07 އޯގަސްޓް 2025 - 14:19
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފިނޭންސިން އާ ދެ ޕްރޮޑަކްޓެއް ހައުސިން މާކެޓަށް ތައާރަފުކޮށްފި އެވެ.
އަލަށް ތައާރަފު ކުރި ދެ ޕްރޮޑަކްޓުގެ ތެރެއިން 'ހޮލިޑޭ ހޯމް' އަކީ ކަސްޓަމަރުންނަށް ޗުއްޓީ ހޭދަކުރަން ހޮލިޑޭ ހޯމްއެއް ބިނާކުރުމަށް ދޫކުރާ ފައިނޭންސިން އެކެވެ. މި ޕްރޮޑަކްޓްގެ ހާއްސަ ކަންކަމުގެ ތެރޭގައި ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިމުގައި ހޮލިޑޭ ހޯމް ބިނާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެޗްޑީއެފްސީއިން ހޮލިޑޭ ހޯމްގެ ގޮތުގައި ކަނޑައަޅަނީ ބެޑްރޫމް އަދި އެޓޭޗްޑް ލިވިންގް ރޫމް އަދި ކިޗަން ހުންނަ ގޮތަށް ފަރުމާ ކުރާ ތަންތަނެވެ. އެޗްޑީއެފްސީއިން ބުނީ މިފަދަ ތަންތަނަކީ ޗުއްޓީ ހޭދަކުރަން ހާއްސަކޮށް ހަދާ ތަންތަން ކަމަށާއި މިއީ ކުއްޔަށް ވެސް ދެވޭނެ ތަންތަން ކަމަށެވެ.
އެޗްޑީއެފްސީއިން ހޮލިޑޭ ހޯމް ފައިނޭންސިން ދޫކުރަނީ 12 ޕަސެންޓް ރޭޓުގަ އެވެ. އަދި އެއީ ގިނަވެގެން 20 އަހަރުގެ މުއްދަތަކަށް ބަހައިގެން ފައިސާ ދެއްކޭ ގޮތަށް އަދި ކުއްޔަށް ނަގާފައިވާ ބިމެއް ނުވަތަ އެހެން ބިމެއް ވެސް ރަހުނުގެ ގޮތުގައި ބެހެއްޓުމުގެ ފުރުސަތު ލިބޭ ފައިނޭންސިން ފެސިލިޓީއެކެވެ. މި ފައިނޭންސިން ހޯދުމަށް ޝަރުތު ހަމަވުމުގައި އާމްދަނީގެ ގޮތުގައި މުސާރައިގެ އިތުރުން ކުލިން ލިބޭ އާމްދަނީ އާއި ވިޔަފާރިން ލިބޭ އާމްދަނީ ވެސް ބަލައިގަނެ އެވެ.
އެޗްޑީއެފްސީއިން ދެވަނަ އަށް ތައާރަފްކުރި ލައިޓް ފައިނޭންސިން އަކީ ފަރުނީޗަރު ގަތުމާއި ގެދޮރު މަރާމާތުކުރުމަށް ހާއްސަކޮށް ތައާރަފްކުރި ފެސިލިޓީއެކެވެ. ލައިޓް ފައިނޭންސިން އަކީ އެޗްޑީއެފްސީއިން ރަހުނަކާ ނުލައި ދޫކުރަން ފަށާ ފުރަތަމަ ފައިނޭންސިން ޕްރޮޑަކްޓެކެވެ.
ލައިޓް ފައިނޭންސިން އަކީ އެ ކޯޕަރޭޝަނުގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ސަބް ޕްރޮޑަކްޓެކެވެ. މިއީ ކަބަޑު ސެޓު ބަދަލުކޮށްލަން ނުވަތަ ސޯފާއެއް ގަތުން ފަދަ ކަންކަމަށް ފަސޭހައިން ރަހުނަކާ ނުލައި ނެގޭނެ ފައިނޭންސިންއެއް ކަމަށް އެޗްޑީއެފްސީއިން ބުންޏެވެ. އަދި ވަރަށް އަވަހަށް މި ފައިނޭންސިންގެ އިސްލާމިކް ފައިނޭންސިން އަލްޓަނޭޓިވްއެއް ވެސް ތައާރަފް ކުރާނެ ކަމަށް ބުންޏެވެ.
މި ފައިނޭންސިން އަކީ 15 ޕަސެންޓުގެ ރޭޓުގައި ދޫކުރާ އަދި ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ދެއްކޭނެ ފެސިލިޓީ އެކެވެ. މިއީ ވިދިވިދިގެން 12 ދުވަސްވަންދެން މުސާރަ ޖަމާވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ފެސިލިޓީއެކެވެ. މި ފައިނޭންސިން ލިބޭނީ އެޗްޑީއެފްސީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން މުސާރަ ޖަމާކުރާ ނަމަ އެވެ. މި ފެސިލިޓީ އިން 50،000 އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނެގޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 August 2025
އިންޓަރެސްޓް 12% ވީމަ ތަންކޮޅެއް ކުޑައެއްނޫންތޯ؟. 35% ވަރު ހަދާލަން ފެނޭ.!!!
ދޮން
07 August 2025
މާތްކަލާކޯ ތިޔަތަނުގެ ޕޯޓަލުން ފައިސާ ދައްކާމީހުން އަޕްޑޭޓް ކޮށްބަލަ މަސްދުވަސް ވާއިރުވެސް އަޕްޑޭޓް ނުވޭ ކެޑޭ ފައިސާއެއް ކަސްޓަމަރުންނަކަށް ނޭގޭ ،، ވަރަށް ޙިދުމަތްލަސް