ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ވެންހާލް: މީގެ ތިން އަހަރު ކުރިން ކެންސަރު ޖެހިފައިވާ ކަމަށް އޭނާ އިއުލާން ކުރި. މިހާރު އޭނާ ބުނަނީ ބަލިން ފަސޭހަ ވެފައިވާ ކަމަށް --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް
13 ޖުލައި 2025 - 14:14
މީގެ ތިން އަހަރު ކުރިން ކެންސަރު ޖެހުނު ކަމަށް އިއުލާން ކުރި، ނެދަލެންޑްސްގެ ކުރީގެ ކޯޗު ލުއިސް ވެން ހާލް އެ ބަލިން ފަސޭހަ ވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
އޭޕްރީލް 2022 ގައި ނެދަލެންޑްސްގެ ޓީވީ ޗެނަލެއް ކަމަށްވާ އާރްޓީއެލް އަށް ދިން އިންޓަވިއުގައި ވެންހާލް ބުނީ އޭނާ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ކެންސަރު ބަލީގެ ވާހަކަ އިއުލާން ކުރި އިރު އޭނާ ހުރީ ނެދަލެންޑްސްގެ ގައުމީ ކޯޗުގެ މަގާމުގަ އެވެ. އެ އަހަރު ނޮވެމްބަރު، ޑިސެމްބަރުގައި ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ނެދަލެންޑްސްގެ ޓީމަށް އިރުޝާދު ދިނެވެ.
މިދިޔަ ހުކުރު ދުވަހު ހަމަ އެ ޓީވީ އަށް ދިން އިންޓަވިއުގައި ވެންހާލް ބުނީ ކެންސަރުގެ ބަލިން އޭނާ އަށް މިހާރު އަރައިގަނެވިފައިވާ ކަމަށެވެ.
" "މީގެ ދެ އަހަރު ކުރިން ބައެއް އޮޕަރޭޝަންތަކެއް ކުރިން. އޭރު ދިޔައީ ގޯސްކޮށް. ވަރަށް އުނދަގޫވި. ނަމަވެސް އެންމެ ފަހުން ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް. ކޮންމެ މަހަކު އެއް ފަހަރު ޗެކަޕް ހަދަން. އެކަން ވެސް ދަނީ ރަނގަޅަށް. މިހާރު އަހަރެން މި އަންނަނީ މަޑުމަޑުން ފިޓްވަމުން،" އަޔެކްސް އާއި ބާސެލޯނާގެ ކުރީގެ ކޯޗު ބުންޏެވެ.
އުމުރުން 73 އަހަރުގެ ތަޖުރިބާކާރު ބުނީ އަލުން ކޯޗު ކަމަށް ނުކުންނަން ތައްޔާރު ކަމަށެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި އޭނާ އިސްކަން ދޭނީ ގައުމީ ޓީމެއްގައި އެ މަގާމު އަދާކުރަން ކަމަށް މި ވަގުތު އަޔެކްސްގެ އެޑްވައިޒަރުގެ މަގާމުން އަދާކުރަމުން އަންނަ ވެންހާލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy