އަބުޑީއަށް މުޅި މުބާރާތުން އެއް ވަނަ ލިބުނު "ދެ ލާރި". -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
25 މެއި 2025 - 09:44
އަހަރުތަކެއް ފަހުން ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތިން ހާހަށްވުރެ ގިނަ އުފެއްދުމުގެ އެއް ވަނަ އަކީ ދެ ލާރި އެވެ. އެކަމަކު އެ ދެ ލާރި އުފެއްދި އައިމިނަތު ޝިހާނާ (އަބުޑީ) އެކަމަށް 2،944 ގަޑިއިރު ހޭދަކުރި އެވެ. ރީތި ކުރެހުމެއް ގޮތަށް އެ ފެނުނަސް އެއީ ރޮދިން ޖަހާފައިވާ 145،000 ސްޓިޗަށް ވުމީ އެ ހާއްސަވި ސަބަބެވެ.
އުމުރުން 50 އަހަރުގެ އަބުޑީގެ މި މަސައްކަތް ބަލައިލުމަށް ފަހު އެއީ ކުރެހުމެއްތޯ ސުވާލުކުރެ އެވެ. އެކަން ކުރާ ގޮތް ކައިރިން ބަލައި އެ މަސައްކަތްކުރާ ގޮތް އަހަނީ އެއީ ހަމަ އަސްލުވެސް ރޮދީގެ މަސައްކަތެއްތޯ ޔަގީންނުވެ ތިބެގެންނެވެ.
މައުރަޒުގައި ހުރި އަބުޑީގެ ލައިވް ޑެމޯ މޭޒު ކައިރީ ތިބެ މީހުން ކުރަނީ އެ ސުވާލުތަކެވެ. އެތައް ބަޔަކު އޭނާއަށް ގުޅޭނެ ނަންބަރާއި އިންސްޓަގްރާމް ޕޭޖުގެ މައުލޫމާތު ވެސް ނަގަމުން ދިޔަ އެވެ.
މޯލްޑިވްސް އެކްސްޕޯ 2025 ނުވަތަ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވިކުރި 3،000 އަށް ވުރެ ގިނަ އުފެއްދުމުގެ ތެރެއިން އެއް ވަނަ ލިބުނު މި "ދެ ލާރީ" ގެ މަސައްކަތަކީ 145،000 ސްޓިޗެވެ. އެ މަސައްކަތަށް 2،944 ގަޑި އިރު ނުވަތަ ހަތަރު މަސް ހޭދަކުރި އެވެ. އަބުޑީ އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. މައުރަޒުގައި ބައިވެރިކުރަން އެ މަސައްކަތް ފަށައި، އެ އަށް ބޭނުންވާ ބަރަނިތައް އެއްކޮށް، މަސައްކަތް ނިންމާލެވުނީ ރޯދަ މަހަށެވެ.
އެ އުފެއްދުމަށް 61 ކުލައިގެ ބަރަނި ބޭނުން ކުރި އެވެ. އެހާ ގިނަ ކުލަތައް ބޭނުން ކުރި އިރު އޭގެ ތެރެއިން އެންމެ ކުލައެއްގެ އެއް ސްޓިޗެއް ވެސް ޖަހަން ޖެހިދާނެ އެވެ.
އަބުޑީގެ ކުރެހުމުގައި ބޭނުންކުރާ ރޮދި: އޭނާ ހިންގާ ކޯސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އަބުޑީ އަބަދުވެސް ހަދާ ހިތްވަނީ ރާއްޖެއާ ގުޅުންހުރި އުފެއްދުންތައް. އާދަކާދަ، ސަގާފަތް ނުވަތަ ދިރިއުޅުން ދައްކުވައިދޭ އުފެންދުން. މިހާރު ދެ ލާރިއަކީ މީހުންތެރޭގައި ވަރަށް ގެއްލިފައި އޮތް ލާރިއެއް. ކުދިންނަށް ވެސް މިހާރު ދެ ލާރި ވަރަށް ބޮޑަށް އެނގިއްޖެ،" އޭނާ ބުންޏެވެ.
