19 އޯގަސްޓް 2025 - 19:31
ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން އެ ޖަމިއްޔާގެ "ޕާޓްނާސް ފޯ ހިއުމޭނިޓީ އިނިޝިއޭޓިވް"ގައި ބައިވެރިވެ، ޕާޓްނާޝިޕް އާ ކޮށްފި އެވެ.
މި އިނިޝިއޭޓިވްގެ ދަށުން ދިރާގަށް ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެ އެވެ.
މި އިނިޝިއޭޓިވްގެ ދަށުން ދިރާގަށް ރެޑް ކްރެސެންުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އެކި ރޮނގުތަކުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވި ވަނީ ރެޑް ކްރެސެންޓުން ކުރަމުން އަންނަ ގައުމީ މަސައްކަތްތަކަށް އެއްބަރުލުންދީ، އެހީތެރިކަން ދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.
މިދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދީފައިވާ ހިދުމަތްތަކާއި މަސައްކަތްތަކުގައި ދިރާގުން ދީފައިވާ އެހީތެރިކަން ރެޑް ކްރެސެޓުން ފާހަގަކުރެ އެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy