މަހްލޫފާއި އޭނާގެ ދަރިފުޅު ލައިބާ އަހްމަދު މަހްލޫފް: ދަރިފުޅުގެ ބޭރު މުބާރާތްތަކުގެ ތަޖުރިބާ ރާއްޖޭގައި ތަންފީޒު ކުރެވޭތޯ ބަލަން މަހްލޫފް ވަނީ ބެޑްމިންޓަން ކްލަބެއް އުފައްދާފަ
10 ޖުލައި 2025 - 13:00
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމުމާ އެކު އެ ސަރުކާރުގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުން ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެވެ. ނުވަތަ ސިޔާސީ ކޮންމެވެސް ހަރަކާތެއްގައި މަސްއޫލުވި އެވެ. އެކަމަކު އެ ސަރުކާރުގެ ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަވަދިނެތި އުޅުނީ ދަރިފުޅުގެ ބެޑްމިންޓަން ކެރިއާ އެހެން ހަރުފަތަކަށް ގެންދެވޭތޯ އެވެ.
ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ހޯދި ކުރިއެރުންތަކާ އެކު ލައިބާ އަހްމަދުދު މަހްލޫފް (އެލީ) ވަނީ ކާމިޔާބުތައް ވެސް ހޯދާފަ އެވެ. މިދިޔަ މަހު އަރްމީނިއާގައި ބޭއްވި ޖޫނިއާ މުބާރާތް އެލީ ކާމިޔާބު ކުރި އެވެ.
އެ ދަތުރުތަކުން އެލީ އަށް ލިބެމުން ދިޔަ ކުރިއެރުންތަކާ އެކު މަހްލޫފް ވެސް ވަނީ ކަންކަން ދަސްކުރައްވައިފަ އެވެ. އެކަންކަން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނަށް ވެސް ހިއްސާ ކުރުމުގެ މަގްސަދުގައި އޭނާ އުފެއްދީ ބެޑްމިންޓަން ކްލަބެކެވެ.
"ދަ ބެޑްމިންޓަން ކްލަބް" ގެ ނަމުގައި އޭނާ އުފެއްދި ކްލަބުގެ ފަރާތުން ބާއްވާ ފުރަތަމަ މުބާރާތް ސެޕްޓެމްބަރު މަހު އޮންނާނެ އެވެ.
ލައިބާ އަހްމަދު މަހްލޫފް ބޭރުގެ މުބާރާތެއްގައި ވާދަ ކުރަނީ
މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި ބާއްވާ މުބާރާތް ހާއްސަކުރަނީ އުމުރުން ނުވަ އަހަރުން ފެށިގެން ދަށުގެ ކުޅުންތެރިންގެ އިތުރުން 19 އަހަރުންދަށުގެ އުމުރުފުރާތަކަށެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރަކު ހަމައެކަނި ބެޑްމިންޓަނަށް ހާއްސަ ކްލަބެއް އުފައްދަން ވީ ކީއްވެ ހެއްޔެވެ؟
"އަޅުގަނޑަށް (މި ދޮޅު އަހަރުތެރޭ) މި އުޅެވުނީ މީގެ ތެރޭގައި. ދަ ބެޑްމިންޓަން ކަލްބްގެ ނަން ކީނަމަ ވެސް އެހެން ކުޅިވަރުތަކުގައި ވެސް ބައިވެރިވެވޭނެ ގޮތަށް ރަޖިސްޓަރީކޮށްފައި އިންނާނީ،" މިދިޔަ އަހަރު ފަހުކޮޅު ރަޖިސްޓަރީ ކުރި ކްލަބާ ބެހޭގޮތުން މަހްލޫފް ވިދާޅުވި އެވެ.
ދަރިފުޅު ލައިބާއާ އެކު މުބާރާތްތަކަށް ކުރި ދަތުރުތަކުގައި ދަރިފުޅަށް ލިބުނު ތަޖުރިބާ އާއި ދަސްވި ކަންކަން ރާއްޖޭގައި ތަންފީޒުކޮށްފިނަމަ އޭގެ ފައިދާ ދިވެހި ޖޫނިއާ ކުޅުންތެރިންނަށް ކުރާނެކަން ވިސްނިވަޑައިގެންނެވިކަމަށް މަހްލޫފް ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުމެންގެ ރާއްޖޭގައި ހަދާގޮތެއް ޖޫނިއާ މުބާރާތްތަކުގައި ބައިވެރިވާ ކުދިން ގިނަ ވީމަ ފުރަތަމަ ބުރުން ފެށިގެން ވެސް ނޮކައުޓް މެޗުތަކެއް ކުޅުން. އެހެންވީމަ ވާގޮތަކީ އައްޑޫން އަންނަ ކުޅުންތެރިޔާ ވެސް ފުރަތަމަ މެޗުން ބަލިވާއިރަށް މުބާރާތް ނިމުނީ،" ތަފުސީލާ އެކު މަހްލޫފް ވިދާޅުވި އެވެ.
