08 ޖުލައި 2025 - 09:13
ލަންޑަން (ޖުލައި 7) - ވިމްބްލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ އިލެކްޓްރޯނިކް ލައިން ކޯލިން ސިސްޓަމަށް މައްސަލަ ދިމާވީ އޮޕަރޭޓްކުރާ މީހާ އަށް ހެދުނު ގޯހަކުން ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.
ލައިން ޖަޖުންގެ ބަދަލުގައި މިއަހަރު ވިމްބެލްޑަންގައި މުޅިން އަލަށް އިލެކްޓްރޯނިކް ލައިން ކޯލިން ސިސްޓަމް ބަހައްޓާފައި ވާއިރު، އެ ސިސްޓަމަށް މައްސަލަ ދިމާވީ އަންހެން ސިންގަލްސްގައި އެނަސްޓޭޝިއާ ޕަވްލިއުޗެންކޯވާ އަދި ސޮނޭ ކާޓަލް ކުޅުނު މެޗުގަ އެވެ.
ސެންޓަ ކޯޓުގައި އާދިއްތަ ދުވަހު ކުޅުނު ހަތަރު ވަނަ ބުރުގެ މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެން ޕަވްލިއުޗެންކޯވާ ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
ވިމްބެލްޑަން އިން ހާމަކޮށްފައިވާ ގޮތުގައި އެ މެޗު ކުޅުނު ސެންޓަ ކޯޓުގެ ވަކި ހިސާބެއްގައި، ސިސްޓަމް އޮޕަރޭޓްކުރާ ފަރާތްތަކަށް އޮޅުމަކުން ސިސްޓަމް ނިއްވާލެވިފައިވާ ކަމަށެވެ. މިކަން ފާހަގަވީ ކާޓަލްގެ ޝޮޓެއް ބޭސްލައިނުން ބޭރުވުމުން ސިސްޓަމުން ބޯޅަ ބޭރު ކަމަށް ނުގޮވުމުންނެވެ.
"ކޯޓުގެ އެ ސަރަހައްދުގައި އީއެލްސީ (އިލެކްޓްރޯނިކް ލައިން ކޯލިން) އަށް ތިން ކޯލެއް ފާހަގަ ނުކުރެވުނު. މީގެ ތެރެއިން ދެ ކޯލެއް ޗެއާ އަމްޕަޔަރު ވަނީ ކޮށްފައި. އަދި އަމްޕަޔަރަށް ސިސްޓަމް ނިއްވާލެވިފައިވާކަން އަންގާފައެއް ވެސް ނުވޭ،" ވިމްބެލްޑަން އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"ތިންވަނަ ކޯލްގެ ފަހުން، ޗެއާ އަމްޕަޔަރު މެޗު ހުއްޓުވައި ރިވިއު އޮފިޝަލާ މަޝްވަރާކުރި. އަދި ނިންމީ އެ ޕޮއިންޓް އަލުން ކުޅެންޖެހޭނެ ކަމަށް."
ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ވިމްބެލްޑަން އަކީ އީއެލްސީ ބޭނުންކުރަން ފެށި ތިން ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ ކޮވިޑް-19 އާ ގުޅިގެން އޮސްޓްރޭލިއަން އޯޕަންގައި ވަނީ 2021 ވަނަ އަހަރު ހުރިހާ މެޗެއްގައި މި ސިސްޓަމް ބޭނުން ކުރަން ފަށައިފަ އެވެ. އޭގެ ކުރީ އަހަރު ޔޫއެސް އޯޕަންގެ ބައެއް ކޯޓުތަކުގައި މި ސިސްޓަމް ބޭނުން ކުރި ނަމަވެސް، ހުރިހާ ކޯޓެއްގައި އީއެލްސީ ބޭނުން ކުރަން ފެށީ 2022ގަ އެވެ.
ވިމްބެލްޑަންގައި މިއަހަރު މިސިސްޓަމް ތައާރަފް ކޮށްފައި ވާއިރު، ކުރިއެކޭ އެއްގޮތަށް ލައިން ޖަޖުން ބައިތިއްބައިގެން ކުރިއަށް ގެންދާ ހަމައެކަނި ގްރޭންޑް ސްލޭމްއަކީ ފްރެންޗް އޯޕަން އެވެ.
އޮޓޮމޭޓެޑް ލައިން-ކޯލިންގ ޓެކްނޮލޮޖީ އަކީ މިހާރު ޓެނިހުގައި އާއްމު އެއްޗަކަށް ވަނީ ވެފަ އެވެ. ފިރިހެނުންގެ އޭޓީޕީ ޓުއާގެ ހުރިހާ މުބާރާތްތަކާއި ގިނަ ޑަބްލިޔުޓީއޭ މުބާރާތްތަކުގައި މިހާރު މި ޓެކްނޮލޮޖީ ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy