14 ޖުލައި 2025 - 00:06
ލަންޑަން (ޖުލައި 13) - ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް، ބަލިކޮށް އިޓަލީގެ ޔަނިކް ސިނާ، ފުރަތަމަ ފަހަރަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ސެންޓަ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް 6-4 އިން އުމުރުން 22 އަހަރުގެ އަލްކަރާޒް ކާމިޔާބު ކުރި އެވެ. އެކަމަކު ސިނާ، މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި، ޖެހިގެން އައި ތިން ސެޓު 6-4، 6-4 އަދު 6-4 އިން ކާމިޔާބު ކޮށްގެންނެވެ.
މިއީ އުމުރުން 23 އަހަރުގެ ސިނާ ޖެހިޖެހިގެން ކުޅުނު ހަތަރުވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. މިދިޔަ އަހަރުގެ ފަހު ސްލޭމް ކަމަށްވާ ޔޫއެސް އޯޕަން ކާމިޔާބު ކުރި ސިނާ ވަނީ މި އަހަރު މިހާތަނަށް ކުޅުނު ތިން މުބާރާތުގެ ފައިނަލްގައި ވެސް ވާދަ ކޮށްފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ސްލޭމް، އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރި ނަމަވެސް، ފްރެންޗް އޯޕަންގެ ފައިނަލުން ސިނާ ބަލިވީ އަލްކަރާޒް އަތުންނެވެ.
ވިމްބެލްޑަން އާއެކު އިޓަލީގެ ސިނާ މި ވަނީ ޖުލްމަ ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ކާމިޔާބު ކުރީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތެވެ.
ހަމައެއާއެކު އޭނާ ވެފައި ވަނީ ވިމްބެލްޑަން ކާމިޔާބު ކުރި ފުރަތަމަ އިޓަލީގެ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އިޓަލީގެ ކުޅުންތެރިއަކު ފައިނަލްގައި ކުޅެފައި ވަނީ 2021 ވަނަ އަހަރެވެ. އެ އަހަރުގެ ފައިނަލްގައި އިޓަލީގެ މަޓެއޯ ބެރެޓިނީ ބަލިވީ ނޯވަކް ޖޮކޮވިޗް އަތުންނެވެ.
އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ޕޮލެންޑްގެ އީގާ ސްވިއާޓެކް ހޯދީ އިއްޔެ ކުޅުނު ފައިނަލްގައި އެމެރިކާގެ އަމަންޑާ އަނީސިމޯވާ ބަލިކޮށްފަ އެވެ.
ސްވިއާޓެކް ވަނީ 6-0، 6-0 އިން ސީދާ ދެ ސެޓް ކާމިޔާބު ކޮށްގެން، ވިމްބެލްޑަން ކާމިޔާބު ކުރި ފުރަތަމަ ޕޮލެންޑްގެ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
މިއީ އަމަންޑާ ގްރޭންޑް ސްލޭމް ފައިނަލެއް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ސްވިއާޓެކް ވިމްބެލްޑަންގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މިހާތަނަށް ގްރޭންޑް ސްލޭމްގެ ފައިނަލްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. މީގެ ކުރިން ވަނީ ހަތަރު ފަހަތު ފްރެންޗް އޯޕަން ކާމިޔާބު ކޮށް، އެއް ފަހަރު ޔޫއެސް އޯޕަން ވެސް ކާމިޔާބު ކޮށްފަ އެވެ.
އެމެރިކާގެ އަމަންޑާ ވެފައި ވަނީ، 1911 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޑޯރާ ބޫތުބީ އަށް ފަހު، ވިމްބެލްޑަންގެ ފައިނަލްގައި ޕޮއިންޓެއް ނުހޯދި، ބަލިވި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި އެންމެ ފަހުން ޕޮއިންޓެއް ނުލިބި ކުޅުންތެރިއަކު ބަލިވެފައިވަނީ 1988 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ކުޅުނު ސޯވިއެޓް ޔޫނިއަންގެ ނަތާޝާ ޒްވެރޭވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy