02 ޖޫން 2025 - 14:28
ސަންޓޯސް (ޖޫން 2) - ބްރެޒިލްގެ ތަރި ނޭމާ، 33، އަތުން ގޯލު ޖަހައިގެން އޭނާ އަށް ރަތް ކާޑެއް ދައްކައިފި އެވެ.
ބްރެޒިލް ލީގުގައި ބޮޓަފޮގޯއާ ވާދަކޮށް 1-0 އިން ސަންޓޯސް ބަލިވި މި މެޗުގެ 76 ވަނަ މިނިޓުގައި ސަންޓޯސްގެ ކެޕްޓަން ނޭމާ އަތުން ބޯޅަ ގޯލަށް ފޮނުވާލުމުން ރެފްރީ އޭނާ އަށް ރަތްކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑާ އެކު އެވެ. ބޮޓަފޮގޯގެ ހަމައެކަނި ލަނޑު ޖެހީ އޭގެ އަށް މިނިޓު ފަހުންނެވެ.
މި ގޯލަށް ސަމާލުކަން ހުއްޓިފައި ވާއިރު، ސަޕޯޓަރުން ވަނީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ގޯލާ އަޅާކިޔައިފަ އެވެ. ނޭމާ އަތުން ޖެހިތަން ރެފްރީއަށް ސާފުކޮށް ފެނިގެން، ވަގުތުން ކެންސަލް ކުރި އިރު، މަރަޑޯނާ އަތުން ގޯލު ޖަހައިފައި ވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް ބަލިކުރާށެވެ.
ސަންޓޯސް އާއެކު ނޭމާގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި މި މަހު އެ ޓީމު ކުޅުމަށް ތާވަލް ކޮށްފައި ވެއް އޮތީ ދެ މެޗެވެ. މި ދެ މެޗަށް ވެސް އޭނާ މިވަނީ ސަސްޕެންޑް ވެފަ އެވެ. މިވަގުތު އެ ޓީމު އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 18 ވަނައިގައި، ރެލިގޭޝަން ޒޯނުގަ އެވެ.
ސައުދީގެ އަލް ހިލާލާ އެކު އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރި ނޭމާ، މިދިޔަ ޖެނުއަރީ 30 ގައި ސަންޓޯސްއާ ގުޅުނު ހިސާބުން ވެސް ވަނީ އަނިޔާއެއްގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފަ އެވެ. އެގޮތުން އަށް މެޗުން ގެއްލުނު އިރު އަށް މިހާތަނަށް ކުޅެދިން ޖުމްލަ 12 މެޗުން ޖަހާފައި ވަނީ ތިން ގޯލެވެ. އެ ތިން ގޯލު ވެސް ޖެހީ ސްޓޭޓް ލީގުގަ އެވެ.
ނޭމާ ވަނީ މެޗަށް ފަހު އޭނާއަށް ދެއްކި ރަތް ކާޑާ ގުޅިގެން ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
"މިއަދު އަހަރެން ދަނޑުން ފޮނުވާ ނުލި ނަމަ އަހަރެންނަށް ޔަގީން 3 ޕޮއިންޓް ލިބޭނެކަން،" އިންސްޓަގްރާމްގައި ނޭމާ ކުރި ޕޯސްޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
02 June 2025
ނޭމާމެން އަހުލާގު ދައްކަމުން ނެތް ގެންގުޅެވޭކަށް!