ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ.
11 ޖުލައި 2025 - 14:15
ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ އާ މިއުޒިކް އަލްބަމެއް އިއްޔެ ރިލީޒްކޮށްފި އެވެ.
"ސްވެގް" ކިޔާ މި އަލްބަމްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބީބާ ކުރިން ބުނެފައި ނުވެ އެވެ. އެހެންވެ، މިއީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެކެވެ.
ޖުމްލަ 21 ލަވަ ހިމެނޭ މި އަލްބަމްގެ ލަވަތައް މިހާރު ސްޕޮޓިފައި އާއި އެޕަލް މިއުޒިކް ކަހަލަ މިއުޒިކް ސްޓްރީމިން ޕްލެޓްފޯމްތަކުން އަޑުއަހާލަން ލިބެ އެވެ. އަދި މި އަލްބަމްގައި ބީބާއާ އެކު އެހެން ލަވަކިޔުންތެރިން ކިޔާފައިވާ ލަވަތައް ވެސް ހިމެނެ އެވެ.
"ސްވެގް"އަކީ ބީބާގެ ހަތްވަނަ އަލްބަމެވެ. ބީބާ މިއުޒިކް އަލްބަމެއް މި ގެނެސްދިނީ ހަތަރު އަހަރު ފަހުންނެވެ. އަދި މިއީ އޭނާ ބައްޕައަކަށް ވި ފަހުން ގެނެސްދިން ފުރަތަމަ އަލްބަމެވެ. ބީބާ އާއި އޭނާގެ އަންހެނުން އަދި މޮޑެލް ހެއިލީ ބީބާއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އަހަރު އޮގަސްޓުގަ އެވެ.
ބީބާ އެންމެފަހުން ގެނެސްދިން "ޖަސްޓިސް" އަލްބަމް ނެރުނީ 2021 ވަނަ އަހަރު އެވެ. އެ އަލްބަމް ވަނީ ބިލްބޯޑް ޓޫހަންރެޑުގެ އެންމެ މަތީގައި ދެ ހަފުތާ ވަންދެން ހިފަހައްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy