17 ޖޫން 2025 - 09:10
އެޓްލާންޓާ (ޖޫން 16) - އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އިނގިިިރޭސި ކްލަބް ޗެލްސީ ކުޅުނު ފުރަތަމަ މެޗުން 2-0 އިން އެމެރިކާގެ ލޮސް އެންޖެލެސް (އެލްއޭ) އެފްސީ ބަލިކޮށްފި އެވެ.
ފުރަތަމަ ހާފުގައި ޗެލްސީ އަށް ލަނޑު ޖަހައިދީފައި ވަނީ ޕެޑްރޯ ނެޓޯ އެވެ. އަދި ދެ ވަނަ ގޯލު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. އެންޒޯ މި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ކުޅެން އެރި ލިއަމް ޑިލެޕް ނަގައިދިން ހުރަހަކުންނެވެ.
މިއީ، ޗެލްސީގެ ދެ ވަނަ ގޯލު ޖަހަން އެހީވި ޑިލެޕް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ނިމިދިޔަ ޕްރިމިއާ ލީގުގެ ސީޒަނުގައި އިޕްސްވިޗް ސިޓީއަށް 37 މެޗުން 12 ގޯލު ޖަހައިދިން 22 އަހަރުގެ ފޯވާޑް ޗެލްސީއަށް ބަދަލުވީ ޖޫން މަހުގެ ކުރީކޮޅެވެ. ޗެލްސީއާ އެކު ކްލަބް ވޯލްޑް ކަޕް ކުޅުމަށް އޭނާ ވަނީ ސްލޮވާކިއާގައި މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރޯގައި ކުޅޭ އިންގްލެންޑްގެ ސްކޮޑުން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ޗެލްސީ އާއި އެލްއޭ އެފްސީގެ އިތުރުން ހިމެނޭ ބްރެޒިލްގެ ފްލަމެންގޯ އާއި ޓިއުނީޝިއާގެ އެސްޕަރާންޒޭ ޑި ތޫނިސް އެވެ. މި ދެ ޓީމު ހެނދުނު ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ފްލަމެންގޯ އެވެ.
ފްލަމެންގޯގެ ކޯޗަކީ ޗެލްސީއަށް ކުރިން ކުޅުނު ޑިފެންޑަރު ފިލިޕޭ ލުއިސް އެވެ. އަދި ޗެލްސީ މި މުބާރާތަށް ކޮލިފައި ކޮށްދިން 2021 ވަނަ އަހަރުގެ ޗެ ޗެމްޕިއަންސް ލީގާއި، ކްލަބް ވޯލްޑް ކަޕް ހޯދި ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ ވެސް ވަނީ ކްލަބް ވޯލްޑް ކަޕަށް ފްލަމެންގޯއަށް ބަދަލުވެފަ އެވެ. އެލް އޭއެފްސީގެ ފޯވާޑް އޮލިވިއޭ ޖިރޫ ވެސް ވަނީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
ބެޔާން މިއުނިކް ހިމެނޭ ގުރޫޕް ސީގެ ބޮކާ ޖޫނިއާސް އާއި ބެންފީކާ ބައްދަލުކުރި މެޗު ރޭ ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި ތިން ރަތް ކާޑު ފެނުނެވެ. ބޮކާ ޖޫނިއާސްގެ އެންޑަ ހެރޭރާ އާއި ނިކޮލަސް ފިގާލް އަށް ރަތް ކާޑު ދެއްކި އިރު، ދެ ވަނަ ހާފުގައި ކުޅެން އެރި ބެންފީކާގެ އަންޑްރެއާ ބެލޮއްޓީއަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy