ބީއެމްއެލް އިން ވަނީ ނ އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ބަހައްޓާފައި -- ފޮޓޯ: ބީއެމްއެލް
15 މެއި 2025 - 19:32
އަތޮޅުތެރޭގައި ބަހައްޓާފައިވާ ބީއެމްއެލްގެ އޭޓީއެމްތަކަށް މި އަހަރުގެ ފުރަތަމަ ހަތަރު މަހު 1.3 ބިލިއަން ރުފިޔާ ޖަމާކުރި ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެ އިން ވެސް މިހާރު ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ އަދަދު އިތުރުވަމުން އަންނަ ތަން ކަމަށެވެ. މާލެ ފިޔަވައި އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތަކުން ފައިސާ ޖަމާކުރުމަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 240,000 މުއާމަލާތް ކޮށްފައިވެ އެވެ. އެ އެ މުއާމަލާތްތަކުގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ނ. އަތޮޅުގައި މިއަދު ބެހެއްޓި އޭޓީއެމްތަކާ އެކު، އެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފަ އެވެ. އެއީ ހެނބަދު އާއި ލަންދު އާއި ކުޑަފަރި އާއި މާޅެންދު އާއި ޅޮއްސާއި މަގޫދޫ އަދި ފޮއްދު އެވެ.
މީގެ ދެ މަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއީ 2،000 އަށް ވުރެ ގިނަ މުއާމަލާތެވެ. އޭޓީއެމް ހިދުމަތް ލިބެން ނެތް ނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2،000 ދަތުރު ކަން ޝަރީފު ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ ޝަރީފް
އޭނާ ވިދާޅުވީ މިދިޔަ ރޯދަމަސްތެރޭގައި ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށި އިރު އެ އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް 8،000 މުއާމަލާތް ހިންގި ކަމަށެވެ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ އަތޮޅުގައި ފައިސާ ނެގުމަށް 27,000 މުއާމަލާތް ކުރި އިރު އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތެވެ.
To make essential banking services more accessible to our communities, we’re opening ATMs across seven islands within Noonu Atoll, marking a significant milestone in extending services to all inhabited islands in the atoll. 🏝️
— Bank of Maldives (@bankofmaldives) May 15, 2025
Our communities in Henbadhoo, Landhoo, Kudafari,… pic.twitter.com/qZsl0mc19m
ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވިޔަސް އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބީއެމްއެލްގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީނުކޮށް ހިދުމަތްތައް ފުޅާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވިގޮތުގައި، އޭޓީއެމް ހިދުމަތް ކޮންމެ ރަށަކަށް ލިބެން ފެށުމާ އެކު، ދަތުރު ކުރަން ނުޖެހި ހިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށް ކުރިއަށް ވުރެ އިތުރަށް އަންނަނީ ވަންނަމުންނެވެ
"ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުން ކުރާ މުއާމަލާތްތަކުގެ 90 އިން ސައްތަ މުއާމާލާތްތައް ކުރަނީ ޑިޖިޓަލްކޮށް. ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް އަށް ދުވާލަކު އެއް މިލިއަން ފަހަރު ކަސްޓަމަރުން ލޮގް ކުރޭ. އިންޓަނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު އިންސައްތައެއް ހިއްސާކުރި ނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައް ވެސް މިދަނީ އިތުރުވަމުން،" ޝަރީފް ވިދާޅުވި އެވެ.
"މިގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38،000 މުއާމަލާތް ކުރޭ."
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. އެއާ އެކު، މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
15 May 2025
ދުނިޔޭގައި ތިބި ބަޔަކަށް ވަރަށް އަވަހަށް ފެންނާނެ ތިޔަ އޭޓީއެމްތަކަަށް، ފޯނުބޫތުތަކަަށް ވީހެންވާތަން.