ދެ ލާރީގެ އެ އުފެއްދުމުގައި ދަބަރުގެ ކުލަތަކެއް ދައްކުވައިދީ، ވީހާ ވެސް އަސްލު ސިފަތައް ގެނައުމަށް މަސައްކަތްކޮށްފައިވެ އެވެ.
"އެ މަސައްކަތަށް ރޮދި ގެނައީ އިންޑިއާއިން. އެކަމަށް ބޭނުންކުރާ ރޮދި ރާއްޖެއިން ނުލިބޭ. ފުރަތަމަ ބުރުގައި ނުލިބުނު ހުރިހާ ކުލައެއް. ދެން އޭތީގައި ހެދީ. ދެން އަނެއްކާ ވެސް ދެވަނަ ދަތުރެއް އިންޑިއާއަށް އެޅީ. އެފަހަރު ލިބުނު ކުލަތައް ގެނެސްގެން، ކުރިން ޖަހާފައި ހުރި ކުލަތައް މޮހާފައި އަނެއްކާ ހެދީ،" އޭނާ ބުންޏެވެ.
އަބުޑީ (ކ) "މިހާރު" އާ ވާހަކަ ދައްކަނީ: އޭނާ ރޮދިން ހެދި ދެ ލާރިއަށް ވަނީ މުޅި މައުރަޒުން އެއް ވަނަ ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ދެ ލާރީގެ މަސައްކަތަކީ އޭނާގެ 50 އަހަރުގެ އުފަންދުވަހު ލިބުނު ހަދިޔާއެއްގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ.
"މިފަހަރު ލިބުނު އެންމެ ރަނގަޅު ގިފްޓު އެއީ. މި މަހު އުފަން ދުވަސް އިނީ. އެހެންވީމާ ރަންވަނަ އެއީ އެންމެ ރަނގަޅު ގިފްޓް،" ހީލަމުން އޭނާ ބުންޏެވެ
އަބުޑީ ސްކޫލު ދައުރުން ފެށިގެން ވެސް، އެމްބްރޮއިޑަރީގެ މަސައްކަތް ޝައުގުވެރިކަން އުފެދި އެކަހަލަ މަސައްކަތްތައް ކުރި އެވެ. ސްކޫލު ނިންމާލައި، ކައިވެންޏަށް ފަހު، ދަރިއަކު ލިބުމުން އެ މަސައްކަތާ ދުރުވި އެވެ. ދެން އޭނާ އަނބުރާ އެ މަސައްކަތް ފެށީ ދަރިފުޅަށް 22 އަހަރުވީ ފަހުންނެވެ. އޭރު ވެސް، ގޭގައި ގިނަ ވަގުތު އެކަނި ހޭދަކުރާތީ، ރޮދީގެ އެ ފަދަ މަސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ކުރާ މީހުންގެ ޓިއުޓޯރިއަލްތައް ބަލައި އެކަން ދަސްކުރަމުން ދިޔަ އެވެ.
އަބުޑީގެ ރޮދީގެ ކުރެހުމުން ފޯއް ފޮއްޗެއް ހަދަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭނާ އެންމެ ފުރަތަމަ މަސައްކަތްތައް ދައްކާލަން ތައްޔާރު ކުރީ 2019 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށެވެ. އެ މައުރަޒުން ވެސް އުންމީދުކުރި ވަރަށް ވުރެ ބޮޑަށް އާންމުންގެ ސަމާލުކަން ލިބުނެވެ. އެއީ އެފަދަ މަސައްކަތްތަކަކީ، ރާއްޖޭގައި މަދުންނޫނީ ނުފެންނަ އާޓަކަށްވާތީ އެވެ. އެ ލިބުނު ހިތްވަރާ އެކު ދެން އޭނާ ފެށީ، އެކަމަށް ޝައުގުވެރިވާ ކުދިންނަށް އެކަން ކިޔަވައިދެވޭތޯ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު 100 އެއްހާ ކުދިންނަށް އެކަން ވަނީ ކިޔަވައިދީފަ އެވެ. އޭނާގެ ކޯހުގައި އެންމެ ބޭސިކް ސްޓިޗިން އިން ފެށިގެން، އެކި ސްޓައިލްގެ ސްޓިޗްތައް ގެންނާނެ ގޮތްތައް ދަސްކޮށްދެ އެވެ. މިއަހަރުގެ ބޮޑުބައި އޮތީ އެފަދަ ކޯސްތައް ހިންގުމަށް ފުލީ ބުކްވެފަ އެވެ. އަބުޑީ ބުނީ، ބޭނުންވަނީ ވީހާ ވެސް ގިނަ ބަޔަކު އެ މަސައްކަތަށް ވައްދަން ކަމަށެވެ.
މިއީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް އޭނާގެ ހިތްހަމަޖެހުމާ ގުޅިފައިވާ މަސައްކަތެކެވެ. އެކަމަކު ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް ކުރެހުންތައް 50،000ރ. އަށް ވެސް އޭނާއަށް ވިއްކާލެވުނެވެ. އަދި އެއިން ރަނގަޅު އާމްދަނީއެއް ވެސް ހޯދިފައިވެ އެވެ.
އަބުޑީގެ ކުރެހުމުގެ ސްޓައިލް ބަޔަކަށް ކިޔައިދެނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"މިކަމަށް ޝައުގުވެރިވޭ. އަބުޑީ ބުނިން ފިރިމީހާ ކައިރީ ވަނަ ގެންދާނަމޭ އިރާދަކުރެއްވިއްޔާ. އެކަމަކު އޭރު ދަރީގެ ކަންކަމުގައި އުޅޭތީ އެންމެ ފުރިހަމަ ޓައިމް ނުދެވުނު،" އޭނާ ބުންޏެވެ.
މީގެ ދިހަ ވަރަކަށް އަހަރު ކުރިން އޭނާ ކުރި އުންމީދު މިހާރު އެވަނީ ހާސިލުވެފަ އެވެ. އެހާ ކަވި ވަގުތު ނަގާ އެ މަސައްކަތަށް ކޮންމެ ދުވަހަކު ވެސް އޭނާ ވަގުތު ދެ އެވެ. އަދި ރޮދީގެ އެ މަސައްކަތަށް ކުރުމަކީ، އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
"މިއީ ވަރަށް ކެތްތެރިވެގެން ކުރެވޭ ކަމެއް. ވަރަށް ވަގުތު ވެސް ނަގާނެ. އެކަމަކު ޝައުގުވެރިކަން ހުރީމާ ހަމަ މި މަސައްކަތް ކުރާކަށް ފޫއްސެއް ނުވޭ. ކުރިން އަދި ހެނދުނު ކޮފީއާ އެކު ވެސް އެންމެ ފުރަތަމަ ފަށަނީ ސްޓިޗް ކުރަން،" އޭނާ ބުންޏެވެ.
އަބުޑި އަށް އެއް ވަނަ ލިބުނު މަސައްކަތް. "ދެ ލާރި" -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިއަހަރުގެ މައުރަޒުގައި ވެސް އެ މަސައްކަތަށް ވަނައެއް ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް، ރަން ވަނަ ލިބުން ވެގެންދިޔައީ އެ މަސައްކަތް ފުޅާކުރަން އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ. އެހެންވެ. އޭނާ އަންނަނީ، އޭނާގެ އުފެއްދުންތަކަށް ހާއްސަ އެގްޒިބިޝަނެއް މި އަހަރުގެ ފަހުކޮޅު ބާއްވަން ވެސް ތައްޔާރުވަމުންނެވެ. ރާއްޖޭން ބޭރުގައި މަސައްކަތް ދައްކާލެވޭނެ ފުރުސަތެއް ވެސް ބޭނުންވެ އެވެ.
އަބުޑީގެ އެތައް މަސައްކަތެއްގެ ތެރެއިން ވެސް އޭނާއަށް އެންމެ އިމޯޝަނަލް އަދި އެންމެ ފާހަގަކޮށްލެވޭ އުފެއްދުމަކީ، އޭނާގެ މަންމަގެ ޕޯޓްރެއިޓެވެ. އަންހެނުންގެ ދުވަހަށް ހާއްސަކޮށް ތައްޔާރުކުރި އެ އުފެއްދުމަށް 312 ގަޑިއިރު ހޭދަކުރި އެވެ.
ކުރީގެ ރައީސް މުހައްމަދު އަމީނާއި ނޮވެމްބަރު 3 ގެ ބަތަލް ޝަހީދު ހުސެއިން އާދަމް ވެސް ވަނީ ރޮދިން ކުރަހައިފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖައިބެއް
26 May 2025
ފިލްމް އުފައްދާ މުހަައިމިން ގެ މަސައްކަތަށް ވަނަ އެއް ނުލިބުނީމަ އަޖައިބު ވި މަހުގެ ހުޅުނބު ހިއްކައިގެން ކުލަޖައްސައިގެން ހަދާފަ ހުރި މާ ބޮނޑި ހާދަ ރީއްޗޭ
ފޫހި
26 May 2025
މަ ހިތައްއަރަނީ މައުރަޒަށް ލުމަށްޓަކައި ހަދާލާ އެންމެ އެއްޗަކުން ގައުމުގެ އިކޮނޮމީއަށް ކުރާނީ ކޮންފައިދާއެއްބާއޭ. ވަނަ ހޮވާއިރު ވިސްނަންޖެހޭނެ ދާއިމީގޮތެއްގައި އެ އުފެއްދި އެއްޗެއް މާކެޓަށް ނެރެވޭނެތޯއާއި އެއިން އާމްދަނީ އެއް ހޯދޭނެތޯވެސް. ހަމައެކަނި މައުރަޒަށް ދައްކާލަން ހެދި އެއްޗިހި މަދެއްނޫން. އެކަމަކު ދެ ލާރި ވެސް ވަނައަކަށް ދިއުމީ މައްސަލައެއްނޫން. މަރުހަބާ. އެކަމަކު މިއަށްވުރެ ފައިދާ ވާނެތަކެތި އުފެއްދުން ރަނގަޅުވާނެ.
ފެންސު
26 May 2025
ގައިއްގަނޑަކަށް 1 ފޫޓު 1ފޫޓު އެއްޗަކަށް 4 މަސްދުވަސް. ތިކަމުން އުފެއްދުންތެރިކަމަށް ކިހާ ކުރިއެރުމެއް ލިބޭނެބާ. އޯޑަރު ލިބޭތާ 4 މަސްފަހުން މަސައްކަތް ނިމެނީ!!! ތިއީި ހޮބީއަށް ކުރާކަހަލަ ކަންކަން. ތީގެމައްޗަށް ދިރިއުޅުން ބަރޯސާކުރެވޭ ކަހަލަ ކަންކަމެއްނޫން.
އަބުޖީ
25 May 2025
ވަރަށް ރީތި އެކަމަކު ވަނަ ހޮވުން ރަގަޅެއްނޫން ތީކީއަލައް ބޭއްވި ކަމެއް ނޫން ކުރިއާވަރަށް ތަފާތު ކަންފާހަގަވީ ވަނަ ދީފަހުރީ ފެނިލައްވާމީހުނައް އެއްބަޔަކައް ހުރިހާވަނައެއް
އައިމިނާ
25 May 2025
އަހަރެމެން ދިވެހިންނަކީ މީހަކަށް ހެޔޮބަހެއް ބުނަން ނިކަން އުނދަގޫބައެއް. އެކަމަކުވެސް ހިތާއި ދެކޮޅަށް ނަމަވެސް މިފަހަރު މަރުޙަބާ ކިޔާލަމާ. ހިތުގެ އަޑިން. މިފަހަރު އަބުޑީ ދެންފަހަރަކުން ތިޔަ ބޭފުޅުން. ހިތްވަރާއިއެކު މަސައްކަތް ކޮށްލައްވާ. މިހާރުންފެށިގެން ފަށްޓަވާ.