ލައިބާ އަހްމަދު މަހްލޫފް
"ބެލެނިވެރިންގެ ވެސް ވަރަށް ބޮޑު ޝަކުވާއަކަށް އެކަން ވެފަ އޮންނަނީ. އަޅުގަނޑުމެންގެ ފުރަތަމަ މުބާރާތުގައި މި ނިންމީ ނޮކައުޓް އުސޫލަކުން މުބާރާތެއް ނުފަށާނެ. ވާދަކުރާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭނެ މަދުވެގެން ތިން ހަތަރު މެޗު ކުޅެން."
އޭނާ ވިދާޅުވީ ޔޫރަޕާއި އޭޝިއާގެ ބައެއް އެހެން ގައުމުތަކުގައި ބާއްވާ ޖޫނިއާ އަދި ޔޫތު މުބާރާތުގެ އޮނިގަނޑު އެކުލަވާލާފައި އޮންނަނީ ގިނަ މެޗުތައް ކުޅެގެން ތަޖުރިބާ ހާސިލުވާނެ ގޮތަށް ކަމަށެވެ.
ޖޫނިއާ އުމުރުގެ ކުޅުންތެރިންނަށް ބޭރުގެ މުބާރާތްތަކަށް ދިއުމުގެ ފުރުސަތުތައް ގިނަ ފަހަރަށް ނުލިބެ އެވެ.
މަހްލޫފް ވިދާޅުވީ ދަ ބެޑްމިންޓަން ކްލަބްގެ މުބާރާތުގައި ބޭރުގެ ކުޅުންތެރިން ވެސް ބައިވެރިވާނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މަސައްކަތް މި ކުރަނީ ބޭރުގެ ޖޫނިއާ ކުޅުންތެރިން ވެސް މި މުބާރާތުގައި ކުޅެން ގެނެވޭތޯ،" މަހްލޫފް ވިދާޅުވި އެވެ.
އެ މަސައްކަތް ކާމިޔާބު ވެއްޖެނަމަ އެއީ ރާއްޖޭގެ ޖޫނިއާ ކުޅުންތެރިންނަށް ލިބޭނެ ކުރިއެރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާލީލާ
12 July 2025
މޮޅެތިކުދިން އެބަތިބި. ސްޓެލްކޯއިން ބަލާ މިންގަނޑުން މޮޅުވިޔަކަސް ސްޕޮންސަރ އަދި ނުލިބޭ.
އަޒީޗު
12 July 2025
ކޮންމެ މީހަކު ވެސް މާ މޮޅު ކޮމެންޓު ނުކޮއް ކަންކުރެވޭތޯ ބަލާބަލަ... ހަމައެކަނި ލާރި ހުރިޔެކޭ ކިޔާފަ އެކަމެއް ނުވާނެ ދަރީގެ ހިއްވަރާ ބެލެވެރިޔާގެ ވަގުތާ ހިއްވަރަކީވެސް ވަރަށް މުހިއްމުބައެއް ... ދެންވެސް ބޭކާރު އަނގަނުތަޅާ ހިއްވަރު ހުރިބަޔަކު ނިކުންނަންވީ އެއްނުން
ދެންކިޔާ އިންޓަރނޭޝަނސލް
12 July 2025
ކޮމިޝަންޑް މުބާރާތަކުން އެއްޗެއްނުލިބޭ. ކަންމަތީ މުބާރާތްތައް ހުންނާނެ ކޮންމެ ގައުމެއްގަވެސް.
އަހުމިއްޓޭ
10 July 2025
ޖަޒުބާތުގައި ކްލަބެއް އުފެއްދީ ދަރިފުޅަށް ކުރިއެރުންހޯދަދޭން. ސުވާލަކީ ރެކެޓް ހިފަހައްޓާލަން އާދައިގެ އާއިލާއެއްގެ ހުނަރުވެރި ކުޅުންތެރިއެއް ނުކުމެއްޖެނަމަ އެކުއްޖާގެ ރެކެޓް އަތުނުލާ ކެތްކޮށްލެވޭނެތޯ. ؟
ޙަހަން
11 July 2025
ޔަގީން ނުވާނެ.. ލާރިހުރީމަ ތި ކާމީޔާބީ އެއް ތިލިބުނީ.. ތިޔައް ވުރެ މާ މޮޅެތި ކުދިންވެސް ތިބޭނެ ފުރުސަތު ނުލިބިފަ