މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް ޑިސަނާޔަކެގެ ޝަރަފުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް މުއިއްޒު ބޭއްވެވި ރަސްމީ ޖާފަތުގައި އިސްލާމިކް މިނިސްޓަރު ޝަހީމް އަދި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޮން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
30 ޖުލައި 2025 - 10:50
ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން އދ. ގައި މިހާރު ކުރިއަށް ގެންދާ ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމަށް އެމެރިކާ އަށް ވަޑައިގަންނަވަން ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިސާ އަށް އެދިވަޑައިގަތުމުން ވިސާ ނުދީ އެ ގައުމުން ހިފަހައްޓައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެ ތަމްސީލް ކުރަން ނިންމެވީ އިސްލާމިކް މިނިސްޓަރު ޝަހީމެވެ.
އެކަމަކު، އެމެރިކާ އިން ޝަހީމަށް ވިސާ ނުދީ ހިފެހެއްޓުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. އެ ބައްދަލުވުމުގައި އޭނާ ވާހަކަ ވެސް ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ފަލަސްތީނުގެ ސުލްހައިގެ ކޮންފަރެންސްގައި އދ. އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
"ހޯލްޑް ކޮށްފައި ވިސާ ނުދީގެން ޝަހީމަށް އެ ބައްދަލުވުމަށް ވަޑައިގެންނެވޭ ގޮތެއް ނުވީ،" ކަންތައް ދިމާވި ގޮތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ވިސާ ހޯއްދަވަން އާންމު އުސޫލުގެ ތެރެއިން ޝަހީމް ހުށަހެޅުއްވީ ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއަށެވެ.
"ވިސާއެއް ރިޖެކްޓް ކޮށްފިއްޔާ އާންމު ގޮތަކީ އެ މީހަކަށް އެ ކަން އެންގުން،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ޝަހީމް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް މި މައްސަލާގައި ލިބޭ ގޮތެއް ނުވި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ، ފަލަސްތީނުގެ މައްސަލާގައި ހައްލެއް ހޯދާ ކޮންފަރެންސްގައި ރާއްޖެ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ އާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖެއިން ދޭ އެއްބާރުލުން ރަމްޒުކޮށްދޭ ކަމަށެވެ.
އދ. ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައެޅުމަށް ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ އިސްކަން ދެއްވި އެއް ކަމަކީ ފަލަސްތީނުގެ ދިފާއުގައި ރާއްޖެ އިން އަޑު އުފުލާ އުފުލުން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ބައިވެރިވުން ވަރުގަދަ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިޔާޒު ރަށީދު
31 July 2025
އެ ކޮންފަރެންސް އަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ދާންޖެހޭ ސަބަބެއް ނެތް. އެއިރުން އެ ބުނެވެނީ ފަލަސްތީނުގެ މިނިވަންކަމާ ބެހޭ ގޮތުން ރާއްޖޭން ކުރަނީ ދީނީ ދައުވާއެކޭ. ޑިޕްލޮމެޓިކް ވިސްނުމަކުން މިއީ ރަނގަޅު ކަމެއް ނޫން. އެމެރިކާއިން ވެސް މެސެޖް ނަގާނީ އެހެން.
ށސ11
31 July 2025
އަދިވެސް މުޖުރިމު އެމެރިކާއާ ގުޅުން ބަދަހިކުރެވޭތޯ ބަލާތި ސަރުކާރުތަކުން. އެމީހުންނުރުހޭ އެއްޗެއް ބުނާ މީހުނަށް ހަދަނީ ހަދާނެ ގޮތެއް. މިނުލަފާ ބައިގަނޑާ ގުޅުންކަނޑާކަށް ނުވޭތަ އަދިވެސް!!!