އައިމިނާ
25 May 2025
ﷲމާޝާ މަރުޙަބާ އާއި ތަހުނިޔާ.
ކިއްލާ2222
25 May 2025
50 އަހަރުގެ ޒުވާނާ
ސޭޑް
25 May 2025
ގައުމުގެ އުފެެއްދުންތެރިކަން ހުރި ހިސާބަކީ މިއީތޯ؟ ބަރަނިން ތަކެތި ހަދައިން އިގްތިސާދައް އަންނާނެ އެެއްވެސް ކުރިއެރުމެއް އެބަ އޮތްތޯ؟ އަޅުގަނޑު ތިޔަ މައުރަޒުން ފެންނާނެ ކަމަށް އުނމީދު ކޮށްގެން ހުރީ ރާއްޖޭގެ މާހައުލާ ގުޅޭ އިލެކްޓްރިކް އުޅަނދުގެ މޮޑެލް ކަހަލަ އިނޮވޭޓިވް ވިސްނުން ތައް. މެރިކަލްޗާ ކުރާނެ ގޮތާ މިކަހަލަ ކަންކަން. އަތްތެރި ކަމުގެ މައުރަޒަކަށް މިވީ އަސްލު
ބަކުރުު
25 May 2025
މަ ތީގައިހުރި ސްޓިޗްތައް ގުނާލާފިން ހުރީ 145،731ސްޓިޗް. ހަމަކޮންމެ 10އަކުން10އަކުންގުނާ ކަރުދާސްގަނޑެއްގައި ނޯޓްކޮށްގެން. ގުނަން ނެގި 2ގަޑި49މިނިޓް 55ސިކުންތުބައި.
ވޯލް
25 May 2025
ތިޔަ ފަރުމާ ކުރި އެތި ހަޑިއެއް ނޫން. އެކަމަކު ކައުންސިލް ޒަމާނުއްސުރެ މުއީޒުގެ އެއް އަތްހެން އުޅެމުން އަންނަ ރައީސް އޮފީގުގެ މިނިސްޓަރު (ކަމެއް ކުރަން ޖަހޭ މަޤާމެއްވެސް އެކަމަު ބޮޑު މަންފާއެއް ލިބޭ) މަޤާމުގައި ހުރި މީހެއްގެ ކޮށްކޮއަށް މިފަދަ ވަނައެއް ލިބުމަކީ އެކަމާ މެދުވެސް ސުވާލު އުފައްދާނެ ކަމެއް. އަދި އަމުދުން މިސަރުކާރުގެ އަމަލްތަށް ހުންނަ ގޮތުންވެސް އިތުރުރަށް ސުވާލު އުފައްދާނެ ޖާގައެބައޮތް.
އިހްސާސް
25 May 2025
ބަލަ އަބުޑި އެއީ ތިޔަ ބުނާ މީހެއްގެ ކޮއްކޮއަށް ވީތީ އަބުޑިގެ މަސައްކަތަށް ވަނަ ޙައްޤު ނުވަނީތަ؟ މީގެ ކުރިންވެސް އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަތް.
ވޯލް
26 May 2025
އޭނަގެ މަސައްކަތް ހަޑިއަކޭ ނުބުނަމޭ، އަދި ހުނަރުވެރި އެއް ކަމާމެދު މީހަކު ޝައްކެއް ނުކުރެއޭ. އެކަމަކު ބައެއް ކަންކަމަކީ ތިމާގެ މަސްލަހަތު އަންނަ ހިސާބުން އެއްކިބާ ވާންވާނެ ކަންކަން. އެކަމަކު މިއީ ވަރަށް ވަތަށް މަދު މީހަކަށް ކުރަން ކުރޭ ވަރުގެ ކަމެއް.