ފަހުން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަށް (ޕީއެފްއެފް) އަށް ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަނުގެ ވާހަކަ މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަސާސީ ގަވާއިދު ފާސް ކުރަން ޕީއެފްއެފްގެ ކޮންގްރެސްގެ މެންބަރުން ބޭނުން ނުވުމުން ފީފާއިން ތިންވަނަ ފަހަރަށް އެ ގައުމު ސަސްޕެންޑް ކުރި އެވެ. އަލުން ސަސްޕެންޝަން އުވާލީ ފީފާއިން ދިން މުއްދަތުގެ ތެރޭގައި އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.
އެކަމަކު ރާއްޖެ ސަސްޕެންޝަނަކާ ހަމައަށް ހިނގައްޖެނަމަ މާ ނުރައްކާ ހަލަތަކަށް ދާނެ ކަމަށް ފުޓްބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރި ބޭފުޅުން ވިދާޅުވެ އެވެ. އެފްއޭއެމްގައި 150 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ދަރަންޏެއް އެބައޮތެވެ. ސަސްޕެންޑް ވުމުން ފީފާ އާއި އޭއެފްސީގެ އެއްވެސް މާލީ އެހީތެރިކަމެއް ނުލިބޭނެ އެވެ.
ފަހަރެއްގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ލިކްއިޑިޓޭޝަނަކަށް ގޮސް އެއްކޮށް އުވާލަން ނިންމާ ހިސާބަށް ވެސް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މިނިސްޓަރު ވެސް ވިދާޅުވީ އެހާހިސާބަށް ރާއްޖޭގެ ފުޓްބޯޅަ ގޮސްފިނަމަ އެފްއޭއެމްގެ މެންބަރު ކްލަބްތަކަށް އޮތް ހައިސިއްޔަތު ވެސް ގެއްލިގެން ދާނެ ކަމަށެވެ.
"އެއަށް ވުރެ ބޮޑަށް މި އޮންނަނީ އެއްކޮށް ސަސްޕެންޑް ވެގެން [އުވިގެން] ދއުން. އެހެންވެއްޖެއްޔާ ހުރިހާ ކްލަބްތަކެއް ޑިޒޯލްވެގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
23 April 2025
އެހްންވިއްޔާ ސަރުކާރުން ވަކި ޓީމެއް ތަލައަށް ލައިގެން އެހެން ޓީމުތައް ބިކަކުރަން ކްރޮޕްޝަން ހިންގަމުންދޭ.
ބެލެނިވެރިން
22 April 2025
މާލޭ ގަ މާޒިޔާ ދަނޑު ، ބީޖީ ދަނޑު ، އީގަލްސް ދަނޑު ދެން ކިހިނެއް ޒުވާނުން ކުރިއަރުވާނީ ، ބާސްކެޓް ވެސް ހަމަ އެހެން
ފައިދު.
22 April 2025
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ގޭންގު ހަދާބަލަ.
މިއައު
22 April 2025
ފުޓުބޯޅަ ސަލާމާތް ކުރެވޭނީ ޒުވާން އަދި ކުޑަ ކުދިންނަށްވެސް ފުޓުބޯޅަ ކުޅޭނެ ތަނެއް ދެއްކިގެން. ގޭންގުތަކުން ލާރި ދޮންނަން މާލޭގެ ހުސްބިމެއް ދީގެން ފުޓުބޯޅަ ސަލާމަތެއްް ނުވާނެ. ފުޓުބޯޅަ ނުކުޅެ ފުޓުބޯޅަ ޑިސްކަވަ ވެސް ނުކުރެވޭނެ. މަނިކުފާނުގެ އިހުލާސްތެރި ކަމެއް ހުރިއްޔާ ފުޓުބޯޅަ ސަލާމަތް ކުރުމަކީ އުނދަގޫ ކަމެއް ނޫން
ހަފުސީ.
22 April 2025
އެފުއޭއެމްގައިވެސް އޮލިމްޕިކް ކޮމެޓީގައިވެސް ތިމީ މުޅިންވެސް މާލޭ ކުލަބް ތަކުގެ މީހުން. އަތޮޅު ތެރޭގެ އެއްވެސް ކުލަބަކަށް އެއްވެސް ފުރުސަތެއްނެތް. މިނިސްޓަރުވެސް ބޭޏުން ވަނީ މާލޭ ޓީމް ތަކަށް ހުރިހާ ފުރުސަތެއް ފަހިވާ ގޮތަށް ކަންކަން ކުރަން. ދެން ކިހިނެއް ފުޓުބޯޅަ ފޯރި ގަދަ ވާނީ. ރައްޖޭގެ އަތޮޅު ތަކުގައި ފޯރި ނަގައިގެން ނޫނީ ތިކަމެއް ނުވާނެ.
ހަސަނު.
22 April 2025
ސަރުކާރުގެ ރަނގަޅު ނިޔަތެއްނެތި ތިކަމެއް ނުވާނެ. ކީއްވެ ރައްޖޭގެ އެހެން ސަރަހައްދު ތަކުގެ ކުލަބް ތަކަށްވެސް އެއްވަނަ ޑިވިޝަންގައި ވާދަ ކުރަން ފުރުސަތ ނުދޭން ތިއުޅެނީ؟
ހުސެއިން.
22 April 2025
މިނިސްޓަރު ތިޔަވިދާޅުވާ ކުލަބު ތަކަކީ މާލޭގެ ގޭންގް ތައް. އެމީހުން ދަނޑުމައްޗަށް އަރާ ތަޅާފޮޅާތަން ބަލަން ދަނޑަށް ވަންނޭނެ ބަޔަކު ނުވާނެ. އެފުއޭއެމް އުވާލަންވީ.
ނޫސް ބަޔާން.
22 April 2025
އަންނަނީ އަންނަނީ ބައްސާމް އެބުރި އަންނަނީ.
މުޙައްމަދު.
22 April 2025
ކަލޭމެނަށް ތިކަމެއް ނުވިއެއްނު. ބައްސާމް އާއި ތިކަން ޙަވާލު ކޮށްބަލަ. ފިސަހަރި ރަނގަޅަށް ހިންގާލާނެ.
ކިއުންތެރިއެއް.
22 April 2025
ރައްޖެވެސް ވާހަކަ ތަންކޮޅެއް ގިނަ ވެއްޖެ. އެއްވެސް ހިންގުން ތެރިކަމެއްނެއް. އެފުއޭއެމް އުވާލަން ޖެހިލުންވަނީ ކީއްވެ ؟