ލާމް އަތޮޅު މުބާރާތުގެ ފުރަތަމަ މެޗަށް ދެ ޓީމު ނުކުތުމުގެ ކުރިން: އެ މުބާރާތާ އެކު ގޯލްޑް ކަޕް ކޮލިފައިން ވަނީ ފަށާފަ --- ފޮޓޯ: ލާމަސީލް ލާމް ލައިވް
02 އޯގަސްޓް 2025 - 14:18
ލ. އަތޮޅުގައި ބާއްވާ ލާމަސީލު ލާމް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތާ އެކު ގޯލްޑް ކަޕްގެ ކޮލިފައިން ފަށައިފި އެވެ.
ގޯލްޑް ކަޕްގެ މިފަހަރު މުބާރާތް 28 ޓީމުން ވާދަކުރާ ގޮތަށް ހަމަޖައްސައި 18 ޓީމެއް ކޮލިފައިން މަރުހަލާއިން ކަނޑައަޅަން، ގޯލްޑް ކަޕް އިންތިޒާމުކުރާ ނައިންޓީ ޕްލަސްއިން ނިންމި އެވެ.
ކޮލިފައިން ބާއްވަނީ 18 އަތޮޅުގަ އެވެ. ލ. އަތޮޅުގެ ކޮލިފައިވާ ޓީމު ހޮވަނީ، އެ އަތޮޅު ކައުންސިލުން ބާއްވާ ލާމަސީލު ލާމު ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގެ މިފަހަރުގެ ޗެމްޕިއަން ޓީމު ނިސްބަތްވާ ރަށަށް، ގޯލްޑް ކަޕުގެ ޖާގަ ލިބޭނެ އެވެ.
ގަމުގައި ހުންނަ ޒޯން ސްޓޭޑިއަމްގައި ކުޅޭ މުބާރާތުގައި ހަތް ޓީމު ވާދަކުރެ އެވެ. އެއީ ގަމުގެ ހަތަރު އަވަށުން ހަތަރު ޓީމާއި ފޮނަދޫ އާއި ދަނބިދޫ އަދި މުންޑޫން، ކޮންމެ ރަށަކުން އެއް ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލު ކުރީ ގަމުގެ މުކުރިމަގުގެ އަވަށަށް ނިސްބަތްވާ އައިލެންޑް ޔޫތު ޔުނައިޓެޑްގެ ޓީމާއި ފޮނަދޫގެ ކިޔުއެމް ސްޕޯޓްސް އެވެ. އެ މެޗު 4-0 ކާމިޔާބު ކުރީ މުކުރިމަގު ޓީމެވެ.
ގޯލްޑް ކަޕްގެ އަނެއް 10 ޖާގައިގެ ތެރެއިން އަށް ޓީމަށް ޖާގަ ކަށަވަރުވީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެ ޓީމުތަކަކީ؛ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.
އަނެއް ދެ ޓީމަކީ އިންވިޓޭޝަން އުސޫލުން ދައުވަތު ދޭ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް ބާއްވާ މުބާރާތުގައި ރާއްޖޭގެ ފަސް ސިޓީގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގައި ވާދަ ނުކުރަނީ އެ ދެ ސިޓީ އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy