ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވައިކަރަދޫ ކައުންސިލް ރައީސް އަބްދުﷲ ޒާމިރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 އޯގަސްޓް 2025 - 17:13
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ފެނިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރައްވާ ތަން ކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވައިކަރަދު އަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޒާމިރު ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކެވި އެއް ބޭފުޅަކީ އެއީ ކަމަށް ވާނެ ކަމަށެވެ.
އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރަށު ފަސްގަނޑުގައި ތިބެގެން ކުރަންޖެހޭ ކަންކަން ރަށުގައި ތިބެގެން ކުރެވޭނެ ގޮތެއް ހެދުމާއި ކަންކަމަށް ގޮތް ނިންމުމުގެ ބާރު އެ ރަށަކަށް ހޯދުމަށް ކަމަށް ޒާމިރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވައިކަރަދޫ ކައުންސިލް ރައީސް އަބްދުﷲ ޒާމިރާއި ލޯކަލް މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފް.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން ފުއްދަވައިދެއްވާކަން ފާހަގަ ކުރައްވަމުން ޒާމިރު ވިދާޅުވީ އާސަންދައިން އައިނު ހައްދަން ކުރިން ދެމުން އައި އަދަދު ރައީސްގެ ވައުދާ އެއްގޮތަށް ބޮޑުކޮށްދެއްވާފައިވާ ކަމަށެވެ.
"މިއަދު މި ތަނުން އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރަކީ، އޭރު ކެމްޕޭނުގައި ގޮވި ވާހަކަ ހަގީގަތަކަށް ވެގެން ދިޔަ މަންޒަރު ނޫންތޯ މި ފެންނަނީ. ރާއްޖޭގެ ރައީސް އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެން ވަކިވަކިން ބައްދަލުކުރައްވައި، ކައުންސިލްގައި ހުރި މައްސަލައެއް އޮތަސް އަންހެނުން ކޮމެޓީގެ މައްސަލައެއް އޮތަސް، ފެނަކައިގެ މައްސަލައެއް އޮތަސް ސްކޫލުގައި މައްސަލައެއް އޮތަސް އޮޅުންފިލުއްވާ...." ޒާމިރު ވިދާޅުވި އެވެ.
ވަކިވަކި ރައްޔިތުންގެ ބައްދަލުވުންތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެއީ ރައްޔިތުން ބޭނުންވާ މިނިވަންކަން ކަމަށެވެ.
ޒާމިރު ވިދާޅުވިގޮތުގައި، ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ހަގީގަތަކަށް ހައްދަވައި ދެއްވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިިންނާ އެކު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވުމަށެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ ރައީސް ކޮށްދެއްވާ ކަންކަމަށް ޝުކުރު އަދާކުރެއްވުން ހައްގު ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވައިކަރަދޫ ރައްޔިތުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ވައިކަރަދޫ ރައްޔިތުންނަށް އެ މަނިކުފާނު ކޮށްދެއްވަން ވައުދުވެ ވަޑައިގެން ކަންކަމާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންކަން ހާމަކުރައްވައިފަ އެވެ.
ވައިކަރަދޫ ބަނދަރު މަސައްކަތާއި މޫދަށް އެރޭ ސަރަހައްދަކާއި ފަތާ ޓްރެކެއް އަޅަން ފެށުމާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ އިތުރުން އައުޓްޑޯ ޖިމެއް އަދި ސްކޭޓް ޕާކެއް ހަދައިދިނުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މަސައްކަތްތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށް، ޑިޒައިން ފައިނަލް ވެފައިވާ ކަމަށާއި އަންނަ މަހު އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އަޅަން ފަށައި ނުނިމި އެތައް އަހަރެއް ވެފައިވާ 12 ކްލާސްރޫމުގެ މަސައްކަތާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށާއި އަންނަ ދިރާސީ އަހަރާ އެކު ސްކޫލުގެ އާ ކްލާސްރޫމު ބޭނުން ކުރަން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައުއްޓެ
27 August 2025
ބާކީ ކިތައް ދުވަސް އޮތީ.
އަންދަލޫސިޔާ
27 August 2025
ސަނާ ކިޔަސް، މި ސަރުކާރު ފެއިލްވެއްޖެ. ޑޮލަރު ހުރީ 20 ގައި. ޑޮލަރު 18 ގައި ހުރެގެން އިބްރާހިމް ބާލަން އުޅުނު ކުދިންކޮޅު ކޮބައިބާ؟
ކޮސް
26 August 2025
ވައިޖަހަން ވާހަކަ ދައްކާ ހެދިއަސް ރައްޔިތުން ކުރިމަތީ ކައުންސެލަރު ބޭޒާރުވުން ނޫންކަމެއް ނުވާނެ. އައިނު ހައްދާދޭ ބޮޑު ކިޔުގަ ޖެހިގެން ހުރެ މިބުނީ , އަލަށްހެއްދި އައިނުގެ ސަބަބުން ފެންނަލެއް ރީއްޗޭ....
ކަނބިލި
26 August 2025
ސަރުކާރު ކުންފުނިތައް ބަނގުރޫޓުވުމާއި ވަރަށް ގާތް. ކުންފުނި ނިސްބަތްވާ ދާއިރާ އިތުރަށް ތަރައްގީނުވެ ދަރަނި ބޮޑުވާނެ.
އެން
26 August 2025
ކޮންތާކުން ތި އެތި ފެނުނީ؟
ދެން އަތްޖަހާ
26 August 2025
ދެން ފެނިގެން ބަލަބަލަ ތިބެލާ. އަހަރުމެން ނެތިން އަވާމެންދުރު ބަލާކަށް.
ކޮއެ
26 August 2025
ވައިކަރަދޫ ރައީސް ގައުމުގެ ރައީސް ގޯނި ފުލަށް ތިޔަ ލީ.
އަލީމްގ
26 August 2025
ތިޔަ ރަށައްވީ ވައުދުގެ ތެރެއިން ކިތައް ވައުދު ފުދިގެންތޯ ތިހެނ ތިޔަ ވިދާޅުވީ، ލާމަރުކަޒީ ނިޒާމޭ ކިޔާއިރު ތިޔަ ރަށުން މިހާރު ގޯއްޗެއްވެސް ދެވޭނީ މާލޭ އޮފީހުން ނުވަތަ ރައީސް ބޭނުންވެއްޖެ ނަމަ
ސެހެރު
26 August 2025
އެހެރަފެއްޓީ ނިމޭނެކަން ޔަގީންވާތީ. އަދި ލާމަރުކަޒީ ބިލުގަ އޮތީ ފަހުއަހަރު ބޮޑެތި އިންވެސްޓްމަންޓް ވޯޓައް ކޭންޕޭންކުރުމައް ބޭނުންކޮޮއް ހުސްކޮއްލަފާނެތީ.