26 މެއި 2025 - 12:47
އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖޭގެ މުހައްމަދު ޔާމީން އަމްޕަޔަރުކަންކޮށްފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ނިމުނު ދުނިޔޭގެ އެންމެ ބޮޑު ޓީޓީ މުބާރާތުގައި ޔާމީން އިންސާފުކުރި އެންމެ ބޮޑު މެޗަކީ ވިމެންސް ޑަބަލްސް ފައިނަލެވެ.
މިއީ ރާއްޖޭގެ ޓީޓީ އަމްޕަޔަރަކު އައިޓީޓީއެފްގެ އިވެންޓެއްގެ ފައިނަލުގައި އަމްޕަޔަރުކަން ކުރި ފުރަތަމަ ފަހަރެވެ.
"މިއީ ރާއްޖެ އަށް ތާރީހީ ކާމިޔާބެއް،" ޓީޓީ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ޔާމީން ވަނީ މިދިޔަ އަހަރު އައިޓީޓީއެފްގެ ބްލޫ ބެޖު ހާސިލްކޮށް، އެ ޝަރަފް ހޯދި ރާއްޖޭގެ ފުރަތަމަ އަމްޕަޔަރުގެ ޝަރަފް ހޯދައިފަ އެވެ. މިއީ ޓީޓީގެ އަމްޕަޔާ ލެވެލްގެ ދެ ވަނަ ދަރަޖަ އެވެ.
ޔާމީން ވަނީ ދެކުނު އޭޝިއާ އާއި، އޭޝިއާ ފެންވަރުގެ ވަރަށް ގިނަ މުބާރާތްތަކުގައި ވެސް އިންސާފުކޮށްފަ އެވެ. އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗުތަކަށް ވެސް އޭނާ އިންސާފުކުރި އެވެ.
ވަރަށް ގިނަ ކުޅިވަރުތަކެއްގައި ރާއްޖޭގެ އަމްޕަޔަރުންނާއި، ރެފްރީން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބު ހޯދަމުންނެވެ. އޭގެ ތެރޭގައި ބީޗް ވޮލީބޯޅަ ރެފްރީ ހުސެއިން މުހައްމަދު އަންނަނީ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި އިންސާފުކުރަމުންނެވެ. ކުރިއަށް ބަލާއިރު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިންސްމަންކަން ކޮށްފަ އެވެ. އަދި 2017 ވަނމަ އަހަރުގެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އިންސާފުކުރި އެވެ. ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) ވަނީ ހަމަ އެ އަހަރު ރެފްރީކަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗުޕްކޭ
26 May 2025
ހާ ދާ މޮ ޅޭ ( ތަޖޫގެ ރާގަށް)
ރާވެރިބެ
26 May 2025
ރާއްޖޭގަ އިންސާފު ގާއިމުކުރާތަން މާބޮޑަށް ނުފެނުނަސް ދިވެހި ރެފެރީއިންނާ އަމްޕައަރުން ދުނިޔޭގެ ފެނވަރުގެ މުބާރާތްތަކުން ފެނުމުން އެބައެގޭ ދިވެހިންގެ ތެރޭ އިންސާފަށް ނިންމުން ނިންމަން އެގޭ މީހުން އެބަތިބިކަން. ދެރަ ކަމަކީ ދައުލަތް ހިންގުމުގަ އިންސާފުގެ ބައި މާބޮޑަށް ދެރަވަރު ކަން. ކީއްވެބާ؟