ސަމްސިއްޔާ
30 July 2025
ސޮބީހާއަށް (ފުރަތަމަ ކޮމެންޓް) އެމެރިކާ މީހުން ވިސާދޭގޮތްނޭންގެނީ! ފަލަސްތީނާ އެއްކޮޅަށްކަމެއްކުރަން އެމެރެކިއާއިން އެއްބާރުލުމެއްދޭނެހެން ހީވޭތަ؟؟ ހިފެހެެއްޓެން އޮތްގޮތަކަށް ހިފަހައްޓާނެދޭ. އެހެންނޫނަސް އެމެރިކާ ވިސާއަކީހަމަ ހިތައް އެރުން. އެއްވެސް ރީޒަންއެއްވެސް ނޯންނާނެ ރިޖެކްކުރާކަށް
ސާދަ
30 July 2025
އެހެން ޤައުމުތަކުގަވެސް ޑިޕްލޮމެޓުން ތިތަނުން ފެނުނީ. ޝަހީމުގެ ވަޒީފާ އާއި ގުޅޭ ކަމަކަށް ނުވާތީ ވިސާ ނުދިނީ ކަމަށްވެދާނެ. ނަސީބެއްނޫން. މިލިޔަނެއް ސަލާމަތް ކުރެވުނީތި…
އަމަތްޔާތް
30 July 2025
އަނހާ ސަޢުދީ މުހައްމަދާ މިހާގާތްމީހަކަށް އެމެރިކާނުން ކިހިނެއްމިހެދީ...
އަހުމަދު55
30 July 2025
ޝަހީމެއް ނޫން މީގަ ވާހަކައަކީ. ރާއްޖޭގެ އިސްލާމިކް މިނިސްޓަރަށް ވިސާނުދިނީ. މީގެ ރެސިޕްރޮކަލް އެފެކްޓް ނެރުމަކީ ސަރުކާރުގެ ޒިންމާއެއް. ނޫނީ އެމެރިކާއިން މާފަށް އެދެންޖެހޭނެ. ރާއްޖެ ކުޑަވާންޖެހޭނެ ކަމަށް ގަބޫލު ކުރާނީ ފިނޑިން
ހޮޓްކިންގ
30 July 2025
އެމެރިކާމީހުން މިރާއްޖޭގެ މިނިސްޓަރުންނަށްވިސާނުދީ ހިފެހެއްޓީ.އެކަމަކު މިރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގައިވެސް ބޭނުންކުރަނީ އެމެރިކާއިން ސްޕައިކުރާ ޕައިސިސް ސިސްޓަމް. އެހެރީ އެއްކަލަ ގަދަބަސްބުނާ ހޯމްމިނިސްޓަރު އިހުސާންގެ ގަޓްހުރިވަރު.
ސޮބީހާ
30 July 2025
ތި ޝަހީމު ތިއީ ދެންމިދެން މުއީޒު ހޮވޭނެކަން ޔަގީންވީމަ ފުއްމާލި މީހެއް، ބޮޑެތި ގައުމުތަކައް ނޭރޭމީހުން ވަޒީރުންގެ ގޮތުގަ ނުބައިތިއްބެވުން ރަނގަޅުވާނީ،
ގުލްޝަންކިނާރާ
30 July 2025
އެމެރިކާއަކީ އިޒުރޭލްގެ ޕަޕެޓެއް. ނަމުން ޑިމޮކްރަސީ، ކަމުން އެންމެ ބޮޑު ޓެރަރިޒަމަށް ހިތްވަރުދޭ ބައިގަނޑެއް. އެމެރިކާ ފަދައިން މި ދިވެހިރާއްޖެއިންވެސް އެމީހުންގެ މަންދޫބުންނަށް ވިސާ ރެޖެކްޓް ކުރަންޖެހޭނެ.
ސުބޫ
30 July 2025
ދާއިމީ މަންދޫބެއް އ.ދ. އަށް ކަނޑައަޅާފަ ނިއުޔޯކުގަ ބަހައްޓާފަ ހުރުމުގެ ބޭނުމަކީ މިކަހަލަ ކަންތައްތަކުގަ ބައިވެރިވުމެއް ނޫންތަ؟ އިތުރުމީހަކު ދާކަށް ނުޖެހޭނެ.