ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތުން ލޯ މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު: މިއީ ދެކުނު އޭޝިއާގެ މުބާރާތަކުން ރާއްޖޭގެ ފިރިހެން ޓީޓީ ޓިމުން ހޯދި ފުރަތަމަ މެޑަލް --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
02 އޯގަސްޓް 2025 - 12:33
ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތުން ރާއްޖޭގެ ޓީޓީގެ އަންހެން އަދި ފިރިހެން ޓީމު ވެސް ލޯ މެޑަލް ހޯދައިފި އެވެ.
މިދިޔަ ބުދަ އަދި ބުރާސްފަތީގައި ނޭޕާލްގައި ކުރިއަށްދިޔަ މުބާރާތަކީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅުނު ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތެވެ.
އަންހެން ޓީމުގެ ކާމިޔާބަށް ވުރެ، މިފަހަރުގެ މުބާރާތުގައި ފާހަގަ ވީ ދިވެހި ފިރިހެން ޓީމުން ހޯދި ކުރި އެރުމެވެ. ފަސް ގައުމު ވާދަކުރި މުބާރާތަކީ ދެކުނު އޭޝިއާގެ މުބާރާތަކުން ރާއްޖޭގެ ފިރިހެން ޓީމުން ހޯދި ފުރަތަމަ މެޑައްޔެވެ.
ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދާއި ގައުމީ ޗެމްޕިއަން އަޚްޔާރު އަހްމަދު ހާލިދު، މުހައްމަދު ޝައްފާން އިސްމާއީލް އަދި ޒީސްތު ނަސީމު، ހިމެނުނު ޓީމުން ވަނީ ލަންކާ އާއި ބަންގްލަދޭޝް ވެސް ބަލިކޮށްފަ އެވެ. އެއީ ފިރިހެން ޓީމުން ލަންކާ ބަލި ކުރި ފުރަތަމަ ފަހަރެވެ.
ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތުން މެޑަލް ހޯދި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މީގެ ކުރިން، ފާހަގަވެފައި އޮތީ ދިވެހި އަންހެން ޓީމުގެ ކުޅުމެވެ. އެކަމަކު ޓީޓީގެ ތަޖުރިބާކާރަކު ބުނީ އަންހެން ޓީމަށް ވުރެ ފިރިހެން ޓީމުގެ ކުޅުން އެ މުބާރާތުގައި ރަނގަޅު ކަމަށެވެ.
"އެންމެ ބޮޑު ސަބަބަކީ ފިރިހެން ޓީމުން އެ ފަންނަ ވާދަވެރިކަން. ވަކިވަކި ކުޅުންތެރިން ވެސް ވަރުގަދަ އަށް ކުޅެގެން ގައުމީ ޓީމުގައި ހިމެނެނީ. މި ޓީމުގައި ވަރަށް ޕޮޓެންޝިއަލް އެބައޮތް. ދެކުނު އޭޝިއާގެ މުބާރާތުން މިއަށްވުރެ ދުރަށް ދިއުމުގެ،" އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުގައި އެމްބީބީއެސް ކިޔަވަމުންގެންދާ އާއިޝަތު ރަފާ ނާޒިމު ވެސް، ހޫނު މޫސުމުގެ ޗުއްޓިއާ ދިމާވާތީ ރާއްޖެ އައިސް، މިދިޔަ މަހު ބޭއްވި ގައުމީ ރޭންކިން މުބާރާތުގައި ވާދަކޮށް ގައުމީ ޓީމުން ޖާގަ ކަށަވަރު ކުރި އެވެ. ރޭންކިން މުބާރާތުން އޭނާ ދިޔައީ ދެވަނަ އަށެވެ.
ހަ އަހަރު ކުރިން ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދި އަންހެން ޓީމުގެ ކުޅުން މިފަހަރު ދަށެވެ.
މުބާރާތަށް ފަހު އަންހެން އަދި ފިރިހެން ޓީމު މާލެ އައުމުން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އާއި ކުޅިވަރުގެ އިސްވެރިން ވަނީ އެއާޕޯޓުން ޓީމަށް މަރުހަބާ ދަންނަވާފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
"އަންހެން ޓީމުގެ ކުޅުން ދަށްވުމުގައި އެބަހުރި ސަބަބުތަކެއް. ރަފާ އާއި ދީމާއާ ވާދަކޮށްގެން ޓީމަށް އަރަން ކުރަންޖެހޭ މަސައްކަތް ބައެއް ކުޅުންތެރިންނަކަށް ނުކުރެވޭ. ބައެއް ކުޅުންތެރިންގެ ފަރާތުން އެ ކޮމިޓްމެންޓް ނުފެންނަނީ،" ތަޖުރިބާކާރު ބުންޏެވެ.
