01 ޖުލައި 2025 - 08:25
ލަންޑަން (ޖޫން 31) - ވިމްބެލްޑަން ޓެނިސް މުބާރާތުގައި ވާދަކުރާ ރަޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޑެނީލް މެޑްވެޑޭވް ފުރަތަމަ މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ނުވަ ވަނަ އަށް ސީޑް ކުރެވުނު މެޑްވެޑޭވް، 39، ބަލިވީ ފްރާންސްގެ ބެންޖަމިން ބޮންޑީއާ ވާދަކޮށް 3-1 އިންނެވެ. ބޮންޑީ ސެޓްތައް ގެންދިޔައީ 7-6 (7-2)، 3-6، 7-6 (7-3) އަދި 6-2 އިންނެވެ.
ވިމްބެލްޑަން މުބާރާތް ކާމިޔާބު ކުރެވިފައި ނެތަސް މެޑްވެޑޭވް ވަނީ ފާއިތުވި ދެ އަހަރު ވެސް މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. މިހާތަނަށް ގްރޭންޑް ސްލޭމްގެ ހަ ފައިނަލެއްގައި ވާދަކޮށްފައިވާ މެޑްވެޑޭވް ވަނީ 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ.
އެހެން ނަމަވެސް މިއަހަރު މެޑްވެޑޭވް އަށް މިވަނީ ފުރަތަމަ ތިން ގްރޭންޑް ސްލޭމް މުބާރާތުން ވެސް ބޮޑު ނާކާމިޔާބެއް ކުރިމަތިވެފަ އެވެ. އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުން ކަޓާފައި ވާއިރު، ފްރެންޗް އޯޕަންގައި ވެސް ވަނީ ފުރަތަމަ ބުރުން ކަޓައިފަ އެވެ. މިއަހަރު ދެން ބާކީ އޮތީ ޔޫއެސް އޯޕަން އެވެ.
މުބާރާތުގައި އަށް ވަނަ އަށް ސީޑް ކޮށްފައިވާ ޑެންމާކްގެ ހޮލްގާ ރިޔޫން ވެސް ވަނީ ފުރަތަމަ ބުރުގެ މެޗުން ބަލިވެފަ އެވެ. އަދި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ވަނީ މެޗުގެ ތެރެއިން އަނިޔާވެގެން މުބާރާތުން ވަކިވެފަ އެވެ.
އެންމެ ފަހުގެ ވިމްބެލްޑަން ޗެމްޕިއަން ކާލޯސް އަލްކަރާޒް ވަނީ ފުރަތަމަ މެޗުގައި 3-2 އިން އިޓަލީގެ ފަބިއޯ ފޮގްނިނީ ބަލިކޮށްފަ އެވެ. ދެވަނަ އަށް ސީޑް ކުރެވިފައިވާ އަލްކަރާޒްގެ ސެޓްތައް ގެންދިޔައީ ވާދަވެރި ކުޅުމަކަށް ފަހު 7-5، 6-7 (5-7)، 7-5، 2-6 އަދި 6-1 އިންނެވެ.
ތިން ވަނަ އިގައި ސީޑް ކޮށްފައިވާ އެލެކްޒެންޑަ ޒްވެރޭވް، ފްރާންސްގެ އާތާ ރިންޑަނެކާ ވާދަ ކުރާއިރު، އެއް ވަނައިގައި ސީޑް ކުރެވިފައިވާ އިޓަލީގެ ޔަނިކް ސިނާ ފުރަތަމަ ބުރުގައި ވާދަކުރަން ހަމަޖެހިފައި ވަނީ ހަމަ އެ ގައުމުގެ ލޫކާ ނާޑީއާ އެވެ. އަދި ނޯވަކް ޖޮކޮވިޗް ނުކުންނާނީ ފްރާންސްގެ އެލެކްޒެންޑަ މުލާއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy