މީގެ ކުރިން ރާއްޖޭގައި ބޭއްވި ބީޗް ވޮލީ މުބާރާތެއްގެ ތެރެއިން
08 މެއި 2025 - 09:20
އޭޝިއާ ސެންޓްރަލް ޒޯން ވޮލީ އެސޯސިއޭޝަން (ކާވާ) ގެބީޗް ވޮލީބޯޅަ މުބާރާތް އޯގަސްޓް މަހު އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
ކާވާގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ ވީއޭއެމް ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖެ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭން ނިންމުމުން، އެ މުބާރާތް އައްޑޫގައި ހޯސްޓް ކުރުމަށް ސްޕޯޓްސް މިނިސްޓަރީން ލަފާ ދެއްވި ކަމަށެވެ.
"މިނިސްޓަރުގެ ލަފާފުޅު ވެސް އެގޮތަށް އައީމަ އަޅުގަނޑުމެން ވާނީ ކާވާގެ އެގެޒެކެޓިވް ބޯޑުގައި ވެސް މަޝްވަރާކޮށް މުބާރާތް އައްޑޫގައި ބާއްވަން ނިންމާފަ،" ލަތީފް ވިދާޅުވި އެވެ.
އޭވީސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ލަތީފް ވިދާޅުވީ ކާވާގެ 14 ގައުމަކަށް މުބާރާތުގެ އިންވިޓޭޝަން ފޮނުވާފައި ވާނެ ކަމަށެވެ.
ކާވާގެ އެހެން ގައުމުތަކުގައި ބޭއްވި މުބާރާތްތަކުގައި ބައިވެރި ގައުމުތަކުގެ އަދަދަށް ރިއާޔަތް ކުރުމަށް ފަހު ލަތީފް ވިދާޅުވީ ގާތްގަނޑަކަށް ނުވަ ގައުމުން ރާއްޖެ އަށް ޓީމުތައް ފޮނުވާނެ ކަމަށެވެ.
"ސާދަ ގައުމުގެ ތެރެއިން ނުވައެއް ކަމަށް ވެދާނެ. ނުވަތަ އެއަށް ވުރެ ގިނަ ވުން އެކަށީގެންވޭ،" ލަތީފް ވިދާޅުވި އެވެ.
ވީއޭއެމުން ކުރިން ވަނީ ރަށްރަށާއި ސިޓީތަކަށް ހާއްސަކޮށް ރާއްޖެ ބީޗް ވޮލީ ލީގުގެ ނަމުގައި މާލޭގައި ބޭއްވުމަށް މުބާރާތެއް އިއުލާން ކޮށްފަ އެވެ.
އެކަމަކު މިދިޔަ މަހު ބާއްވަން މަސައްކަތް ކުރި މުބާރާތް ފަސް ކުރީ ލަތީފު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ބީޗް ވޮލީ މުބާރާތް ބޭއްވުމުގެ ތައްޔާރީތައް ހަމަޖެއްސުމަށެވެ.
ކާވާގެ ބީޗް ވލީ މުބާރާތް އެންމެ ފަހުން ބޭއްވީ ސްރީ ލަންކާގަ އެވެ. ޖެނުއަރީ މަހު ބޭއްވި އެ މުބާރާތުގައި ރާއްޖެ އަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 May 2025
ސިފައިންނާއި ފުލުހުން ޖަގަހަ ޖަހައިގެންތިބި ރަށުގައި (އެއަޕޯޓް ގައި) ނުވަތަ އައްޑޫގެ ރިސޯޓެއްގައި މުބާރާތް ބޭއްވުމުގެ ބަދަލުގައި ކާވާ އާއި މުބާރާތުގައި ބައިވެރިވާ އިންޑިޔާ ފަދަ ޤައުމެއްގެ އެހީތެރިކަން ހޯދައިގެން (މާލޭ މިނިސްޓްރީގެ އެހީވެސް ލިބޭތޯ ބެލިދާނެ) އައްޑޫސިޓީ ހަންކޮޅުގައި (ހަންކެޑެ) މުބާރާތް ބޭއްވޭތޯ ވީއޭއެމް ރައީސް މުހައްމަދު ލަތީފް މަސައްކަތް ކުރައްވާނެ ކަމަށް ހީކުރަން. އޭރުން މުބާރާތް ބަލަން އައްޑޫސިޓީގެ ގިނަމީހުނަށް ދެވޭނެ ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
08 May 2025
އެތުލެޓިކްސް އެސޯސިއޭޝަން ފިޔަވާ ދިވެހިރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ދުރާލާ މުބާރާތަށް ތައްޔާރުވުމުގެ ފުރުސަތުދީގެން ކ.އަތޮޅު މާލެނޫން އެހެންރަށެއްގައި މުބާރާތެއްބާއްވާ މާލޭގެއެއްވެސް އެސޯސިއޭޝަނެއްނެތް. ނަމުގެކުރިއަށް "ޤައުމީ، މޯލްޑިވްސް، ނޭޝަނަލް، ދިވެހި ފަދަ ނަންތައް ލައިގެން" އެސޯސިއޭޝަން ތައް ހަދާފައި ހުރި ކަމަށްވިތަސް ހުރިހާ އެސޭސިއޭޝަން ތަކަކީވެސް ކ.މާލޭގެ ކަންމަތީ ޤުރޫޕް ތަކަށްޓަކާ މާލޭސަރުކާރުން ހަދާފައި ހުންނަ ތަންތަން.
ލިބަރޯ ކަލޯ.
08 May 2025
އޭއި ލަތީވެސް މިހަބަރު ކިޔާފައި ދީދީ އަށް ލައިކް ދީފަ މިއޮތީ.
މިޔަރާ ރެކިބެއްޔާ ބާދަލާ މުހުންމާ
08 May 2025
ވަރަށް ބިޔަ ޕްރޮޖެކްޓެއް.ދެން ތަފިރިއެ އަތް ޖަހަލައު.