އޭނާ ބުނީ ކުރީގެ ކުޅުން ދައްކަން އަންހެން ޓީމުގެ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އެހެން ނުނީ އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] ގައި ވެސް އުނދަގޫވާނެ (ޓީމު އިވެންޓުން) މިހާރު ހޯދާފައި އޮތް ކާމިޔާބު ދަމަހައްޓަން،" އައިއޯއައިޖީގެ ޓީމު އިވެންޓުން 2023 ގައި ރަން މެޑަލް ދިފާއު ކުރި އަންހެން ޓީމާ ބެހޭގޮތުން ތަޖުރިބާކާރު ބުންޏެވެ.
ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތް ކާމިޔާބުކޮށް ވޯލްޑް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓަށް ކޮލިފައިވީ އިންޑިއާގެ އަންހެން ޓީމާއި ފިރިހެން ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޔޮމަގުދައްކަވާށި
03 August 2025
ޓީމަކީ އެންމެ ކުޅުންތެރިޔެއްނޫން. ޓީމްގެ މިހިއްމު ކުޅުންތެރިން މަތީ ތައުލީމް ޙާސިލް ކުރަން ދިއުމުންއެކުދިންނަށް ޓްރެއިނިނގ އެއް ނުހެދޭ. ހަސަދަ އަކީ ﷲ ނަހީ ކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެއް. ކުރިންވެސް މުއީ މެން ހޯދިފަދަ ކާމިޔާބެއް ހޯދިފައިނެތް.
ހަޖަމް
03 August 2025
ފިރިހެން ޓީމްވަނީ މިދިޔަ އަހަރުތަކުގައި އެބެންޑަންކޮށްފައި. އަންހެން ޓީމްގެ އެންމެ ކުޅުންތެރިއަކަށްޓަކައި. އެ ޗެލެންޖާއެކުވެސް ފިރިހެންޓީމް ވަނީ އިމްޕްރޫވް ކޮށްފައި. ކުރިއަށް އޮތް އަހަރރުތަކުގައި އަންހެން ޓީމެއް ނޯންނާނެ. ނަމަވެސް ފިރިހެންޓީމެއް ވަރުގަދަކޮށް އުފެއްދިދާނެ. ޓީޓީގެ މެނޭޖްމަންޓް ފީކަޅާވީމާ އެކުޅިވަރުގެ މުސްތަގުބަލްދައްކަނީ ވަރަށް ބަނަކޮށް.
ހަޤީގަތް1
02 August 2025
ކުޅޭނެ ރަނގަޅު މާހައުލެއްނެތް. ރަނގަޅު މޭޒެއް އަދި ބޯޅަ އެއް ނެތް. ކުޅުންތެރިންގެ ޝަކުވާ އަޑުއަހާނެ މެނޭޖްމަންޓް އެއް ނެތް. ދެން ކިހިނެތް ކުރިއަރާނީ. މިއީ އަދި ކުރިއެރުމެއްނޫން.
އަޚް
02 August 2025
މިދިޔަ އަހަރުގެ ޤައުމީ މުބާރާތަށްފަހު ހީކުރެވުނު އަޚުޔާރަކީ ޓީޓީ ފިރިހެން ޓީމްގެ ކުރިމަގު ކަމުގައި. ނަމަވެސް ކަންތައްދިޔައީ ހީކުރެވުނު ގޮތަކަށްނޫން . މިފަހަރުގެ މުބާރާތުގައި ފެނުނީ އެހެންކުޅުންތެރިންނާއި އަޅާ ބަލާއިރު ވަރަށް ދަށްކޮށް.
މައީސ
02 August 2025
ފިރިހެން ޓީމްގައި ޝައްފާން ނެތްނަމަ ތިޔަ މެޑަލް އެއް ނުލިބޭނެ. މުންސިފް ވެސް ރަނގަޅު އެކަމަކު ޓީމް ގެ ރޫޙަކީ ޝައްފާން. ޝައްފާން ހިތްވަރާއި އެކު މަސައްކަތްކޮށްފިނަމަ ކުރިމަގު އެބައޮތް . ޓްރެއިނިންގ ތަކުގައި ބައިވެރިނުވެ ގޭގައި ތިބެގެނެއް ކާމިޔާބެއްނެތް.