06 މެއި 2025 - 13:06
ބާސެލޯނާގެ ސްކޮޑުގައި ހިމެހޭ ލަމީން ޔަމާލް އާއި ރޮބާޓް ލެވަންޑޯސްކީ އަދި ރަފީނިއާ އަށް ވުރެ ވެސް މިޑްފީލްޑަރު ޕެޑްރީގެ މުހިއްމުކަން ބޮޑު ކަމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ޓޯނީ ކްރޫސް ބުނެފި އެވެ.
ޔަމާލް އާއި ލެވަންޑޯސްކީ އަދި ރަފީނިއާ ވަނީ މި ސީޒަންގައި އެޓީމުގެ 86 ގޯލެއްގައި ހިއްސާ ވެފަ އެވެ. ނަމަވެސް ކްރޫސް ބުނީ، ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ މި ސީޒަންގައި ހޯދަމުން އަންނަ ކާމިޔާބީތަކުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ "މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީފްޑަރު" ޕެޑްރީ ކަމަށެވެ.
"އަހަރެންނަށް، ޕެޑްރީ ކަހަލަ ކުޅުންތެރިއެއް މާ މުހިއްމު، ޔަމާލް ނޫނީ ލެވަންޑޯސްކީ ނޫނީ ރަފީނިއާ އަށް ވުރެ ވެސް،" މިދިޔަ ސީޒަނަށް ފަހު ރިޓަޔާ ކުރި ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު ކްރޫސް، ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ބުންޏެވެ.
"އެ ކުޅުންތެރިން މެޗުގެ ނަތީޖާ ނިންމަފާނެ، އެކަމަކު އެ ކަން ކުރަން ވެސް އެންމެ މުހިއްމީ، ދުނިޔޭގައި ވެސް މި ވަގުތު އެ މަގާމަށް ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާ ޕެޑްރީ. އޭނާ ނުކުޅޭ ނަމަ ކޮންމެ މެޗެއްގައި ވެސް އެތަން ދައްކާނެ. އެއީ ހަމައެކަނި ގޯލު ޖަހާ، އެސިސްޓް ކުރާ ކުޅުންތެރިއެއް ނޫން. އޭނާ އަކީ ދަނޑުމަތީގައި ހައްލު ހޯދައިދޭ ކުޅުންތެރިއެއް."
އުމުރުން 22 އަހަރުގެ ޕެޑްރީ ވަނީ މިދިޔަ ސީޒަންގައި ދިމާވި އަނިޔާތަކުން އަރައިގަނެ، މި ސީޒަންގައި މިހާތަނަށް 54 މެޗު ކުޅެދީފަ އެވެ. އަދި މި މުއްދަތުގައި އޭނާ ވަނީ ހަތަރު ގޯލު ޖަހައި ހަތް އެސިސްޓް ވެސް ކޮށްފަ އެވެ.
ކްރޫސް ބުނީ، ޗެމްޕިއަންސް ލީގުގައި ޕެޑްރީ ކުޅޭ ކޮންމެ މެޗެއްގައި އިދިކޮޅު ޓީމަށް ވުރެ މޮޅަށް އޭނާ ކުޅޭ ކަމަށެވެ. އަކީ އޭނާ އަކީ ކުދިކުދި ޖާގަތަކުން ކުޅުންތެރިން ކައިރިން ނައްޓާފައި ބޯޅަ ކުރިއަށް ގެންދިއުމުގެ ހުނަރު ލިބިފައިވާ މަދު މިޑްފީލްޑަރުންގެ ތެރޭން އެކަކު ކަމަށް ކްރޫސް ބުންޏެވެ..
"އަހަރެން ކުޅުނު އިރު އެކަން ތަޖުރިބާ ކުރިން. އޭނާ އަހަރެމެން މެޑްރިޑުގައި ލަދުގަންނަވާލި. ދެތިން ފަހަރަކު އަހަރެން އުންމީދު ކުރިން އޭނާ އަތުލެވޭނެ ކަމަށް، އެއީ ފެންނަ ފެނުމަށް އެހާ ހަލުވި ކުޅުންތެރިއެއް ނޫން ވީމަ. އެކަމަކު އޭނާ ބޯޅަ ކޮށްޓާލާއިރު ފައުލެއް ކޮށްގެން ވެސް އަހަރެންނަށް އޭނާ ނުހުއްޓުވުނު،" ކްރޫސް ބުންޏެވެ.
ކްރޫސްގެ އިތުރުން، ބާސެލޯނާގެ ގިނަ ކުޅުންތެރިން ވެސް އަންނަނީ ޕެޑްރީ އަށް ތައުރީފް ކުރަމުންނެވެ. ގިނަ މެޗުތަކަށް ފަހު ޔަމާލް އާއި ގަވީ އަދި އެހެން ކުޅުންތެރިން ވެސް ވަނީ ޕެޑްރީ އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާ މިރޭ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ. މި މެޗަށް ފަހު އަންނަ އާދިއްތަ ދުވަހުގެ ރޭ ބާސާ ނުކުންނާނީ ލަ ލީގާގައި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމާލު
06 May 2025
ޔޮޅަސް ނިކަން ދެއްކުން ތެރިޔެ ޖަމާލަކީ އެހެން ވީމާ ދުވަސް ކޮޅަކުން އޮފު ކެޱިދާނެކަން އެގޭތީ ހެންބުނީ
ގަނޑިއަ
06 May 2025
އަހަރެން ގަބޫލެއް ނުކުރަން ކުރޫސް ދައްކާ ވާހަކައެއް އެހެނެއްނުން ސުޒޭނު ބުނެފިއްޔާ ވަގުތުން ގަބޫލުކުރާނަން.