ގޯލްޑް ކަޕް އިންތިޒާމުކުރާ ނައިންޓީ ޕްލަސްގެ މެނޭޖިން ޑިރެކްޓާ ޝާޒްލީ އާއި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު، އެ ރަށުގެ ޓާފް ދަނޑުގައި: ގޯލްޑް ކަޕްގެ ކ. އަތޮޅުގެ ކޮލިފައިން ބާއްވާނީ ހިންމަފުށީގައި
17 ޖުލައި 2025 - 12:24
ފުޓްބޯޅައިގެ ފޯރި ގަދަކޮށްލި ގޯލްޑް ކަޕްގެ ކ. އަތޮޅު ކޮލިފައިން ހިންމަފުށީގައި ބާއްވަން އެ ރަށު ކައުންސިލާ އެކު ސޮއި ކޮށްފި އެވެ.
ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ބާއްވަން ހާމަޖައްސައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ.
ނައިންޓީ ޕްލަސްއިން ވަނީ މިހާތަނަށް ތިން އަތޮޅަކާ އެކު ކޮލިފައިން ބާއްވަން ސޮއިކޮށްފަ އެވެ. އެއީ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅު އަދި މިދިޔަ އަންގާރަ ދުވަހު ސޮއި ކުރި ކ. އަތޮޅެވެ.
ލ. އަތޮޅު ކޮލިފައިން މުބާރާތް އިންތިޒާމުކުރާނީ އެ އަތޮލޫ ކައުންސިލުންނެވެ. ތ.އަތޮޅު ކޮލިފައިން ކުރިއަށްގެންދާނީ ތިމަރަފުށީގަ އެވެ. ކ. އަތޮޅު ކޮލިފައިން ބާއްވާނީ ހިންމަފުށީގަ އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު ވިދާޅުވީ ސެޕްޓެމްބަރު މަސްތެރޭ މުބާރާތް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ ހަފުތާއެއްގެ ތެރޭ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކ. އަތޮޅުގެ ރަށްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ނައިންޓީ ޕްލަސްއިން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޮމެޓިކް ކޮލިފައިން ޖާގަ ދިނުމަށެވެ. ގަދަ އަށެއްގައި ހިމެނިގެން ކ. އަތޮޅުގެ ދެ ޓީމަކުން މިހާރު ވެސް ވަނީ މިފަހަރުގެ މުބާރާތުން ޖާގަ ހޯދައިފަ އެވެ. އެއީ މާފުއްޓާއި ގުރައިދޫ އެވެ.
މިދިޔަ އަހަރުގެ ގަދަ އަށެއްގައި ހިމެނިގެން ދެން މުބާރާތުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކު އަދި ޅ. ނައިފަރެވެ. އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށް މުބާރާތުން ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ.
ގޯލްޑް ކަޕްގެ ކޮލިފައިން އެންމެ ފުރަތަމަ ފަށާނީ ލ. އަތޮޅުންނެވެ. އެ އަތޮޅުގައި ކޮލިފައިން ބާއްވާނީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ލާމަސީލް ލާމް ފުޓްބޯޅަ ޓޯނަމެންޓްގެ ތެރެއިންނެވެ. އެ މުބާރާތުގެ މިފަހަރުގެ ޗެމްޕިއަން ޓީމަށް ގޯލްޑް ކަޕުގެ ލ. އަތޮޅުގެ ޖާގަ ކަށަވަރުވާނެ އެވެ.
މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.
ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.
މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy