ފުޓްސަލް ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލި ބައެއް ކޯޗުން؛ ޓޯޑް، ނިޝާހް، ނިޔާ އަދި ލިއުބީ
19 އޯގަސްޓް 2025 - 22:17
ފުޓްސަލް ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން އެފްއޭއެމުން ހަ ކޯޗަކު އެ މަގާމަށް ކުރިމަތިލައިފި އެވެ.
އެ މަގާމަށް ކުރިމަތިލި ފުޓްސަލް ބެކް ގްރައުންޑް ކޯޗުންގެ ތެރެއިން އެންމެ ހައި ޕްރޮފައިލް ދެ ނަމަކީ މުހައްމަދު އިހްސާން ސައީދު (ޔޫބީ) އަދި ހުސައިން ނިޝާހް އެވެ.
ބިސް ބުރު ސްޕޯޓްސް އެކަޑަމީގައި މަސައްކަތް ކުރަމުން އަންނަ މި ދެ ކޯޗުންނަކީ ފުޓްސަލް ކޯޗިންގައި ރާއްޖޭގެ ތިބި ތަޖުރިބާކާރުންގެ ތެރެއިން އެންމެ މަތީ ލައިސެންސް ހާސިލު ކުރި ދެ ކޯޗުންނެވެ.
އޭއެފްސީ ފުޓްސަލް ކޯޗިން ލެވަލް 2 އަށް ވުރެ މައްޗަށް ފުރިހަމަ ކުރި އެހެން ދެ ދިވެހިންނެއް ނިޝާހް އާއި ޔޫބީ ނެތެވެ. އެ ލައިސެންސް އެ ދެ ކޯޗުން ހާސިލު ކުރީ އޭއެފްސީން، މި އަހަރު އިންޑޮނޭޝިއާގައި ބޭއްވި ކޯހުންނެވެ.
ނިޝާހް ވަނީ މި އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ށ. ފޭދޫ ޓީމަށް ކޯޗުކޮށްދީ އަތޮޅު މުބާރާތުގެ ފައިނަލަށް އެ ޓީމު ގެންގޮސްދީ އެ ޓީމު އަނެއް ބުރަށް ކޮލިފައިކޮށްދީފަ އެވެ. މިހާރު ވެސް ގިނަ ފުޓްސަލް މުބާރާތްތަކެއް އިންތިޒާމު ކުރުމުގައި އޭނާ ހިއްސާވެ އެވެ.
ކުރިން ފުޓްބޯޅަ ކުޅުނު، އެކަމަކު މިހާރު ބޮޑަށް ފުޓްސަލް ގައި މަސައްކަތް ކުރާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒު (ނިޔަޓޭ) އާއި މުހައްމަދު ފުހައިދު (ޓޯޑް) އެވެ.
ނިއު ރޭޑިއަންޓުން 2013 ގައި ސީޒަންގެ ހުރިހާ މެޗެއް އަދި ހުރިހާ ތައްޓެއް ކާމިޔާބު ކުރީ ސީޒަނުގައި ނިޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އޭނާ ވަނީ ފުޓްބޯޅަ ކޯޗިންގައި މިދިޔަ އަހަރު އޭ ލައިސެންސް ހާސިލުކޮށްފަ އެވެ. ފުޓްސަލް ކޯޗިންގައި އޭނާ ވަނީ ލެވަލް އެކެއްގެ ލައިސެންސް ހާސިލުކޮށްފަ އެވެ.
ފުޓްސަލް ޓީމަށް ކޯޗަކު ނެގުމުގައި ފުޓްސަލް ލައިސެންސް 2 ހާސިލުކޮށްފައިވާނަމަ އިސްކަންދޭނެ ކަމަށް ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައި އެފްއޭއެމުން ބުނެފައިވެ އެވެ.
އެ މަގާމަށް އައްޔަން ކުރާ ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭ އަނެއް ޝަރުތަކީ ރާއްޖޭގެ ފެންވަރުގައި ފުޓްސަލް ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވުމެވެ.
އެ މަގާމަށް ދެން ކުރިމަތިލި ދެ ކޯޗުންނަކީ އިނގިރޭސި ވިލާތުގައި ދިރިއުޅެމުންދާ މުހައްމަދު މަހްޒޫމު (މަހޭ) އެވެ. ފާއިތުވި ތިން އަހަރު އިނގިރޭސިވިލާތުގައި ފުޓްބޯޅަ އާއި ފުޓްސަލްގައި ޑެވެލޮޕްމަންޓް މަސައްކަތްތައް ކޮށްފައިވާ މަހުޒޫމް ވަނީ ޔޫއެފާ ސީ ލައިސެންސް ހާސިލް ކޮށްފަ އެވެ. އަދި އޭނާ މިހާރު އަންނަނީ ޔޫއެފާ ބީ ލައިސެންސް ކޯހަށް ކިޔަވަމުންނެވެ.
ދެން ކުރިމަތިލީ މާޒިޔާ އެކަޑަމީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ އަބްދުލް ހަމީދު މުހައްމަދު (ހަމިއްޓެ) އެވެ.
ފުޓްސަލް ކޯޗިން ލެވަލް 1 ހާސިލުކޮށްފައިވާ ހަމީދު ވަނީ ކްލަބް މޯލްޑިވްސް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބްގެ އަންހެން ޓީމަށް ދެ ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބުކޮށް ދީފަ އެވެ. އެ މުބާރާތުގައި މިދިޔަ އަހަރު އޭނާ މަސައްކަތް ކުރީ އެމްއައިބީގެ ކޯޗުގެ ގޮތުގަ އެވެ. މިދިޔަ އަހަރު ބޭއްވި ފުޓްބޯޅަ އޭ ލައިސެންސް ކޯސް ވެސް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯލްޑަން ފުޓްސަލް ޗެމްޕިއަން 2025
20 August 2025
ޗުމްޕު ކޮބާ؟
ޢަލިފުތު
20 August 2025
ނިޔާ އަކީ ރާޢްޖޭގެ ކުލަބު މޯޅްޑީވުސްގެ އެންމެ ކާމިޔާބު ކޯޗު
ފަހެ
20 August 2025
އެންމެ އިގެން ބޭނުންވާ މަޢުލޫމާތެއް މި ޚަބަރުގައެއް ގެންސްދީފައެއް ނެތް. ކޮންމެ ކޯޗެއްގެ މުހިއްމު ކާމިޔާބީތައް ގެނެވެން ވާނެ
އަބީ ބޖ
20 August 2025
މަހްޒޫމު (މަހޭ)އެންމެ ރަގަޅުވާނީ