ގައުމީ ދުވަސް ފާހަގަކުރަން އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
24 އޯގަސްޓް 2025 - 12:56
މިނިވަންކަމާއި ޒިންމާތަކާ އެކު ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަ ކަމަށާއި އަނެކާގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރާ ގައުމީ ދުވަހަކީ ގައުމާ މެދު ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހޭ ދުވަހެއް ކަމަށެވެ. މި ގައުމު ކުރިއަށް ޖީލުތަކަށް އަމާންކަމާއި ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދަކަށް ވެސް އޮތް އަމިއްލަ ޒިންމާއާ މެދު ނަޒަރު ހިންގާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއްް ނޫންކަން އެއީ އަނެކާގެ އަބުރާއި އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫން ކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރު ކުރުމަކީ، ބެލުމެއް ނެތި،" ރައީސް
އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހާ ގުޅިފައި އޮތީ ދިވެހި ވަންތަ ސިފަތަކާއި އެއްބައިވަންތަ ގުޅުންތަކެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމު ކުރިއެރުވުމުގައި ދެން ވެސް ކުރިއަށް ނެރެން ޖެހެނީ ގައުމީވަންތަ ކަމެވެ. ސަރުކާރުތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގައި ގައުމުގެ ކުރިއެރުމަށް ކުރަން ހުރި ކަންކަން ކުރެވުނަސް ހަގީގީ ކުރިއެރުމަކީ ގައުމާ މެދު ކޮންމެ މީހަކު އަމިއްލަ އަށް އަދާކުރަން ޖެހިފައި އޮތް ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މުޖުތަމައުން މިހާރު ފެންނަ ކަންބޮޑުވުމަކީ، ތިމާގެ ކުރިއެރުމަށް ކޮންމެ ފަދަ ގޮތެއް ހަދާފައި ނަމަވެސް އަނެކާގެ އަބުރާއި އިއްޒަތަށް އަރައިގަތުން ކަމަށް ވިދާޅުވި އެވެ. ހުދޫދުން ބޭރުނުވެ، ހައްގުތަކަކާ އެކު ޒިންމާތަކެއް ވެސް އޮންނަ ކަން ގަބޫލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއްް ނޫންކަން އެއީ އަނެކާގެ އަބުރާއި އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫން ކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރު ކުރުމަކީ، ބެލުމެއް ނެތި،" ރައީސް ވިދާޅުވި އެވެ.
"މިނިވަން ކަމެއް ނޫން ހިތަށް އަންނަހާ އެއްޗެއް ދުލުން ބުނެ، ގަލަމުން ލިޔުމަކީ."
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ މާޒީން ފެނުނު ދިވެހިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި ގައުމީ ވިސްނުން ކުރިއަށް ނެރުން ފަދަ ރީތި ސިފަތައް އެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެ އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރީތި ސިފަތަކެއް ހުރި. ދިވެއްސަކަށް ވީތީ ފަހުރުވެރިވާ އެތައް ސިފައެއް އޮތް ގައުމެއް މިއީ. މައިންބަފައިންނަށް އިހްތރާމްކުރޭ. އަވަށްޓެރިންނަށް ކަމޭހިތާ. މުސްކުޅިންނަށް އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ. ކުޑަކުދިންނަށް އަޅާލާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ސިފަތައް މި ގައުމުގައި އަލުން އިޔާދަކުރަން ޖެހެ އެވެ. އެކަން ކުރަން، އަތާއި ދޫ ރައްކާތެރިކުރަން ޖެހޭ ކަމަށާއި އެއީ މުސްލިކަމަށް ވީތީ ވެސް ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެ ވާޖިބު އަދާކުރުމުގެ އަޒުމް އާކުރުމަކީ މިއަދު ގައުމީ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެ ފުރަތަމައަށް، އެންމެ އިސްކަމެއް ދޭންވީ ކަންތައް. އެކަން އެގޮތުގައި ކޮށްފިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމްނެގް ގައުމުގެ މުސްތަގުބަލް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
25 August 2025
ތިޔަ ކަމެއް ފެށި ނިމޭ ހިސާބަށް މިދަނީ.2028 ނުލިބޭނެ. އެހިސާބުން ނިމުނީ.
އޮޅުވާނުލައްވާ ދެފަޅި
25 August 2025
އަބުރަކީ އެމީހަކު އަމިއްލައަށް ރައްކާތެރިކުރާ އެއްޗެއް. މީހުންގެ އިހުތިރާމާ ލޯބި ނުލިބޭނެ ގަދަކަމަކުންނެތް އަދި ދެއްކުންތެރިކަމަކުން. މިހާރު ރައްޔިތުންނަކީ ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން ހޭލުންތެރިވާ ދަރިވަރުން. އެހުރިހާކަމެއް ފެނި ދަސްވެދަނީ އޭގެ ތެރޭންނާއި ޗެޓް ޖީޕީޓީ ޑީޕްސީކް ފަދަ ވަސީލަތްތަކުން. ރައްޔިތުންނާ ވެރީން މިއީ ރޮނގެއްގެ ދެފަރާތުގަ ތިބި ދެބައި މީހުން. ރައްޔިތުން ވެރީންނަށް ބަސް ބުނާނެ އެމަގާމުގައި ތިބިހާ ހިނދަކު. އެއީ ހައްގުގޮތް.
އަދި ލަހެއްނުވެ ...
25 August 2025
ރިޔާސީ އިންތިޚާބްގެ ކުރިން ދަސްނުވެ އޮތް ފިލާވަޅެއް ދެއްތޮ، އަދުރޭ ސަރ އަށްވެސް ތި ފިލާވަޅު ބުނެދޭތި؟؟؟
މަހުދީ
25 August 2025
ނިމިދިޔަ ވެރިކަންތަކުގަ މީން އެއްވެސް ކަމަކަށް ސަމާލުކަން ނުދޭހާ މިންވަރަށް ރައީސް މުއިއްޒުގެ ސަރުކާރުން ސަމާލުކަން ދޭކަން ފާހަގަކުރެވޭ.. ހަމަ ހަގީގަތުގަވެސް މިގައުމު އެބަޖެހޭ އިސްލާހުވާނެ
މޫސާ ޔައިޝް
25 August 2025
އަސްލުވެސް. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން. މިކަން ކޮށްގެން ނުވާނެ.
އަޙްމަދޭ
25 August 2025
ގައުމީ ދުވަހު ގައުމީ ވަންތަކަން ދައްކުވައި ދިނުމަށް، ގައުމިއްޔަތުގެ ރުކުންތައް ވަރުގަދަކުރަން ޖެހޭ، ޢަޤީދާ ވަރުގަދަކޮށް، އިސްލާމީވަންތަ ގައުމިއްޔަތެއް ބިނާކުރަން ޖެހެ. ބަހާއި ޘަޤާފަތް ދިވެހިވެހިތްތަކުގައި ބިންވަޅު ނެނގޭނެ ގޮތް ހަދަންޖެހޭ. އެކަމަކު މިކަންކަން އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދެރަވަރުވަމުން. ގައުމީ ދުވަހުގައި ދައްކާ މޮޅުވާހަކައެކުން މިކަންކަން ހާސިލެއް ނުވާނެ.
ވަދީއު
25 August 2025
މިހެންވެ އަހަރުމެންނަށް ރައީސް މުއިއްޒު ކަމުދަނީ.. އަބަދުވެސް ދީނީ ކަންކަމުގަ އެމަނިކުފާނު އިސްކަންދެއްވާތީ
މަމްދޫހާ.
25 August 2025
މީ މިއަދު އިދިކޮޅުގަ ތިބި މީހުންނަށް ހަޖަމް ނުވާ ވާހަކަޔަކަށް ވިޔަސް ހައްގު ތެދު ވާހަކައެއް. ހަރުކަށި ގާނޫން މިކަމަށް ހެދެންޖެހޭ
ނައުޝޫދް
25 August 2025
ވަރަށް ރަނގަޅު ވާހަކައެއް ރައީސް.. މި މީހުންނަށް ހިވާކަހަލަ ދުލުގެ މިނިވަން ކަމަކީ ތިމާ ހިތުހުރި އެއްޗެހި ކިއުމޭ. އެހެން މީހުންގެ އަބުރަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ވާހަކަ ދެއްކުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެއް ނޫން
ސުފްޔާން
25 August 2025
މިގައުމުން ތި ހަޑިމުޑުދާރު އަމަލު އެބަޖެހޭ އެއްކޮށް ފޮހެވެން، އެއީ ކިތަންމެ ހަރުކަށި ގަވާއިދުތަކެއް ހެދިގެން ވިޔަސް