23 މެއި 2025 - 09:34
ޕީއެސްއެމްގެ މުއައްޒަފުންނަށް މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (އެމްއައި)ގެ "ލެވަލް އަޕް" ކޯޕަރޭޓް ޓްރެއިނިން ޕްރޮގްރާމުގެ ދަށުން ހާއްސަ ތަމްރީން ދިނުމުގެ އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
ޕީއެސްއެމްގެ އޮފީހުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި މިއާންޒް އިންޓަނޭޝަނަލް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މޯލްޑިވްސް މީޑިއާ އިންސްޓިއުޓްގެ ޑެޕިއުޓީ ޑީން ފާތިމަތު ހުސައިން އެވެ.
އެ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުއައްޒަފުންނަށް ތިން ދާއިރާއަކުން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޒަމާނީ ޑިޖިޓަލް ހުނަރުތަކާއި މަސައްކަތުގެ މާހައުލުގައި އޭއައި ބޭނުން ކުރަން ދަސްކޮށްދޭ ޓެކްނޮލަޖީ އަދި ޕްރޮފެޝަންސީ ޓްރެއިނިން ޕްރޮގުރާމާއި މެނޭޖަރުންގެ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ހިންގާ ލީޑާޝިޕް މެނޭޖްމަންޓު ޓްރެއިނިން ޕްރޮގުރާމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި މުއާމަލާތް ކުރަންވީ ގޮތުގެ ތަމްރީނުތައް ކަސްޓަމާ ސާވިސް އެންޑް އެކްސެލެންސް ޕްރޮގްރާމެވެ.
އެމްއައި ކޮލެޖުން ބުނީ "ލެވަލް އަޕް"ގެ ދަށުން އެމްއައި ކޮލެޖުން ހިންގާ ޕްރޮގްރާމުތަކުގެ ޓްރެއިނިން މޮޑިއުލްތަކަކީ ޕީއެސްއެމްގެ އޮޕަރޭޝަނަލް ލަނޑުދަނޑިތަކާ އެއްހަމަކޮށް ރާވާ ހިންގައިދޭނެ ޕްރޮގްރާމުތަކެއް ކަމަށެވެ.
ޕީއެސްއެމްއަށް "ލެވަލް އަޕް"ގެ ދަށުން އެކި ޕްރޮގްރާމުތައް ހިންގައިދިނުމަށް ސޮއި ކުރި އެއްބަސްވުމާ ގުޅޭ ގޮތުން އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ އެ ޕްރޮގްރާމަކީ ދިވެހިންގެ ހުނަރު ތަރައްގީ ކުރުމަށް އެކޮލެޖުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގަމުންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އުންމީދަކީ އެ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ޓީމަށް މިއަދުގެ މީޑިއާ މާހައުލަށް ބޭނުންވާ ހުނަރުތަކާއި އިސްތިރާޖީ ވިސްނުން ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އެމްއައި ކޮލެޖުގެ "ލެވަލް އަޕް" ޕްރޮގްރާމަކީ ޕްރީމިއަމް ކޯޕަރޭޓް ޓްރެއިނިން ބްރޭންޑެކެވެ. އެ ބްރޭންޑުގެ ދަށުން އާއްމުންނަށް ވަކިވަކިން ބައިވެރިވެވޭ އޯޕަން އެންރޯލްމަންޓް ވޯކްޝޮޕާއި ކުންފުނިތަކަށް ހާއްސަކޮށް ފަރުމާކޮށް ހިންގާ ޕްރޮގްރާމްތައް ހިމެނެ އެވެ.
ތަޖުރިބާކާރު ޓްރެއިނަރުންނާއި އެކު ހިންގާ އެ ޕްރޮގުރާމުތަކުގެ ބޭނުމަކީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ހޯދޭނެ މަގުތަނަވަސް ކޮށްދީ މަސައްކަތްތެރިންނަށް ބޭނުންވާ ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ފަހިކޮށްދީ ވަޒީފާގެ ރޮންގުން ކުރިއަށް ދާނެ ފުރުސަތު ފަހިކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރާ
24 May 2025
ވަރަށް ރަނގަޅު ކަމެއް! މަރުޙަބާ ޕީ އެސް.އެމް މުވައްޒަފުން!