ހުރާ އާއި ދަޑިމަގު އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ އަދި އޮތީ ތާވަލްގެ ފުލުގަ.-- ފޮޓޯ: ޕީއެސްއެމް
07 ޖުލައި 2025 - 11:50
މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އެޗްޑީސީ ކުޅުނު ފުރަތަމަ ދެ މެޗުން، ފުވައްމުލައް ސިޓީގެ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބް އަތުން ބަލިވެއްޖެ އެވެ.
ހުރާ ކްލަބާ ވާދަކޮށް ރޭ ކުޅުނު މެޗުން އެޗްޑީސީ ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 25-19 އިން ހުރާ ގެންގޮސްފައި ވަނިކޮށް އެޗްޑީސީ ވަނީ 25-22 އިން ދެވަނަ ސެޓު ގެންގޮސް އެއްވަރު ކޮށްފަ އެވެ.
ނަމަވެސް ދެން ކުޅުނު ދެ ސެޓު 25-22 އަދި 25-21 އިން ގެންގޮސްގެން ހުރާ ވަނީ ލީގުގައި ދެ ވަނަ މޮޅު ހޯދައި، ތާވަލުގެ ދެ ވަނައަށް ޖެހިލައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިދޭސީ ކުޅުންތެރިޔާ މިކާލް ވޮއިކިކް އެވެ.
ހުކުރު ދުވަހު ފެށި ގައުމީ ލީގުގައި އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި، އެ ރޭ ދަޑިމަގު ކްލަބާ ވާދަކޮށް ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 25-21 އިން އެޗްޑީސީ ގެންގޮސްފައި ވަނިކޮށް ދަޑިމަގުން ވަނީ 25-21، 25-22 އަދި 25-14 އިން ޖެހިގެން އައި ސެޓްތައް ކާމިޔާބު ކޮށްފަ އެވެ.
ލީގުގެ ފުރަތަމަ މެޗުގައި ހުރާ ވަނީ ޕޮލިސް ކްލަބާ ވާދަކޮށް 25-23، 25-17، 22-25 އަދި 25-23 އިން މޮޅުވެފަ އެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާ ވާދަކޮށް 3-1 ސެޓުން ބަލިވެފަ އެވެ. ޑީއެސްސީ އެ މެޗުގެ ސެޓުތައް ގެންދިޔައީ 25-20، 20-25، 25-17 އަދި 25-23 އިންނެވެ.
ދަޑިމަގު ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން 25-14، 25-22 އަދި 25-11 އިން ބަލިވެފަ އެވެ.
ލީގުގެ އެއް ވަނައިގައި މިވަގުތު އޮތީ އިއްޔެ ހަވީރު ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކުރި ޑީއެސްސީ އެވެ. ޑީއެސްސީ މެޗުގެ ސެޓުތައް ގެންގޮސްފައި ވަނީ 25-18، 25-22 އަދި 25-14 އިންނެވެ.
އެއް ވަނައިގައި އޮތް ޑީއެސްސީ އާއި ދެ ވަނައިގައި މިވަގުތު އޮތް ހުރާ އަށް ވެސް ހަ ޕޮއިންޓް ލިބިފައި ވާއިރު، ތިން ވަނައިގައި އޮތް ދަޑިމަގާއި ހަތަރު ވަނައިގައި އޮތް ޕޮލިސް ކްލަބަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އެޗްޑީސީ އަދި އޮތީ ޕޮއިންޓެއް ނުލިބި ފަސްވަނައިގަ އެވެ. އެ ޓީމަށް ދެން އޮތީ މާދަމާ ހަވީރު ޕޮލިސް ކްލަބާ ދެކޮޅަށް ކުޅޭ މެޗާއި، ބުދަ ދުވަހުގެ ރޭ ޑީއެސްސީއާ ދެކޮޅަށް ކުޅޭ ލީގުގެ ފަހު މެޗެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ގެންދާ ގައުމީ ވޮލީބޯޅަ ލީގުގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy